އަލީ ޝާހު

ގައުމުގެ މަސްލަހަތު ނުހިފަހައްޓައިފި ނަމަ، ރައްޔިތުން އެއްވެސް ލީޑަރަކަށް އިތުބާރެއް ނުކުރާނެ: ޝާހު

2

އެކުވެރިކަމާއެކު ހަތަރު ލީޑަރުން ގައުމުގެ މަސްލަހަތު ނުހިފަހައްޓައިފި ނަމަ، ރައްޔިތުން އެއްވެސް ލީޑަރަކަށް އިތުބާރު ނުކުރާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީއަށް ސޮއިކުރެއްވުމަށް ފަހު، ވާހަކަދައްކަވަމުން ޝާހު ވިދާޅުވީ ގައުމުގެ މަސްލަހަތަށް ވަރަށް ބޮޑަށް ވިސްނަވަން ޖެހޭ ކަމަށާއި ގައުމު ބިނާވެ، އާރޯކަމާއި ތާޒާކަމާއި ހިތްހަމަޖެހުމާއެކު އަމާން ވެއްޓެއްގައި ކުރިއެރުން ލިބޭނެ ދުވަސްތަކަކަށް ރައްޔިތުން އުންމީދުކުރާ ކަމަށެވެ.

"ރައްޔިތުން އެބަ އުންމީދުކުރޭ ގައުމު ބިނާވެ، އާރޯކަމާއި ތާޒާކަމާއި ހިތްހަމަޖެހުމާއެކު އަމާން ވެއްޓެއްގައި ރައްޔިތުންނަށް ކުރިއެރުން ލިބޭނެ ދުވަސްތަކަކަށް. އެކަން ކުރެވެން އޮތީ އަޅުގަނޑުމެންގެ ހަތަރު ލީޑަރުންނާއެކު ގައުމުގެ ރައީސާއި ނައިބު ރައީސާއެކު އަޅުގަނޑުމެން އެކުވެރިކަމާއެކު މަސައްކަތްކޮށްގެން. އެހެންވީމާ މި މަސައްކަތުގެ ވަރަށް މުހިންމު ބައިވެރިއެއް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމަކީ. އަޅުގަނޑަށް ވަރަށް ކައިރިން އެމަނިކުފާނު މި މަސައްކަތުގައި ކުރެއްވި މަސައްކަތާއި ގުރުބާނީ ފެނިގެންދިޔަ،" އޭނާ ވިދާޅުވިއެވެ.

ޝާހު ވިދާޅުވީ ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމަކީ ގައުމަށް އަބަދުވެސް ވަފާތެރި، އިހުލާސްތެރި ބޭފުޅެއް ކަމަށާއި މި ސަރުކާރަށް އެމަނިކުފާނުގެ ތަޖުރިބާ ވަރަށް މުހިންމު ކަމަށެވެ. އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ ރާއްޖޭގައި މިވަގުތު ސިޔާސީ ގޮތުން އެންމެ ފުންނާބު އުސް، އެންމެ ކުޅަދާނަ އެއް ލީޑަރު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އަދި އަމުދުން ޝެއިޚް އިމްރާންގެ ވާހަކަ ދައްކާކަމަށްވަނީ ނަމަ، އަޅުގަނޑުމެން ގަބޫލުކުރަން ޖެހެނީ އެބޭފުޅާއަކީ ގައުމަށް އިހުލާސްތެރި، ވަފާތެރި ބޭފުޅެކޭ. މި ހަތަރު ބޭފުޅުން މިއަދު އެކުވެރިކަމާއެކު ގައުމުގެ މަސްލަހަތު ނުހިފަހައްޓަވައިފި ނަމަ ދެން އަޅުގަނޑުމެން ރައްޔިތުން އެއްވެސް ލީޑަރަކަށް އިތުބާރެއް ނުކުރާނެ. އެކަން އަޅުގަނޑުމެން ހަނދާން ކުރަން އެބަޖެހޭ ސިޔާސީ މަސައްކަތުގައި އަޅާ ކޮންމެ ފިޔަވަޅެއްގައި. އެހެންވީމާ އަޅުގަނޑު ދެމިހުންނާނީ މި ސަރުކާރާއެކު،" އޭނާ ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟