މުހައްމަދު އައުޒަމް
މަހުމޫދު ހާލިލް ދޫކޮށްލުމަށް ގޮވާލައި ޓްރަމްްޕް ޓަވަރުގައި މުޒާހަރާކޮށްފިއެވެ.
އެމެރިކާގެ ކޮލޮމްބިއާ ޔުނިވާސިޓީގައި ފަލަސްތީނާ އެއްކޮޅަށް ބޭއްވި މުޒާހަރާތަކުގައި އެންމެ އިސްކޮށް އުޅުނު ފަލަސްތީނަށް ނިސްބަތްވާ އެކްޓިވިސްޓު މަހުމޫދު ހާލިލް ހައްޔަރުކޮށްފައިވަނީ އެމެރިކާގެ އިމިގްރޭޝަން އެންޑް ކަސްޓަމްސް އެންފޯސްމަންޓުން މިދިޔަ ހޮނިހިރު ދުވަހުއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޓްރަމްޕް ޓަވަރުގެ ތެރެއަށް ވަދެ މަހުމޫދު ހާލިލް ދޫކޮށްލުމަށް ގޮވާލައި މުޒާހަރާކޮށްފައިވަނީ އެމެރިކާގައި ހަރަކާތްތެރިވާ އެންޓި ޒައިނިސްޓް ޖަމިއްޔާއެއް ކަމަށްވާ ޖްވިޝް ވޮއިސް ފޯ ޕީސް އިން ކަމަށް ރިޕޯޓުތައް ބުނެއެވެ.
ޓްރަމްޕް ޓަވަރުގައި މުޒާހަރާކުރި ބައިވެރިން ވަނީ މަހުމޫދު ހާލިލް ދޫކޮށްލުމަށް ގޮވާލައިފައެވެ. އަދި އެމެރިކާއިން އިސްރާއީލަށް ފަންޑުކުރުން ހުއްޓާލުމަށްވެސް މުޒާހަރާގެ ބައިވެރިން ގޮވާލިއެވެ.
ރިޕޯޓުތައް ބުނާގޮތުގައި ޓްރަމްޕް ޓަވަރުގައި މުޒާހަރާކުރި މީހުންތައް ހުއްޓުވުމަށް ނިއުޔޯކުގެ ފުލުހުން ވަނީ އެ ޓަވަރަށް ވަދެ ގިނަ ބަޔަކު ހައްޔަރުކޮށްފައެވެ. އެގޮތުން 100 ވަރަކަށް މީހުން ހައްޔަރުކޮށްފައިވާ ކަމަށް ލަފާކުރެވޭ ކަމަށް ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.