ސްރީ ލަންކާގެ ބޮޑު ވަޒީރު ކަމުގެ ހުވާ އަނެއްކާވެސް ކުރީގެ ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންގްހާ ކުރައްވައިފިއެވެ.
ރަނިލް އަލުން ބޮޑު ވަޒީރުކަމުގެ ހުވާކުރެއްވީ މިއަދު ހެނދުނު އެ ގައުމުގެ ރައީސް މައިތިރިޕާލަ ސިރިސޭނާގެ ކުރިފުޅުމަތީގައެވެ.
ސިރިސޭނާ އާއި ރަނިލް އާ ދެމެދު އުފެދުނު ހިޔާލު ތަފާތުވުން ތަކާ ހެދި އެ މަގާމުން ރަނިލް ވަކި ކުރައްވައި އެ ގައުމުގެ ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާއަށް ބޮޑުވަޒީރުކަން ދެއްވީ ކުއްލި ގޮތަކަށް އޮކްޓޯބަރު މަހު 26 ގައެވެ. އަދި މީގެ އިތުރުން އެގައުމުގެ ގާނޫނު ހަދާ މަޖިލިސް ވެސް ސިރިސޭނާ އޭރު އުވައިލެއްވި އެވެ.
ނަމަވެސް ގާނޫނު ހަދާ މަޖިލިސް އުވައިނުލެވޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމާ ގުޅިގެން މަޖިލީހު މަސައްކަތް އަލުން ފެއްޓުމާ އެކު މަޖިލީހުން ވަނީ ރާޖަޕަކްސާގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގައިފައެވެ. އެ ވޯޓު ރައީސް ސިރިސޭނާ ގަބޫލުފުޅު ނުކުރެއްވުމުން މަޖިލީހުން ވަނީ ރާޖަޕަކްސާގެ މިނިސްޓަރުންނާއި ސަރުކާރަށް ދޭން ޖެހޭ ބަޖެޓު ވެސް ހިފަހައްޓައިފައެވެ.
ބޭރުގެ ގިނަ ގައުމު ތަކުންވެސް ވަނީ ރާޖަޕަކްސާގެ ސަރުކާރު ގަބޫލު ނުކުރާކަމަށް އަންގައިފައެވެ. އަދި ލަންކާގެ ސުޕްރީމު ކޯޓުން ވަނީ މިދިޔަ މަހު އެގައުމުގެ މަޖިލިސް ސިރިސޭނާ އުވައިލީ ގާނޫނާ ހިލާފަށް ކަމަށް މިދިޔަ ހުކުރު ދުވަހު ހުކުމްކޮށްފަ އެވެ.
މިހުރިހާ ކަމެއް ދިމާވުމާ އެކު ގައުމުގެ މަސްލަހަތަށް ޓަކައި ކަމަށް ވިދާޅުވެ ރާޖަޕަކްސާ ވަނީ އިއްޔެގެ ވަގުތެއްގައި އިސްތިއުފާ ދެއްވައިފައެވެ.
ސިރިސޭނާ ލަންކާގެ ރައީސް ކަމަށް އިންތިޚާބުވީ 2015 ވަނަ އަހަރު އޭރުގެ ލަންކާގެ ރައީސް ކަމުގައި ހުރި ރާޖަޕަކްސާ އާ ވާދަ ކުރައްވައިގެންނެވެ.