އެމްޑީޕީ

ނިލަންދޫ ދާއިރާ ފިޔަވައި އެހެން ހުރިހާ ދާއިރާއަކަށް ކުރިމަތިލުމަށް އެމްޑީޕީއަށް ފޯމް ހުށަހަޅައިފި

ޝަހީދާ އަބްދުﷲ ސައީދު

އަންނަ އަހަރުގެ އޭޕްރީލް ހަވަނަ ދުވަހު ބާއްވަން ނިންމާފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓް ދޭނެ ފަރާތެއް ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގައި، ފ. ނިލަންދޫ ދާއިރާ ފިޔަވައި އެހެން ހުރިހާ ދާއިރާއަކަށް ވާދަކުރަން ފޯމު ހުށަހަޅައިފިއެވެ.

''ވަންއޮންލައިން'' އަށް މައުލޫމާތު ދެއްވަމުން އެމްޑީޕީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަފްޝާން ލަތީފު ވިދާޅުވީ ޕާޓީގެ ޕްރައިމަރީގައި ވާދަކުރާ ފަރާތްތަކުން ފޯމު ހުށަހެޅުމަށް ދިން މުއްދަތު އިއްޔެ ހަވީރު 4:00 އަށް ހަމަވިއިރު، ނިލަންދޫ ދާއިރާ ފިޔަވައި އެހެން ހުރިހާ ދާއިރާއަކަށް ފޯމު ހުށަހަޅާފައިވާ ކަމަށެވެ.

އަފްޝާން ވިދާޅުވީ ޕްރައިމަރީއަށް 280 މީހަކު ފޯމު ހުށަހަޅާފައިވާއިރު އޭގެ ތެރޭގައި 259 ފިރިހެނުންނާއި 21 އަންހެނުން ފޯމު ހުށަހަޅާފައިވާ ކަމަށެވެ. އަދި ވިލިމާލެ ދާއިރާއަށް ނުވަ މީހުން ފޯމު ހުށަހެޅި އިރު އެއީ އެންމެ ގިނަ މީހުން ވާދަކުރާ ދާއިރާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އަފްޝާން ވިދާޅުވީ ނުވަ ދާއިރާއަކަށް އެންމެ މީހަކު ކުރިމަތިލާފައި ވާތީ، އެ ދާއިރާތަކުގައި ޕްރައިމަރީއެއް ނޯންނާނެ ކަމަށެވެ. އެގޮތުން ގަލޮޅު އުތުރު ދާއިރާ، މާފަންނު އުތުރު ދާއިރާ، ހޯރަފުށި، ބާރަށް، ދިއްދޫ، އަލިފުށީ، މިލަންދޫ، މަހިބަދޫ ދާއިރާ، އަދި ފުވައްމުލަކު އުތުރު ދާއިރާއަށް ކުރިމަތިލާފައި ވަނީ އެންމެ ފަރާތެއް ކަމަށް އަފްޝާން ވިދާޅުވިއެވެ.

މަޖިލިސް އިންތިޚާބުގައި އެމްޑީޕީން 87 ދާއިރާއަށް ވާދަކުރަން އެޕާޓީގެ ގައުމީ މަޖިލީހުން ވަނީ ނިންމައިފައެވެ. ދާއިރާތަކަށް ޕާޓީގެ ޓިކެޓް ދޭނެ ފަރާތް ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ އޮންނާނީ އަންނަ މަހުގެ 18 ގައި ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.