ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ނުވަ ދާއިރާއެއްގެ ޕްރައިމަރީ ނުބާއްވަން އެމްޑީޕީން ނިންމައިފި އެވެ.
އެމްޑީޕީން ބުނީ ނުވަ ދާއިރާއެއްގެ ޕްރައިމަރީ ނުބާއްވަން ނިންމީ އެދާއިރާތަކަށް އިތުރު މީހަކު ކުރިމަތިލާފައި ނެތުމުން ކަމަށެވެ.
އެގޮތުން ގަލޮޅު އުތުރު ދާއިރާ، މާފަންނު އުތުރު ދާއިރާ، ހޯރަފުށި، ބާރަށް، ދިއްދޫ، އަލިފުށީ، މިލަންދޫ، މަހިބަދޫ ދާއިރާ، އަދި ފުވައްމުލަކު އުތުރު ދާއިރާއެވެ. މިއިން ކޮންމެ ދާއިރާއަކަށް ވެސް ކުރިމަތިލުމަށް ފޯމު ހުށަހަޅާފައިވަނީ އެންމެ ފަރާތެއް ކަމަށް އެމްޑީޕީން ބުނެފައިވެއެވެ.
ޕާޓީގެ ޕްރައިމަރީގައި ވާދަކުރާ ފަރާތްތަކުން ފޯމު ހުށަހަޅުމަށް ދިން މުއްދަތު އިއްޔެ ހަވީރު 4:00 އަށް ހަމަވިއިރު، ނިލަންދޫ ދާއިރާ ފިޔަވައި އެހެން ހުރިހާ ދާއިރާއަކަށް ފޯމު ހުށަހަޅާފައިވެއެވެ. ޕްރައިމަރީއަށް 280 މީހުން ވަނީ ފޯމު ހުށަހަޅާފައެވެ.
މަޖިލިސް އިންތިޚާބުގައި އެމްޑީޕީން 87 ދާއިރާއަށް ވާދަކުރަން އެޕާޓީގެ ގައުމީ މަޖިލީހުން ވަނީ ނިންމާފައެވެ. ދާއިރާތަކަށް ޕާޓީގެ ޓިކެޓް ދޭނެ ފަރާތް ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ އޮންނާނީ އަންނަ މަހުގެ 18 ގައި ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.