މިންހާ ފާއިޒް ރަޝާދު
އެމެރިކާގައި ކޮވިޑް19 އަށް 1.5 މިލިއަންއަށް ވުރެ ގިނަ މީހުން ޕޮޒިޓިވް ވެ 91،000 އަށް ވުރެ ގިނަ މީހުން މަރުވެއްޖެއެވެ.
އެގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވާ ގޮތުގައި ޕޮޒިޓިވް މީހުން ގިނައިން ފެނިގެން ދަނީ އެގައުމުގައި ޓެސްޓު ކުރާ މިންވަރު ގިނަ ވީމައެވެ. އެހެން ކަމުން އެއީ "ބެޖް އޮފް އޮނާ" އެއްގެ ގޮތުގައި ޓްރަމްޕް ސިފަ ކުރެއްވިއެވެ.
މީގެ އިތުރުން ލެޓިން އެމެރިކާގެ މީހުން އެގައުމަށް ނުވަދެވޭނެހެން ބަންދު ކުރުމަށް ވިސްނަވަމުން ގެންދަވާ ކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ. އެގޮތަށް ޓްރަމްޕް ވިދާޅުވީ ލެޓިން އެމެރިކާ، ހާއްސަކޮށް ބްރެޒިލް އަކީ މިހާރު ދުނިޔޭގައި ތިން ވަނައަށް އެންމެ ގިނަ ކޭސް ފެނިފައިވާ ގައުމަށް ވާތީ ނޫސްވެރިޔަކު ކުރި ސުވާލަކަށް ދެއްވި ޖަވާބުގައެވެ.
"އިތުރު މައްސަލަތަކާ ކުރިމަތި ނުވާނެ ކަމަށް އުއްމީދު މިކުރަނީ. ފްލޮރިޑާގެ ގަވަރުނަރު އަންނަނީ ވަރަށް ރަނގަޅަށް ކަންކަން ކުރިއަށް ގެންދަމުން. ޓެސްޓް ކުރުން ވަރަށް ރަނގަޅަށް ފްލޮރިޑާގައި ކުރިއަށް އެބަދޭ. އެހެންވެ އެންމެ ބޮޑު މެޖޯރިޓީ ޕޮޒިޓިވް ކޭސްވެސް ފެނިފައިވަނީ ފްލޮރިޑާއިން. ބްރެޒިލް ދެން މިހާރު އެދަތުރު ކުރަނީ ހާޑް އިމިޔުނިޓީއަކާ ދިމާލަށް، ބޮޑެތި މައްސަލަތައް އެމީހުންގެ އެބަހުރި" ޓްރަމްޕް ވިދާޅުވިއެވެ.
ޓްރަމްޕް ވިދާޅުވީ އެމެރިކާއަށް ބޭރުން މީހުން ގޮސް އެ ގައުމުގެ ރައްޔިތުން އިންފެކްޓްކުރާ ތަން ބައްލަވަން ބޭނުންފުޅުވެވަޑައިނުގަންނަވާ ކަމަށާއި އަދި އެހެން ގައުމުތަކުގައިވެސް މީހުން ބަލިވާތަން ދެކެވަޑައިގަންނަވަން ބޭނުންފުޅު ނުވާ ކަމަށެވެ. އެހެން ކަމުން އެހުރިހާ ކަމަކާވެސް ވިސްނާވަޑައިގަންނަވާ ކަމަށެވެ.
"އަނެއްކާ ފާހަގަކޮށްލަން ބޭނުން. މިގައުމުގައި ކޭސް އިތުރުވާކަމަށް އަބަދު ބުނާއިރު އެއީ އަހަރުމެން އެހެން އެއްވެސް ބަޔަކަށް ވުރެ ގިނައިން ޓެސްޓު ކުރާތީ ފެންނަ ގިނަ އަދަދުތަކެއް އަސްލު" ރައީސް ޓްރަމްޕް ފަހުރުވެރިކަމާއެކު ވިދާޅުވިއެވެ.
އެމެރިކާ އަކީ ބޮޑު ގައުމެއް ކަމަށާއި ގިނަ ކޭސް ފެނުމަކީ އެއީ ގޯސްކަމެއްގެ ގޮތުގައި ދެކިވަޑައިނުގަންނަވާ ކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ.
"އަހަންނަށް އެއީ ބެޖް އޮފް އޮނާއެއް. އެއީ ފަހުރުވެރިކަމެއް. ގިނަ ޓެސްޓު ކުރާތީ ގިނަ ކޭސް ފެންނަނީ. އެއީ ވަރަށް ރަނގަޅުކަމެއް" ޓްރަމްޕް ވިދާޅުވިއެވެ.