އެމެރިކާ

ކޮވިޑް 19 : ހަތަރު މަސްތެރޭ އެމެރިކާގެ އެއްލައްކައަށްވުރެ ގިނަ މީހުން މަރުވެއްޖެ

މިންހާ ފާއިޒް ރަޝާދު

ކޮވިޑް19 ޖެހިގެން އެމެރިކާގެ އެއްލައްކަޔަށްވުރެ ގިނަ މީހުން ހަތަރުމަސް ތެރޭ މަރުވެއްޖެއެވެ.

އެމެރިކާގައި ކޮވިޑް19ގެ ބިރުވެރިކަން ނުއުފެދެނީސް ބަލީގައި ފުރަތަމަ މީހަކު މަރުވެފައިވަނީ ފެބްރުއަރީ ހައެއްގައެވެ. އޭގެ ފަހުން ކޮންމެ ދުވަހަކުހެން ގާތްގަނޑަކަށް ދުވާލަކަށް 600އެއްހާ މީހުން ދިޔައީ މަރުވަމުންނެވެ.

އިއްޔެއާއި ހަމައަށް އެގަމުގައި ކޮވިޑުޖެހިގެން މަރުވި މީހުންގެ އަދަދުވަނީ 100،047އަށް އަރަައިފައެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ގޭގޭގައި މަރުވާ މީހުން ކޮވިޑަށް ޓެސްޓުވެސް ނުކޮށް ހުރެދާނެތީ މިއީ އެންމެ ފުރިހަމަ އަދަދަށް ނުވުމަކީވެސް އެކަށީގެންވާ ކަމެކެވެ.

ގިނަ ބަޔަކު މަރުވަމުންދާއިރުވެސް އެމެރިކާގައި އަދިވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކާމެދު އޮތީ ސުވާލުތައް އުފެދިފައެވެ. ހާއްސަކޮށް މާސްކު އެޅުމާމެދުއެވެ.

ސިއްހީ މާހިރުން މާސްކު އެޅުމަށް ލަފާދެމުންދާއިރު ރައީސް ޑޮނަލްޑް ޓްރަމްޕް ގެންދަވަނީ މާސްކްއެޅުއްވުމާ ދެކޮޅު ހައްދަވަމުންނެވެ. ޓްރަމްޕް މާސްކު އަޅުއްވަން ބޭނުންފުޅު ނުވަނީ އިދިކޮޅު ރިޔާސީ ކެނޑިޑޭޓް ޖޯ ބިދާން ޓްރަމްޕަށްވުރެ ކުރިން މާސްކު އެޅުއްވުމުން އެކަން ސިޔާސީ ކުރައްވައިގެންނެވެ.

އެމެރިކާގެ ގިނަ ސްޓޭޓުތައް ހުޅުވާލުމުގެ މަސައްކަތްވެސް ވަނީ ފަށައިފައެވެ. އެގޮތުން ފްލޮރިޑާގައި ބީޗުތަކާއި ހޮޓާތައް މިއަންނަ ހަފުތާގައި ހުޅުވާއިރު ވޯލްޓް ޑިޒްނީ ވޯލްޑް ޖުލައި 11ގައި ހުޅުވަން ވަނީ ނިންމައިފައެވެ. ބައެއް ސްޓޭޓުތަކުގައި ހިނގަންދިއުމާއި، ފަތަންދިއުން ފަދަ ކަންކަންވެސް ހުޅުވާލާފައިވާއިރު ވިޔަފާރިތައްވެސް ހުޅުވަން ވަނީ ހުއްދަދީފައެވެ.

އޮގަސްޓު މަހުގެ ނިޔަލަކަށް އެމެރިކާގައި 132،000 އަށްވުރެ ގިނަ މީހުން މަރުވެދާނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ. އެމެރިކާއަކީ މުޅި ދުނިޔޭގައިވެސް އެންމެ ގިނައިން ބައްޔަށް ޕޮޒިޓިވްވި މީހުން ތިބި ގައުމެވެ. އެ ގައުމުގައި ބަލިން ރަނގަޅުވެފައިވާ މީހުންގެ އަދަދު ފަސްލައްކައާ ގާތްކުރެއެވެ.