ޕީޕީއެމްގެ 11000 އަށްވުރެ ގިނަ މެމްބަރުން އެމްޑީޕީއާ ގުޅިފައިވާ ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ސަރުކާރު ކޯލިޝަންގެ ޕާޓީތަކުގެ ލީޑަރުން މިއަދު ބޭއްވި ބައްދަލުވުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޕްރައިމަރީ ކުރިއަށްގެންދަން ނިންމުމާ ގުޅިގެން އެމްޑީޕީއާ ގިނަ މެމްބަރުންތަކެއް ގުޅިފައިވާ ކަމަށެވެ. އަދި އެމްޑީޕީއާ އިތުރަށް ގުޅުނު މެމްބަރުންގެ އަދަދު 34000 އަށްވުރު ގިނަ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
"އަޅުގަނޑުމެން ޕްރައިމަރީ ހިންގާން ފެށުމުގެ ސަބަބުން ޕާޓީގެ މެމްބަރުންގެ އަދަދު ވަރަށް ބޮޑުތަނުން ބޮޑުވެއްޖެ. އަޅުގަނޑު ހަނދާންވާ ގޮތުގައި އިތުރަށް 34000 އަށްވުރެ ގިނަ މީހުން ޕާޓީއަށް ވަދެއްޖެ. މީގެ ތެރެއިން 11000 ކޮންމެވެސް މިންވަރަކީ ޕީޕީއެމް އިން އެމްޑީޕީއަށް ބަދަލުވި މެމްބަރުން،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ ބައެއް ބައެއް ރައްޔިތުންނަކީ ސަރުކާރު ހިމެނޭ ޕާޓީތަކުގައި ތިބެގެން ކުރިއަށްދާން ބޭނުންވާ ރައްޔިތުން ކަމަށާއި އެ އުސޫލުން ނަމަވެސް ވަރަށް ގިނަބަޔަކު އެމްޑީޕީއާ ގުޅިފައިވާ ކަމަށެވެ.
"އެހެންވީމާ އަޅުގަނޑުމެން މިދެކެނީ ހަގީގަތުގައި ޕީޕީއެމްގެ ވަރަށް ގިނަ ބޭފުޅުން އެމްޑީޕީއާ މިހާރު ގުޅިފައި އެވަނީ އަބަދުވެސް ތިބޭ ސަރުކާރާ އެކުގައި މަސައްކަތްކުރަން ބޭނުންވާ ސަރުކާރުގައި އޮންނަ ސިޔާސީ ޕާޓީއަކާ އެކުގައި މަސައްކަތްކުރަން ބޭނުންވާ ރައްޔިތުން. އެހެންވީމާ އެ އުސޫލުން ނަމަވެސް، ވަރަށް ގިނަ މީހުން މިވަނީ އެމްޑީޕީއާ ގުޅިފައި،" ރައީސް ނަޝީދު ވިދާޅުވިއެވެ.