ސްރީލަންކާ

ލަންކާގެ ބޮޑު ވަޒީރު ކަމުން ރާޖަޕަކްސާ އިސްތިއުފާ ދެއްވައިފި

މަހިންދާ ރާޖަޕަކްސާ ލަންކާގެ ބޮޑުވަޒީރު ކަމުން މިއަދު އިސްތިއުފާ ދެއްވައިފިއެވެ.

ބޮޑު ވަޒީރު ކަމުން ރާޖަޕަކްސާ އިސްތިއުފާ މި ދެއްވީ މަޖިލީހުން އިތުބާރު ނެތް ކަމުގެ ވޯޓުވެސް ނަގާފައި ވަނި ކޮށެވެ.

ލަންކާގެ ބޮޑުވަޒީރު ކަމަށް ރާޖަޕަކްސަ އައްޔަން ކުރެއްވީ މިދިޔަ މަހުގެ 26ގަ އެވެ. އޭގެ ފަހުން ރައީސް ސިރިސޭނާ ވަނީ ގާނޫނު ހަދާ މަޖިލިސް އުވާލާފައެވެ. ނަމަވެސް އެގައުމުގެ ސުޕްރީމް ކޯޓުން ނޮވެމްބަރު 13ގައި ވަނީ ގާނޫނު ހަދާ މަޖިލިސް އުވައިލަން ނެރުނު ގަރާރަށް އަމަލު ކުރުން ހުއްޓުވާފައެވެ. އަދި ޖެނުއަރީގައި އެގައުމުން ބާއްވަން ތައްޔާރުވަމުން އަންނަ އާންމު އިންތިހާބުގެ މަސައްކަތްވެސް ވަނީ ސުޕްރީމް ކޯޓުން އިއްޔެ ހުއްޓުވައިފަ އެވެ.

ބޮޑުވަޒީރުކަމުގެ މަގާމުގައި ކުރިން ހުންނެވި ރަނިލް ވިކްރަމަސިންހަގެ ޕާޓީ ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ) އިސްވެ އޮވެ އުފައްދާފައިވާ ސަރުކާރުގެ ކޯލިޝަނުން ލަންކާގެ ރައީސް ސިރިސޭނާ ނިސްބަތްވާ ޕާޓީ ޔުނައިޓެޑް ޕީޕަލްސް ފްރީޑަމް އެލަޔަންސް (ޔޫޕީއެފްއޭ)އިން ވަކިވުމަށް ނިންމައި ސިރިސޭނާ ވަނީ، ރަނިލް ބޮޑުވަޒީރު ކަމުން ވަކިކޮށް ރާޖަޕަކްސާ އައްޔަންކޮށްފައެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި ސިރިސޭނާ ވަނީ އިއްޔެ ރަނިލްއާ ފޯނުން ގުޅުއްވައި ވާހަކަ ދައްކަވައިފައެވެ. އަދި މާދަމާ ހެދުނު 10 ޖަހާއިރު އެގައުމު ބޮޑުވަޒީރު ކަމުގެ ހުވާ އަނެއްކާވެސް ރަނިލް ކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ރާޖަޕަކްސަގެ ދަރިކަލުން ނަމާލް އިއްޔެ ކުރެއްވި ޓުއީޓެއްގައި ވިދާޅުވި ގޮތުގައި ރާޖަޕަކްސާ އިސްތިއުފާ ދެއްވަނީ ގަައުމުގެ ހަމަޖެހުމާ މަސްލަހަށްޓަކައެވެ. މިއަދު އިސްތިއުފާ ދެއްވުމުގެ ކުރިން ރާޖަޕަކްސާ ވަނީ ލަންކާގެ ރައްޔިތުންނާ މުހާތަބު ކުރައްވައި ވާހަކަ ދައްކަވައިފައެވެ.