"ގާޒާގައި ދިރިއުޅޭ ފަލަސްތީނުގެ ރައްޔިތުންނޭވެ. ކަނުލައި އަޑުއަހާށެވެ. ކަލޭމެންނަށް އުޖާލާ ފެހި މުސްތަގުބަލެއް އެބައޮތެވެ. ހޯދިދާނެއެވެ. އެކަމަކު އެއީ ކަލޭމެން އިޒްރޭލުގެ ރައްޔިތުން ނުހިފައްޓާނަމައެވެ. ހިފަހައްޓާނަމަ ކަލޭމެންނަށް އޮތީ ވޭންދެނިވެގެންވާ މަރެކެވެ. ވިސްނުންތެރިކަމާއެކު ނިންމުމެއް ނިންމާށެވެ. މިއީ އެކަމުގެ ވަގުތެވެ. ހަމަމިހާރުން މިހާރަށް އަސީރުން ދޫކޮށްލާށެވެ. އެހެންނޫނީ ކަލޭމެންނަށް ދެންއޮތީ ހިތަށްވެސް ނުގެނެވޭ ކަހަލަ ގަދަފަދަވެގެންވާ ހަލާކާއި މުސީބާތެވެ." މިއީ ކީބޯޑު ދޮށުގައި ފިލައި ހުރެގެން މީހަކު އިންޓަރނެޓަށް ދޫކޮށްލި އިންޒާރެއް ނޫނެވެ. މިއީ މިވަގުތު ދުނިޔޭގައިހުރި އެންމެ ބާރުގަދަ މީހާގެ ބުނުމެކެވެ. އޭނާ ސޮއިކުރާ އެންމެ ގަރާރަކުން، ބުނެލާ އެންމެ ޖުމްލަޔަކުން ގައުމެއްގެ މުޅި ރައްޔިތުންގެ ދިރިއުޅުން އެކޮޅުކޮޅުން ޖެހިދާނެ މަގާމެއްގައިހުރި މީހެއްގެ ބުނުމެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ބުނުމެކެވެ. އިންޒާރެކެވެ.
ޓްރަމްޕުގެ ބުނުމުގައި ސުލްހައިގެ އަސަރެއް ނެތެވެ. ޑިޕްލޮމަސީގެ ކުލައެއް ވަހެއް ނެތެވެ. އުންމީދުގެ ކުނޑިފަށެއްވެސް ނެތެވެ. އޮތްހާވެސް އެއްޗަކީ މަރެވެ. މިއީ މަރުގެ އިންޒާރެކެވެ. މި އިންޒާރު ފެންނަ ނުވަތަ އިވޭ ކޮންމެ މީހެއްގެ ގައިން ހީބިހި ނަގާނެއެވެ. މި އިންޒާރު އަމާޒުވަނީ ކޮންބަޔަކަށް ބާވައެވެ. އެ އިޝާރާތް ކުރަނީ ކޮންބަޔަކަށް ބާވައެވެ. އެއީ ގާތްތިމާގެ މީހުން ވަކިވެގެންގޮސް ގެދޮރު ސުންނާފަތިވެ ހާލުގައި ޖެހިފައިވާ މީހުންނެވެ. ބޯމަތީގައި ފުރާޅެއްނެތި މަގުމަތިވެފައިވާ މީހުންނެވެ. ބަނޑަށްޖެހި ޔަތީމުވެފައިވާ ކުޑަކުދީންނެވެ. ގާޒާގެ ރައްޔިތުންނެވެ. ދުނިޔެއަށް އުފަންވުން ފިޔަވައި އެހެން ކުށެއް ނެތެވެ. ދުނިޔެއަށް އުފަންވީތީ ބާރުހުރި ފަރާތްތަކުން އެބުނަނީ މިހެންނެވެ. ނޭވާލައިގެން ދުނިޔޭގައި ދެމިތިބުމުގެ ހައްގެއްވެސް ކަލޭމެންނަކަށް ނެތެވެ. ކަލޭމެންނަށް އޮތީ ހަމަ މަރެވެ. ހެޔޮވާނީ ކޮންފަދަޔަކުން ހެއްޔެވެ. ގާޒާގެ ރައްޔިތުންނާ މުޚާތަބުކޮށް ދުނިޔޭގެ އެންމެ ބާރުގަދަ މީހާ އިއްވި ހުކުމެވެ.
ބައެއް މީހުން ބުނުން އެކަށީގެންވެއެވެ. އުޖާލާ ފެހި މުސްތަގުބަލެއްގެ ވާހަކަވެސް ޓްރަމްޕު އެއޮތީ ބަޔާންކޮށްފައެވެ. ނުފެނޭހެއްޔެވެ. ނޫނެކެވެ. އެބަފެނެއެވެ. އެކަމަކު ކޮން މުސްތަގުބަލެއްގެ ވާހަކަ ހެއްޔެވެ. ގެއެއް ގެދޮރެއް ނެތެވެ. ހުރިއެއްޗެއް ވިއްޔާ ބޮންއަޅައި ސުންނާފަތިކޮށް އަވަދިކޮށްފިއެވެ. މިހާރު ފެންނާންހުރީ ގައުފުނިތަކެކެވެ. އެ ގައުފުނިތަކުން ރަމްޒުކޮށްދެނީ ޝަހީދުކޮށްލެވުނު އާއިލާތަކެވެ. ކުޑަކުއްޖެއް، މާބަނޑު އަންހެނެއް މުސްކުޅިއަކު ތަފާތު ކުރުމެއްނެތި ހިންގިފައިވާ ގަތުލުއާންމެވެ. އެމެރިކާ އާއި ޔޫރަޕުން އިޒްރޭލަށް ދީފައިވާ ހަތިޔާރުގެ ބޭނުން ހިފައިގެން ހިންގާފައިވާ ޖަރީމާއެވެ. މިކަން މިހެން އޮތުމާއެކު ޓްރަމްޕުގެ އިންޒާރު އިވުމުން ހިތަށް އަރައެވެ. އަހަރެމެން އުޅެންޖެހިފައި މިއޮތީ ކޮންޒާތެއްގެ ދުނިޔެއެއްގައި ހެއްޔެވެ. އިންސާފާއި ކުލުނުވީ ކޮންތާކުހެއްޔެވެ. ޑިމޮކްރަސީއާއި އިންސާނީ ހައްގުތަކުގެ ޗެމްޕިއަންކަމަށް ދައުވާކުރާ އެމެރިކާގެ ރައީސްކަމުގައި އެހެރަ މީހާ ގާޒާގެ ރައްޔިތުންނަށް އެ އިއްވީ މަރުގެ ހުކުމެކެވެ.
އިޒްރޭލުން ފާއިތުވި ދޮޅު އަހަރުގެ ތެރޭގައި ހިންގި ޖަރީމާ އަދިވެސް ކުޑަކަމަށް ޓްރަމްޕު ގަބޫލުކުރަނީއޭ ހީވާ ބީދަޔަކުންނެވެ. ގާޒާގައި ދިރިއުޅެނީ އެންމެ މީހެއް ދެ މީހެއް ނޫނެވެ. މަދުވެގެން ދެ މިލިޔަން މީހުން އެބަތިއްބެވެ. ހައްތާވެސް ހާލުގައިޖެހި ބިކަވެފައިވާ މީހުންނެވެ. ފުރާނަ ދެއްވި ފަރާތުން އެފުރާނަ އަދި ނުގެންދަވާތީ ދުނިޔޭގައި ތިބި މީހުންނެވެ. ހަމައެކަނި ދުނިޔޭގައި ތިބިކަމެވެ. އެމީހުންނާމެދު ދުނިޔޭގެ އެންމެ ވަރުގަދަ ލަޝްކަރުގެ ވެރިޔާ ޓްރަމްޕު އެބުނި އެއްޗެއް ބުނީ ހަގީގީ މަންޒަރު ބެލުމެއް ނެތިއެވެ. ހިތާމަޔާއި ހިތްދަތިކަމަކީ ކޮބައިކަން މޭރުންވާ ހިސާބަށްވުރެ ދުރުގައި ހުރެގެންނެވެ. ހުރިހާ ބާވަތެއްގެ ހިމާޔަތް ލިބިގެން އޭނާގެ އޮފީހުގައި އިނދެގެންނެވެ. އެބުނީ މިހެންނެވެ. އަސީރުން މިނިވަންކޮށް ދޫކޮށްލާށެވެ. އެހެންނޫނީ ކަލޭމެން އެންމެނަށް އޮތީ މަރެވެ. ގާޒާގެ ގިނަ މީހުންނަށް އަސީރުން ވީތަނެއް އެނގެނީއެއްވެސް ނޫނެވެ.
އަސީރުންނާބެހޭ މައުލޫމާތެެއްވެސް ގިނަބަޔަކަށް އެނގެނީއެއް ނޫނެވެ. އެކަމަކު ޓްރަމްޕު މި އަންގަނީ މިހެންނެވެ. އެންމެން މަރުވާން ތައްޔާރުވާށެވެ. އަޅެފަހެ މީހަކު އަޖައިބެއް ނުވާނޭ ހެއްޔެވެ. އެމީހެއްގެ ބާރުނުފޯރާ ކަމެއްގައި އެމީހަކަށް ހުކުމް އިއްވުމަށް ކިޔަނީ ތަހުޒީބުކަމޭ ހެއްޔެވެ. ތިމަންނާޔަކީ ސުލްހައިގެ އައްޕައޭ ބުނާ މީހަކު ގާޒާގެ ނިކަމެތި ރައްޔިތުންނަށް އެ އަންގަނީ އޭގެތެރެއިން ގިނަ މީހުންގެ ބާރާއި ގުޅިފައިވެސް ނުވާ އެންގުމެކެވެ. ފާއިތުވި ދޮޅު އަހަރުގެ ގަތުލުއާއްމުގައި މަރުނުވެ މިހިސާބަށް ދިރިތިބެވުނު މީހުންނަށް އެއަންގަނީ އެންމެން އެއްފަހަރާ މަރާލާނަމޭއެވެ. މަރަށް ތައްޔާރުވާށޭއެވެ. މިއީ ހަމައެކަނި ގޯސް ބުނުމެއް ނޫނެވެ. މިއީ ހަމަސީދާ މުތުލަގަށް ޝައިތާނީ ބުނުމެކެވެ. ޖިނާއީ ކުށެކެވެ. މިއީ އިޒްރޭލުން ހިންގާފައިވާ ގަތުލުއާއްމަށް ހިތްވަރުދީ އެކަން ސައްހަކުރުމުގެ ބުނުމެކެވެ. އަސީރުން ހިފަހައްޓައިގެން އުޅެނީ ގާޒާގެ ރައްޔިތުންނެއް ނޫނެވެ. ގާޒާގެ ރައްޔިތުން އަސީރުންނަށް ހަދައިގެން ބަންދުކޮށްގެން އުޅެނީ އިޒްރޭލުންނެވެ.
ޓްރަމްޕުގެ ބަސް އޭނާ އިއްވައިފިއެވެ. ނަތަންޔާހޫ އުފަލުން ފޮޅެނީއެވެ. އިޒްރޭލުގެ ހައްދުފަހަނަޅާފައިވާ މީހުން އުފަލުން އެތިބީ ފޮޅިފައެވެ. މިވަގުތު ޓްރަމްޕު ޒިންމާދާރު ކުރެވޭނެ އިދާރާތަކެއް އެބަހުރި ހެއްޔެވެ. ނެތެވެ. ޓްރަމްޕު ޒިންމާދާރު ކުރެވޭނެ ބަޔަކުވެސް ނެތެވެ. އެކަން ޓްރަމްޕަށް ހަމަރަގަޅަށްވެސް މޭރުންވެއެވެ. ބުނާ އެއްޗެއް އެބުނަނީ އަދި ކުރާކަމެއް އެކުރަނީ އެވަރު އެނގި ހުރެގެންނެވެ. ނޫހެއްގައި މިގޮތަށް މީހަކު އެއްޗެއް ލިޔެފާނެއެވެ. ޕޯޑިއަމަކަށް އަރައިހުރެ ވާހަކަތަކެއް ދައްކައިފާނެއެވެ. އެނިމުނީއެވެ. ޓްރަމްޕަށް އަސަރުކުރާވަރުގެ އެއްކަމެއް އެއްވެސް ބަޔަކަށް ނުކުރެވޭނެއެވެ. ކުރާކަށް ނުވެސް ކެރޭނެއެވެ. އަހަރެމެންނަށް އުޅެންޖެހިފައިމިވާ ދުނިޔޭގެ ހާލަކީ މިވަގުތު އެއީއެވެ. ފަލަސްތީނުގެ ރައްޔިތުންނަށް މަރުގެ ހުކުމް އިއްވައިފައި އިސްލާމީ ގައުމުތަކުގެ ވެރީންގެ ރުހުމާއި ހެޔޮބަސް ލިބިލިބި ހުރުންވެސް މިދުނިޔޭގައި މިވަގުތު ޖާއިޒު ކަމަކަށް މިއޮތީ ވެފައެވެ. ރުހޭ ބަޔަކު ރުހިގެން ތިބެންވީއެވެ. ނުރުހޭ ބަޔަކު ނުރުހޭންވީއެވެ. ކުރެވޭނެ ކަމެއް ނެތެވެ.