އަންނަ ޖޫން މަހުގެ ތިނަކަށް، މިހާރު ތިބި ކައުންސެލަރުންގެ ދައުރު ހަމަވާއިރުވެސް، ކައުންސިލް އިންތިހާބު ބޭއްވިފައިނުވާތީ އެ ކައުންސެލަރުންގެ ދައުރު ދަންމާލުމަށް، ގާނޫނު އަސާސީ އަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހު އެގޮތަށް ފާސްކުރަން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ރޭ ފާސްކޮށްފި އެވެ.
އެމްޑީޕީ މެންބަރުންގެ މެދުގައި ބޮޑެތި ހިޔާލުތަފާތުވުންތަކެއް އުފެދިފައިވާ، އެ ބިލާ ބެހޭގޮތުން، އެމްޑީޕީގެ ޕީޖީ ގްރޫޕުން ރޭ ބޭއްވި ބައްދަލުވުމުގައި، ސަރުކާރުން ހުށަހެޅި ގޮތަށް އެއްވެސް ބަދަލެއް ނުގެނެސް ކޮމިޓީ މަރުހަލާ އާއި މުޅި މަޖިލީހުން އެ އިސްލާހު ކުރަން ތްރީލައިން ވިޕެއް ނެރުމަށް ހުށަހެޅުއްވީ، ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ އެވެ. ތާއީދު ކުރެއްވީ އައްޑޫ، މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އެވެ.
އެހުށަހެޅުން ފާސްވީ ބައްދަލުވުމުގައި ތިއްބެވި 54 މެންބަރުންގެ ތެރެއިން 41 މެންބަރުން ވޯޓު ދެއްވައިގެންނެވެ.
އެކަމާ ދެކޮޅަށް 10 މެމްބަރަކު ވޯޓް ދެއްވި އިރު، ވަކި ކޮޅަކަށް ވޯޓް ނުދެއްވާ ތިން މެމްބަރަކު ތިއްބެވި އެވެ.
ސަރުކާރުގެ ފަރާތުން ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް އިއްޔެ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި އެ އިސްލާހަކީ ގާނޫނުއަސާސީއަށް ފަސްވަނަ އިސްލާހު ގެނައުމުގެ ގާނުނަށް ހުށަހަޅާފައިވާ އިސްލާހެކެވެ.
ވަކި ކޮޅަކަށް ވޯޓް ނުދެއްވައި ތިއްބެވީ، ގައްދޫ ދާއިރާގެ މެންބަރު އަހުމަދު ޒާހިރާއި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް އަދި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް އެވެ.
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ވިދާޅުވީ، ދައުރު އިތުރު ކުރުމަށް ހުށަހަޅާފައިވާ އިސްލާހަށް މިއަދު ވޯޓަށް އައްސަވައި ދިރާސާކުރުމަށް މުޅީ މަޖިލީހުގެ ކޮމިޓީއަށް ފޮނުއްވަން ވިސްނަވާ ކަމަށެވެ. އެއަށްފަހު މާދަމާ އެ ބިލާ މެދު މުޅި މަޖިލީހުން ގޮތެއް ނިންމާނެ ކަމަށް ވެސް މަޖިލިސް ރއީސް ވިދާޅުވިއެވެ.
މި ބިލާމެދުގައި އިއްޔެ ކުރިއަށްދިޔަ ބަހުސްގައިވެސް ބޮޑެތި ހިޔާލުތަފާތުވުންތަކެއް އުފެދުނެވެ.
އެކަމަށް އޮތް ހަމައެކަނި ހައްލަކީ ގާނޫނުއަސާސީއަށް އިސްލާހު ގެނައުން ކަމަށް ބައެއް މެންބަރުން ވިދާޅުވިއިރު އަނެއްބައި މެންބަރުން ވިދާޅުވީ، މި ދަނޑިވަޅަކީ ގާނޫނުއަސާސީއަށް އިސްލާހު ގެންނަން ރަނގަޅު ވަގުތެއް ނޫން ކަމަށެވެ.