އެމްޑީޕީ

އެމްޑީޕީގެ ވިޕްލައިނާ ހިލާފަށް އިންތި، ފިރުޝާން، މުހައްމަދު ރަޝީދު، ވައްޑެ ވޯޓުދެއްވައިފި

1

އާ އިންތިހާބަކުން ކައުންސެލަރުން އިންތިހާބު ކުރަންދެން، މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދަންމައިލަން ގާނޫނުއަސާސީއަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހު މަޖިލީހަށް ބަލައިގަންނަން، އެމްޑީޕީން ނެެރެފައިވާ ތުރީލައިން ވިޕާ ހިލާފަށް އެޕާޓީގެ ހަތަރު މެންބަރުން ވޯޓު ދީފިއެވެ.

ރޭ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް (ދޮންބިލަތް) ހުށަހެޅުއްވި އެ ބިލު މަޖިލީހަށް ބަަލައިގަތީ 61 މެންބަރުންގެ ވޯޓުންނެވެ.

ނަމަވެސް މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެ ތިއްބަވައިގެން އެމްޑީޕީގެ ހަތަރު އެމްޕީން ވަނީ އެ ބިލު ބަލައި ގަތުމަށް ވޯޓު ނުދެއްވައިފައެވެ.

ރޭގެ ޖަލްސާގައި ތިއްބަވައި، ވޯޓު ނުދެއްވީ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) އާއި މަޑަވެލީ ދާއިރާގެ މެންބަަރު ހުސައިން ފިރުޝާނާއި މައްޗަންގޯޅި އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދުގެ އިތުރުން އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) އެވެ.

މި މެންބަރުންނަކީ ގާނޫނުއަސާސީ އިސްލާހު ކޮށްގެން ކައުންސެލަރުންގެ ދައުރު އިތުރު ކުރުމާ ދެކޮޅަށް މަޖިލީހުގައި ގަދަޔަށް ވާހަކަ ދެއްކެވި މެންބަރުންނެވެ. އޭގެ ތެރެއިން އިންތި ވަނީ، ޕާޓީން ތުރީލައިން ވިޕް ނެރުނަސް އެގޮތަށް ވޯޓު ނުދެއްވާނެ ކަމަށް ކުރިންވެސް ވިދާޅުވެފައެވެ.

ކޮންމެ ޕާޓީއެއްގައިވެސް ވިޕްލައިނާ ހިލާފު ވުމަކީ އެ މެންބަރަކާ ދޭތެރޭ ފިޔަވަޅު އަޅާ ކަމެކެވެ. މީގެކުރިން އެމްޑީޕީންވެސް ވިޕްލައިނާ ހިލާފުވެގެން ބައެއް މެންބަރުންނަށް ފިޔަވަޅު އަޅާފައި ވެއެވެ.

ވިޕްލައިނާ ހިލާފުވި މައްސަލައިގައި އެމްޑީޕީގެ ހަތަރު މެންބަރަކަށް ފިޔަވަޅު އެޅުމާ ބެހޭގޮތުން، އެމްޑީޕީގެ، އެކްޓިން ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުންނެވި، އަފްޝަން ލަތީފް އާ ގުޅައިލުމުން ވިދާޅުވީ، އެކަން އޮތްގޮތް ބައްލަވާލައްވައިފައި އަންގައިލާނެ ކަމަށެވެ. އެހެން ނަމަވެސް ހަބަރު ޝާއިއުކުރުމާ ހަމަޔަށްވެސް ހަބަރެއް ނުވި އެވެ.

މިކަމާގުޅިގެން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު މެދު ހެންވޭރުދާއިރާގެ މެންބަރު އަލީ އާޒިމް އާ ގުޅުމުން ފޯނު ނުނަންގަވާތީ އަލީ އާޒިމްގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟