ޚަބަރު

އެންޓިޑިފެކްޝަން ގާނޫނު ފާސްކުރީ ބޮލުގައި ބަޑި ޖައްސައިގެން: ޝާހު

ޝަހީދާ އަބްދުﷲ ސައީދު

އެންޓިޑިފެކްޝަން ގާނޫނަކީ މެންބަރުންގެ ބޮލުގައި ބަޑި ޖައްސައިގެން ފާސްކުރި ގާނޫނެއް ކަމަށް ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު އަލީ ޝާހު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހުށަހަޅާފައިވާ އެންޓިޑިފެކްޝަން ގާނޫނު އުވާލުމުގެ ބިލަށް ބަހުސްކުރައްވަމުން ޝާހު ވިދާޅުވީ އެންޓިޑިފެކްޝަން ގާނޫނަކީ މަޖިލީހުގައި ބަޔަކު ބަޣާވާތްކޮށްގެން ހެދި ގާނޫނެއް ކަމަށެވެ. އޭނާ ވިދާޅުވީ މަޖިލީހުން ގާނޫނުތައް ހަދަން ޖެހޭނީ ވަކި ބަޔަކު ކަތިލަން ނޫން ކަމަށާއި، މާޒީ އަނބުރައި ގެންނަން ނޫން ކަމަށެވެ. ޝާހު ވިދާޅުވީ ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދެން ޖެހޭނީ ރައްޔިތުން ތަމްސީލުކުރައްވާ މެންބަރުން އަޅުވެތިކޮށްގެން ނޫންކަމަށެވެ.

މަޖިލީހުގައި އޭނާ ތަމްސީލުކުރައްވާ ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅުމާއި ގުޅިގެން ގިނަ ދުވަސްތަކެއް ވަންދެން މަޖިލީހަށް ހާޒިރުވެވަޑައި ނުގެން ހުންނަވަން ޖެހުނު މައްސަލަ ފާހަގަކުރައްވައި ޝާހު ވިދާޅުވީ ސިޔާސީ ފިކުރު ބަދަލު ކުރެއްވީ ދާއިރާގެ ރައްޔިތުންނާ މަޝްވަރާ ކުރެއްވުމަށްފަހު ކަމަށެވެ. އަދި ފާއިތުވެ ދިޔަ ދުވަސްތަކަކީ ރައްޔިތުންނަށް ނިކަމެތިކަން ލިބިގެންދިޔަ ދުވަސްތަކެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

މީގެއިތުރުން މަޖިލީހުގެ ރިޔާސަތު ވަށައިގެން ފެންސް ޖަހައިގެން، މެންބަރުން އަޅުވެތިކޮށްގެން ރިޔާސަތުގައި ނުތިއްބެވޭނެ ކަމަށްވެސް ޝާހު ވިދާޅުވިއެވެ.

އެންޓިޑިފެކްޝަން ގާނޫނުގެ ބަހުސަށް ފުރުސަތު ހުޅުވާލިއިރު، އެގާނޫނު އުވާލުމަށް ހުށަހެޅި ބިލު މިހާރުވަނީ މަޖިލީހަށް ބަލައިގެންފައެވެ. އެގާނޫނު އުވާލުމަށް މިއަދުގެ ބަހުސްގައި ވާހަކަދެއްކެވި ގިނަ މެންބަރުން ވަނީ ތާއީދުކުރައްވާފައެވެ. އެންޓިޑިފެކްޝަން ގާނޫނަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ތަމްސީލުކުރައްވާ ޕާޓީން ވަކިވުން، ނުވަތަ ވަކިކުރުމުން އެމެންބަރަކު ތަމްސީލުކުރައްވާ ގޮނޑި ގެއްލޭ ގޮތަށް ހަދާފައިވާ ގާނޫނެކެވެ.