ކޮލަމް

ވޯޓުގެ ޝަރުޢީ ޙައިޘިއްޔަތު 4

އަބްދުﷲ ފާރޫގް ހަސަން

ތަރުޖަމާ : އަބްދުﷲ ފާރޫގުޙަސަން

4. ހަތަރުވަނަ ސިފަޔަކީ އެމީހެއްގެ ހިތް މަގާމުުގެ ދަހިވެތިކަމުން ހުސްވެގެންވުމެވެ. ތިމާ އަމިއްލަޔަށް މަޤާމަށް ކުރިމަތިލައިގެން ދެއްކޭންވެގެން އުޅޭމީހަކު ކަމުގައި ނުވުމެވެ. ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަ ޙަދީޘް ކުރައްވައިފައިވެއެވެ.

"އަމިއްލަޔަށް މަޤާމަށް ދަހިވެތިވެގެން އުޅޭމީހާއަކީ ވަރަށް ބޮޑު ޚާއިނެކެވެ." (އަބޫދާއޫދު).

މަޤްޞަދަކީ އެމީހެއްގެ ނަޒަރިއްޔާއަކީ ތިމާޔަށް މަޤާމާއި އިޚްތިޔާރުލިބިއްޖެނަމަ އެކަމުގެ އަމިއްލަ ފައިދާ ހޯދުންކަމުގައިނުވުމެވެ. "އަމިއްލަ ބާލީހަށް ބަންޑާރަކަފަލައްވާ" މީހަކަށް ނުވުމެވެ. ތިމާގެ އަމާޒަކީ އުންމަތަށް ޚިދްމަތްކުރުން ކަމުގައި ހެދުމެވެ. ތިމާޔަށް ލިބުނު މަޤާމަކީ ވާޖިބުއަދާކުރުމުގެ ވަސީލަތަކަށް ހެދުމެވެ.

ޙަޤީޤީ މާނައިގެ އިސްލާމީ މުޖްތަމައެއް ޤާއިމުވެއްޖެނަމަ، ހެޔޮލަފާ އަދި ޤާބިލް ކެންޑިޑޭޓުންނަކަށް އަމިއްލަޔަށް މައިދާނަށް ނުކުމެ ޚުދު ތިމާ އަމިއްލަޔަށް އަމިއްލަ ޕްރޮޕެގެންޑާ ކުރާކަށެއް ނުޖެހޭނެއެވެ. އެމީހަކު އަމިއްލަޔަށް ދުވެފުމެ ނުއުޅުނުކަމުގައިވިޔަސް މީހުން އެފަދަ ކެންޑިޑޭޓުން މަޤާމުތަކަށް ހޮވާނެއެވެ. ނަމަވެސް މިޒަމާނުގައި އާއްމުވެފައިމިވާ އިންތިޚާބީ ނިޒާމުގައި މިއޮންނަނީ ކެންޑިޑޭޓުން އިންތިޚާބަށް ކުރިމަތިލުމެވެ. އެހެންކަމުން ޤާބިލު ހެޔޮލަފާ މީހުން އާއްމުން ތިމާމެން ކެންޑިޑޭޓުންނަށް ވާން މަޖްބޫރުކުރޭތޯ އިންތިޒާރުގައި ތިބެގެންނެއް ކަމަކު ނުދާނެއެވެ. އެމީހަކީ ކޮންމެވެސް އިންތިޚާބީ ދާއިރާއެއްގައި ނުފޫޒުހުރި ބަސްވިކޭ މީހަކަށްވެފައި އިންތިޚާބު ކާމިޔާބުކުރެވުމުގެ އެކަށޭނަކަން އޮތްކަމުގައިވާނަމަ މާތްﷲ ގެ ޙަޟުރަތުން ވާގިއެދިހުރެ އެމީހަކު އަމިއްލަޔަށް މައިދާނަށް ނުކުމެ މަސައްކަތްކުރާން ޖެހޭނެއެވެ. އަމިއްލަޔަށް ކެންޑިޑޭޓަކަށް ވެގަތްކަމުގެ އިލްޒާމް ބޮލުގައި އެޅިދާނެތީފަސްޖެހިފައިނުހުރެ ކުރިޔަށް ނުކުންނާންވާނެއެވެ. ހެވާއިނުބައިގެ މިއަރާރުމުގައި ހަމައެކަނި ކުޅިބަލާ މީހަކަށް ވެގެން ހުންނާކަށެއް ނުވާނެއެވެ. އެހެން ހުރެއްޖެކަމުގައިވާނަމަ މާދަމާ ޤިޔާމަތް ދުވަހުން އަންނަނިވިސުވާލާ ކުރިމަތިލާން ޖެހުމަކީ އަޖައިބުވާފަދަ ކަމެއް ނޫނެވެ.

"ތިބާއަކީ މުޖްތަމައުގައި ނުފޫޒެއްވެސް ހުރި، ބަސްވިކޭ މީހަކުކަމުގައި ވެހުރެ، އިސްލާމީ މަސްލަހަތާއި އާއްމު މުސްލިމުން އެދޭގޮތުގެ ދިދަ އުފުލައިލުމުގެ ފުރުސަތުލިބުމުން މީހުން އެކަމަށް އެދިއެދި ތިބިއިރުވެސް އަޅާނުލައި އުންމަތުގެ އޮޑި ފެތިގެން ދިޔައިރުވެސް މަތިފަޑިމަތީގައި ކުޅިބަލާން ހުރީ ކީއްވެގެން ހެއްޔެވެ؟. މުސްލިމު އާއްމުންގެ ބޯމަތިން ޠޫފާނު ދަތުރުކުރިއިރުވެސް ދެނެހުރިކަމަކަށް ނަހަދައި އެއްފަރާތެއްގައި ހުރީ ކީއްވެގެން ހެއްޔެވެ؟."

އާދެ، އެހެންކަމުން ވަލިއްޔުލް އަމުރުކަމަށް ކުރިމަތިލާ ފަރާތްތަކަކީ މަޤާމުގެ ދަހިވެތިކަމާއި އަމިއްލަ އެދުމުން އެއްކިބާވެ ތިބޭ ބަޔަކު ކަމުގައިވާންޖެހެއެވެ. ތިމާޔަށް ލިބޭ މަޤާމަކީ ޤައުމީ ޚިދުމަތުގެ ވަސީލަތަކަށް ހެދުމަށްޓަކައި އެމަޤާމު ހޯދާން މަސައްކަތްކުރާ މީހަކު ކަމުގައިވާންޖެހެއެވެ. ހަމައެފަދައިން ޤާބިލުކަމާއި، މަޤާމުގެ މަސްއޫލިއްޔަތު އުފުލައިގަތުމުގެ ބުންވަރުހުރި، ވިސްނުންތެރީން ބަޔަކު އަމިއްލަޔަށް ތިމައުރެންނަށް ސަމާލުކަންދޭތޯ އިންތިޒާރުގައި ނުތިބުންވެސް ބޭނުމެވެ. އުންމަތް ވޭތުކުރަމުންމިދާ ދަތި ދައުރުގައި ކެންޑިޑޭޓަކަށް ވުމަކީ އިންތިޚާބުގެ ބިންގަލެވެ. އެހެންކަމުން ކެންޑިޑޭޓަކަށް ނުވެ ފަރުޖެހޭ ކަށެއް މިއަދަކުނެތެވެ. ހަމައެކަނި ބޭނުންވަނީ ތިމާ އަމިއްލަޔަށް ތިމާގެ ނަފުސު މުހާސިބާކުރަމުން ގެންދިއުމެވެ. ތިމާގެ ހިތާއި، ސިކުނޑިޔަކީ ހަވާނަފުސުގެ އެދުންތަކާއި ދަހިވެތި ކަމުގެ ހާއްޔަކަށް ވިޔަ ނުދިނުމެވެ. ކެންޑިޑޭޓުން އިންތިޚާބަށް ކުރިމަތިލުމަށް މިހާރު އާއްމުކޮށް މިއޮންނަ ނިޒާމުގައިވެސް އަމިއްލަބޮނޑި ބަނުމަށާއި ޒާތީޖާހަށްޓަކައި ވޯޓު ހޯދާން އުޅޭ މީހުންނާއި، ދީނާއި މިއްލަތަށް ޚިދުމަތްކުރުމުގެ ޖަޒުބާތުގައި ވޯޓު ހޯދާން އުޅޭ މީހުން މާތްﷲ ގެ ރަހްމަތްފުޅާއެކު އާއްމުރައްޔިތުންނަށް ފާހަގަ ކުރެވޭނެއެވެ.

ތިމާގެ އައުލާތްތެރިކަމުގެ ތަޢައްޞުބު

އިސްވެދިޔަތާނގައި ބަޔާން ކޮށްފައިއެވަނީ މުސްލިމުން ތިމާމެންގެ ވެރީންނާއި ތިމާމެންގެ ވަކީލުން ހޮވާން ވޯޓުދޭއިރު ސަމާލުކަންދިނުން ލާޒިމު މުހިއްމު ހަތަރު ކަމެކެވެ. އަޅުގަނޑުމެން އިންތިޚާބުތަކުގައި ވޯޓުދޭއިރު ވޯޓުގެ ޝަރުޢީ ޙައިޘިއްޔަތާއި، ރަނގަޅު މަންދޫބުން ހޮވުމުގައި ބޭނުންކުރަން މިބަޔާންކުރި ސިފަތަކާއި ކަންކަމަށް ސަމާލުކަންދޭނަމަ އިންތިޚާބަކީ ދުނިޔެވަންތަ ކަމުގެ ކެހިވެރި އުކުޅަކަަށް ނުވެ ދީންވެރިކަމުގެ ބަޔަކަށް ހެދިދާނެއެވެ. ނަމަވެސް ހިތާމަޔަކީ އަޅުގަނޑުމެން އަމިއްލަ މަސްލަޙަތު ކުރިއެރުވުމާއި އަމިއްލަ އެދުމުގެ ޝިކާރަކަށްވެފައިތިބޭ ކަމެވެ. އަޅުގަނޑުމެން ބައިބައިވެ އެއްބަޔަކު އަނެއްބަޔެއްގެ ލޭ އޮހޮރައޮހޮރައި ތިއްބައި އެއްބައިވަންތަކޮށް އެކަތިގަނޑަކަށްހެދި އަސްލުގެ މަތީގައި ހަނދާންނައްތައިލައިފައިވާ ކަމެވެ. ކީރިތި ޤުރްއާނުގައި އެކަން ހަނދާންކޮށްދެއްވައި ވަޙީކުރައްވައިފައިވެއެވެ.

"އަދި ތިޔަބައިމީހުން (އެއްބަޔަކު އަނެއްބަޔަކަށް) އަދާވާތްތެރީންކަމުގައިވަނިކޮށް ﷲ ތިޔަބައިމީހުންނަށް ދެއްވި ނިއުމަތް ތިޔަބައިމީހުން ހަނދުމަ ކުރާށެވެ. އެކަލާނގެ ތިޔަބައިމީހުންގެ ހިތްތައް އެކުވެރިކުރެއްވިއެވެ. ދެން އެކަލާނގެ ނިއުމަތުގެ ސަބަބުން ތިޔަބައިމީހުންނީ އަޚުންތަކެއްކަމުގައި ވެއްޖެއީމުއެވެ. (އާލުޢިމްރާނު : 103 )

ހިތާމަ ހުއްޓެވެ. އެމަޤްޞަދެއްގައި އިސްލާމްދީން ފޮނުއްވި މަޤްޞަދުވެސް އަޅުގަނޑުމެން ހަނދާން ނައްތައިލައިފީމުއެވެ. އެއްމިއްލަތެއްގެ ބަދަލުގައި ކޯޅިކޯޅި ވަރަށާއި، ބައިބަޔަށާއި، ފިރުގާތަކަށް ބެހިއްޖައީމުއެވެ. އައުލާތްތެރިކަމުގެ (އައުލާދުގެ) ތަޢައްޞުބުގައި ހައްދުފަހަނަޅައި ހިނގައްޖައީމުއެވެ. މި ޢަޞަބިއްޔަތުތައް އަޅުގަނޑުމެންގެ މައަޗަށް ގަދަވެގަތްލެއް ވަރުގަދަކަމުން އަޅުގަނޑުމެންނަށް ހުރިހާ ކަމެއްވެސް ބަލަން އާދަވެފައިވަނީ ތަޢައްޞުބުގެ ކުލަބިއްލޫރި އައިނުއަޅައިގެންނެވެ. އެކަމަށް އަޅުގަނޑުމެންވަނީ އާދަވެފައެވެ. ނަތީޖާއެއްގެގޮތުން އެއްއަވަށްގަނޑެއްގެ އެއް ދަރިކޮޅެއްގެ މީހުން އަނެއް އަވަށްގަނޑެއްގެ އަނެއްދަރިކޮޅުގެ މީހުންނަށް ވޯޓުދޭން ފަސްޖެހެވޭތަން އަތުވެއްޖެއެވެ. ކުރިމަތިލައިފައިވާ ޑޭޓަކީ ކިތަންމެ ހެޔޮލަފާ ކިތަންމެ ޤާބިލް ނަމޫނާ ކެންޑިޓޭޓަކަށް ވިޔަސްވެހެވެ. ކަޝްމީރީން އާއްމުގޮތެއްގައި ވޯޓުދޭނީ ކަޝްމީރީންނަށެވެ. ކަޝްމީރީ ކެންޑިޑޭޓަކީ އެހެނިހެން ކެންޑިޑޭޓުންނަށްވުރެ ކިތަންމެ ނާޤާބިލު މީހަކަށް ވިޔަސްވެހެވެ. މެމްބަރުން ހޮވާއިރު ޕަޓާނުން ތަރްޖީހުދޭނީ ޕަޓާނުންނަށެވެ. ތިމާގެ ދަރިކޮޅުގެ މީހަކަށްވާތީއެވެ. އަނެއްކޮޅުން އަޅުގަނޑުމެން މާތްނަބިއްޔާ ސައްލަﷲ އަލައިހި ވަސައްލަމަވަނީ މިބާވަތުގެ ޢަސަބިއްޔަތުގެ ޝިކާރަކަށްވެ އެކަމަށް ތާއީދުކުރާ މީހުންނަކީ އަޅުގަނޑުމެން މުސްލިމުންނާ ކުޑަވެސް އިލާގައެއްނެތްމީހުންކަން އަންގައިދެއްވައިފައެވެ.

" ޢަސަބިއްޔަތަށް ގޮވާލާމީހާއަކީ އަހަރެމެންގެ ތެރެއިންވާ މީހެއް ނޫނެވެ. ޢަސަބިއްޔަތަށްޓަކައި ހަނގުރާމަ ކުރާމީހާ އަކީ އަހަރެމެންގެ ތެރެއިންވާ މީހެއް ނޫނެވެ. ޢަޞަބިއްޔަތުގެ ހާލަތުގައި މަރުވެއްޖެމީހާ އަކީ އަހަރެމެންގެ ތެރެއިންވާ މީހެއްނޫނެވެ." (އަބޫދާއޫދު)

ވޯޓުގެ ވިޔަފާރި

އަޅުގަނޑުމެންގެ ސިކުނޑިތަކަށް އެއްފަރާތުން އައުލާތްތެރިކަމުގެ (އައުލާދުގެ) ތަޢައްޞުބު ވެރިވެފައިވާއިރު އަނެއްކޮޅުން އަޅުގަނޑުމެންގެ ގައުމުގައިވަނީ ގަވައިދުން ވޯޓުގެ ވިޔަފާރިކުރާމީހުންވެސް އުފެދިފައެވެ. އެއްބަޔަކު ދިރިއުޅުމަށްޓަކައި ކުރާ މަސައްކަތްތަކީ ވޯޓުގަނެ ވިއްކުންކަމުގައިވަނީ ހަދައިފައެވެ. ފައިސާކޮޅަކަށް ތިމާމެންގެ ޒަމީރު ވިއްކައިލުމަކީ އެފަދަމީހުން ކުޑަކޮށްވެސް ފަސްޖެހޭކަމެއްނޫނެވެ. އަޅުގަނޑު ދެކޭ ގޮތުގައި ވޯޓުގަނެ ވިއްކާމީހުންނަކީ ގައުމާއި މިއްލަތުގެ އެންމެ ބޮޑެތި ޚާއިނުންނެވެ. އެންމެ ބޮޑެތި ދުޝްމަނުންނެވެ. ޣަދަރުވެރީންނެވެ. ޒަމީރު ގަނެވިއްކުމުގެ ނަތީޖާއަކަށްވާނީ މަޑުމަޑުންގޮސް އެބައެއްގެ ޤައުމަކީ އެއްވެސް ޣީރަތްތެރިކަމެއްނެތް، ފިނޑިބަޔަކަށްވުމެވެ. އަމިއްލައެދުމަށް އަޅުކަންކުރާ ބަޔަކަށްވުމެވެ. މަދު ފައިސާކޮޅަކަށްޓަކައި ތިމާގެ ރައުޔުވިއްކާލާ މީހުން މާދަމާ ބޭރުގެ ދުޝްމަނުންނަށް ޖާސޫސުކޮށްދޭމީހުން ކަމުގައްޔާއި ފިފުތުކޮލަމިސްޓުން ކަމުގައި ނުވެ ހިނގައިދާނެއޭ ބުނާނީކާކުތޯއެވެ. ތިމާގެ ޒަމީރު ކަރުގައިހިފައިމަރާލައި، ފައިސާއަކީ ތިމާ އަޅުކަން ކުރާ ފަރާތްކަމުގައި ހަދައިފި ބަޔަކު ކޮންމެފަދަ ކަމެއްކުރާކަށްވެސް ޖެހިލުމެއްނުވާނެއެވެ. އެފަދަމީހުން ތިމާމެންގެ މީސްވަންތަ ކަންވެސް މަރައިލައެވެ. ތިމާމެންގެ ޤައުމީ އަޚްލާޤިއްޔާތުވެސް ޤަތުލުކޮށްލައެވެ.

މަތީގައިވާ ފޮޅުވަތްތަކުގައި ނުހަނު ސަރީހުކޮށް ބަޔާންކޮށްފައި އެވަނީ އަޅުގަނޑުގެ ހިތުގެ އަޑީގެ އިހްސާސުތަކެވެ. އަޅުގަނޑުގެ މި އިޚްލާސްތެރި ދަންނަވައިލުމަށް އިޖާބަދެއްވުމަކީ ތިޔަބެފުޅުންގެ ކަމެކެވެ. ތިޔަބޭފުޅުންގެ ވަލިއްޔުލް އަމްރުން ނުވަތަ ވަކީލުން ހޮއްވެވުމުގެ ފުރުސަތު ލިބިވަޑައިގަތުމުން މާތްﷲ ގެ ރަސްކަންފުޅު ދެކެ ބިރުވެތިވާ، އަމިއްލައެދުމެއްނެތް، އަމާނަތްތެރި، ކިޔަވައިގެންތިބި މީހުން ކުރިޔަށް ނެރުއްވައި އެފަދަމީހުން ހޮއްވެވުމަކީ ތިޔަބޭފުޅުންގެ ވާޖިބެކެވެ. އެފަދަމީހުން އަމިއްލަޔަށް ކުރިޔަށް ނުނިކުތްނަމަ އާއްމުންގެ މައްޗަށް ލާޒިމުވެގެންވަނީ އެފަދަ މީހުންނަށް ކުރިޔަށް ނުކުންނަން މަޖްބޫރުކުރުވުމެވެ. އެފަދަމީހުންނަށް ކާމިޔާބު ހޯދައިދޭން މަސައްކަތްކުރުމެވެ.
އިންތިޚާބަކީ ގައުމެއްގެ ހަޔާތުގައި އިންތިހާ ދަރަޖައިގެ މުހިއްމު ކަމެކެވެ. މިފަދަ ވަގުތުތަކުގައި ހެޔޮވިސްނުމުގެ ބޭނުން ކުރައްވައި ރަނގަޅު މީހުން އިންތިޚާބުކުރައްވައިފިނަމަ ހަޔާތުގެ މައިދާނުގައި ޤައުމުދާނީ ކުރިއަރަމުންނެވެ. ޖުމްހޫރީ ނިޒާމު ދާނީ ބަދަހިވެ ވަރުގަދަވަމުންނެވެ. ރަނގަޅު ކެންޑިޑޭޓުން ނުހޮއްވަވައިފިނަމަ ގެއްލުން ލިބޭނީ ހަމައެކަނި ޤައުމުގެ ޖުމްހޫރީ ނިޒާމަކަށެއްނޫނެވެ. އަހަރުތަކެއްވަންދެން ޤައުމަށްވެސް އެކަމުގެ ގެއްލުމާއި ހަލާކު ބަރުދާސްތުކުރާންޖެހޭނެއެވެ.
(ނިމުނީ)