ކޮލަމް

ވޯޓުގެ ޝަރްޢީ ޙައިޘިއްޔަތު 3

އަބްދުﷲ ފާރޫގް ހަސަން

ތަރުޖަމާ : އަބްދުﷲ ފާރޫގު ޙަސަން

އަޅުގަނޑުމެން ޝަހީދުންގެ ސާހިބާއަށް ލޯތްބާއި އިހްތިރާމުގެ ޖިޒީތައް ވެދުން ކުރަމުއެވެ. ނަމަވެސް އެކުރާ އިހްތިރާމުގެ ވެދުންތައް ހުންނަނީ ބަހުންމެޓާކަމުންރެކޭ ފެންވަރުގައެވެ. އަމަލީގޮތުން އަޅުގަނޑުމެންގެ ކަންތައް ހުންނަނީ ދާއިރާތަކުގެ ނުވަތަ ރަށު ފެންވަރުގެ އިންތިޚާބެއްގައި ވޯޓުގެ ބޭނުން ކުރުމުގައިވެސް ނާޤާބިލް މީހަކަށް އެއްބާރުލުން ނުދީ ހުއްޓައެއްނުލަމުއެވެ. ކުޑަކުޑަ ހަނިހަނިދާއިރާ އެއްގައި "ޝަބީރީސުންނަތް" ދިރުވުމުގެ ފުރުސަތު ލިބޭ ފަހަރު ފަހަރުވެސް އެމަތިވެރި ޝަހީދުންގެ ޝަހީދުވެވަޑައިގަތުމުގެ މައްޗަކުން ހަނދާނެއްނުކުރަމުއެވެ. އެބޭކަލުންގެ ޝަހީދުވެވަޑައިގަތުމުގެ ނަތީޖާގެ މައްޗަކުންވެސް އެކަމުންލިބޭ ފިލާވަޅުގެ މައްޗަކުންވެސް ހަނދާނެއް ނުހުރެއެވެ.

ކެންޑިޑޭޓުންވާންޖެހޭނީ ކޮންކަހަލަބަޔަކަށް ؟

މުސްލިމުން ތަމްސީލުކުރާން ނުވަތަ މުސްލިމުންގެ މައްޗަށްވެރިކަންކުރާން ކުރިމަތިލައި ކުރިޔަށް ނުކުންނާންޖެހޭނީ ކޮންކަހަލަ ބައެއްތޯއެވެ؟ މިއީ މުސްލިމުން އެސުވާލެއްގެ ޖަވާބަށް އަބަދު ފެންބޮވައިގެންފައި ތިބެންޖެހޭ ސުވާލެއްނޫނެވެ. އިސްލާމްދީނުގައި ޖަވާބުނުދީ ދޫކޮށްލައިފައިވާ ސުވާލެއް ނޫނެވެ. އަދިކީއްތޯއެވެ. މިއުންމަތުގެ ފަރާތުން ބަސްކިޔާ މީހުންނާއި އުންމަތުގެ މައްޗަށްވެރިކަން ހިންގާމީހުންގެ ކިބައިގައި ހުންނާންޖެހޭ ސިފަތައްވަނީ ކީރިތި ޤުރްއާނާއި ސުންނަތުގައި ވަރަށް ސަރީހުކޮށް ވަރަށް ހުޅުވައިލެއްވިފައިވާ ގޮތެއްގައި ބަޔާންކޮށް ދެއްވައިފައެވެ. ތެދުފުޅެކެވެ. އިސްލާމްދީން ކަނޑައަޅައިފައިވާ މިންގަނޑަށް އެންމެފުރިހަމަޔަށް ފެތޭ މީހުން މިޒަމާނުގައި ހޯދުމަކީ މާފަސޭހަކަމެއްނޫނެވެ. ޚާއްޞަކޮށް އުންމަތުގެ އިރު މެދުންފިލިފަހުން އެމިންގަނޑަށް ފުރިހަމަޔަށްފެތޭ މަދުބަޔަކު ވެސްހޯދުމަކީ ވަރަށް އުނދަގޫ ކަމެކެވެ. ނަމަވެސް އަޅުގަނޑުމެންގެ ވެއްޓަށް ނަޒަރުހިންގުމާއެކު ޤުރްއާނާއި ސުންނަތުގައި ބަޔާންކޮށްދެއްވައިފައިވާ ސިފަތަކާއި އިންތަކުގެ އަލީގައި ނިސްބަތުން ރަނގަޅު ބަޔަކު އިންތިޚާބު ކުރުމަކީ އެއްގޮތަކަށްވެސް އުނދަގޫކަމެއް ނޫނެވެ.

1. މިކަމާބެހޭ އަސްލު އުސޫލެއްގެ ގޮތުން ކީރިތި ޤުރްއާނުގައި އެންމެ ފުރަތަމަ ދެއްވައިފައިވާ އިރްޝާދަކީ އެމީހަކީ ހެޔޮލަފާ ތަޤްވާވެރިޔަކަށްވުމެވެ.
މީހެއްގެ މާތްކަމާއި މަތިވެރިކަމުގެ މިންގަނޑަކީ އެމީހެއްގެ އަތުގައި ފައިސާ ގިނަވުމެއް ނޫނެވެ. އެމީހެއްގެ އާއިލާ ބޮޑުވުމާއި، ނުފޫޒުގަދަވުމެއްވެސް ނޫނެވެ. އަދި ކީއްތޯއެވެ. މާތްކަމާއި، މަތިވެރިކަމުގެ މިންގަނޑަކީ އެމީހަކު މާތްﷲ އަށް ބިރުވެތިވަނީ ކިހާވަރަކަށްކަމެވެ. އަރަހުށި މާތްﷲ ވަހީކުރައްވައިފައިވަނީ މިދަންނަވާފަދައިންނެވެ.

"ހަމަކަށަވަރުން، ﷲ ގެ ޙަޟުރަތުގައި ތިޔަބައިމީހުންކުރެ އެންމެ މާތްކަން ބޮޑީ ތިޔަބައިމީހުންކުރެ އެންމެ ތަޤްވާވެރި މީހާއެވެ." (އަލްޙުޖުރާތު : 13)

2. ވެރިކަމަށް (ނުވަތަ ވަކީލުކަމަށް) ކުރިމަތިލާ މީހާގެ ކިބައިގައިހުންނާންޖެހޭ ދެވަނަ ސިފައަކީ ޙަޤީޤަތުގައިވެސް އެކަމަށް ބޭނުންވާ ޤާބިލިއްޔަތު ހުރިމީހަކަށްވުމެވެ. ފުރަމާނަކަމާއި، އާރާއިބާރު ހުރި މީހަކަށްވުމެވެ. މިޒަމާނުގައި ތަޢުބީރަކުން ދަންނަވާނަމަ ވެރިކަން ކުރެވޭފަދަ "ގަޓުހުރި" މީހަކަށްވުމެވެ. ކުރިމަތިލާމީހާއަކީ ޒާހިދު، އަޅުވެރި، ވަރާވެރި، ފަސްބައިސާފު ނިއަނެތި މީހަކަށްވެފައިމެ ކަމަށް ބޭނުންވާ ހައިބަތާއި، އާރާއިބާރު ނެތް މީހަކު ކަމުގައިވެސް ވެދާނެއެވެ. އެހެންވެއްޖެކަމުގައިވާނަމަ އެމީހަކާ މަޤާމު ހަވާލެއް ނުކުރެވޭނެއެވެ.

(ސަހާބީންގެ ތެރެއިން ޒާހިދުކަމާއި އަޅުވެރި ކަމާއި އަމާނާތްތެރިކަމަށް މަޟްހޫރު ބޭކަލެއްކަމުގައިވާ) އަބޫޛައްރުލްޣިފާރީ ރަޟިޔަﷲ އަންހު އެއްފަހަރު ކައުސާހިބާ ސައްލަﷲ އަލައިހިވަސައްލަމަގެ އަރިހުން ކޮންމެވެސް މަޤާމަކަށް އައްޔަންކޮށް ދެއްވާތޯ އެދިވަޑައިގެންނެވިއެވެ. ކައުސާހިބާ ސައްލަﷲ އަލައިހިވަސައްލަމަ ޖަވާބުދެއްވިއެވެ.

"އަބޫޛައްރެވެ! ކަލޭގެފާނަކާ މިމަޤާމެއް ހަވާލެއް ނުކުރެވޭނެއެވެ. އެހެނީކަލޭގެފާނަކީ ބަލިކަށި ބޭކަލަކީމުއެވެ."

ކުރީންވެސް ދެންނެވިފަދައިން ކީރިތި ޤުރްއާނުގައި ސަރީހު ބަސްފުޅުން އަމުރުކުރައްވައިފައިވަނީ ތިމާމެންގެ އަމާނާތްތައް ކަމަށް އަހުލުވެރި މީހުންނާ ހަވާލުކުރުމަށެވެ. ވޯޓަކީ މިދަންނަވާ ގޮތުންވެސް ސަމާލުކަންދޭންޖެހޭކަމެކެވެ. އަދާކުރާންޖެހޭ އަމާނަތެކެވެ. ކައުސާހިބާ ޞައްލަﷲ އަލައިހިވަސައްލަމަ ހަދީޘްކުރައްވައިފައިވާ ގޮތުގައި މަޝްވަރާއަށް އެދެވޭމީހާގެ ވާޖިބަކީ ރަނގަޅު މަޝްވަރާދިނުމެވެ. އޭނާ ރަނގަޅު މަޝްވަރާ ނުދީފިކަމުގައިވާނަމަ އެއީވެސް އަމާނަތަށް ޚިޔާނަތްތެރިވުމެވެ. ވޯޓުނެގުމުގެ މަޤްޞަދަކީ ކެންޑިޑޭޓަކާ ބެހޭގޮތުން ތިބާގެ މަޝްވަރާއަށް އެދުމެވެ. ލަފާހޯދުމެވެ. ތިބާއާ އެސުވާލުކުރެވެނީ އެމީހަާއަކީ ރަނގަޅު މީހެއްތޯ ނުވަތަ ނޫންތޯއެވެ. ތިބާ ރަނގަޅު މަޝްވަރާ ނުދެއްވައިފިނަމަ ނުވަތަ ނުރަނގަޅު މީހަކާމެދު ރަނގަޅު މީހަކުކަމުގައި ވިދާޅުވެއްޖެނަމަ އެދެއްވުނީ ރަނގަޅު މަޝްވަރާއެއްނޫނެވެ. އެއީވެސް އަމާނަތަށް ޚިޔާނަތްތެރިވުމެވެ.

3. ތިންވަނަޔަށް އެންމެ ޚާއްޞަ ސިފަޔަކީ ކެންޑިޑޭޓަކީ ޢިލްމު ލިބިހުރިމީހަކަށްވުމެވެ. އެމީހާއަކީ މާތްﷲ އާއި އެކަލާނގެ ރަސޫލާ މުސްލިމު ފަރުދެއްގެ ކިބައިންނާއި އިސްލާމީ މުޖްތަމައެއްގެ ކިބައި އެދިވޮޑިގަންނަވާ ކަންކަން އޮޅުންފިލާފަދަ މައުރިފާވެރިކަމެއްލިބިހުރި މީހަކަށްވުމެވެ. އެމީހަކީ ދުރަށް ވިސްނުންފޯރުވޭ ބުއްދިވެރިޔަކަށްވުމެވެ.

މިތާނގައި، ޢިލްމު ލިބިހުރިމީހަކަށްވުމޭ މިދެންނެވި ބަހަކީވެސް އިތުރު ޝަރަހައަށް ބޭނުންވާ ބަހެކެވެ. ޢިލްމުލިބިހުރުމޭ މިދެންނެވި ބަހުގެ މާނަޔަކީ އިންސާނީ ހަޔާތުގެ ތަފާތު ދާއިރާތަކުގެ ތެރެއިން އެމީހަކު އެއިންތިޚާބު ކުރެވޭ ދާއިރާ އަކުން އެމީހަކަށް ދަނޑިގަނޑުގެ ދެކޮޅު ރަނގަޅަށް އެނގުމެވެ. އެދާއިރާއެއގެ ރަމްޒުތަކާއި ސިއްރުތަކަށް ފުރިހަމަޔަށް އަހުލުވެރިވެފައިވާ މީހަކު ކަމުގައިވުމެވެ.

ޤައުމީ ޕާލަމެންޓާއި ސްޓޭޓް އެސެމްބްލީތަކުގެ ޒިންމާއަކީ ޤާނޫނު ހެދުމެވެ. ކުރީއްސުރެ ހެދިފައިވާ ޤާނޫނުތައް މުރާޖާކޮށް އެޤާނޫނުތަކަށް އުނިއިތުރުގެނެސް އިސްލާޙުކުރުމެވެ. އެހެންކަމުން މިމައިދާނުގައި ކަމުގެ މައުލޫމާތު ލިބިހުރި މީހަކަށްވާނީ ޤާނޫނު ހެދުމުގެ ދާއިރާގެ މާހިރެކެވެ. އެންމެ ކުޑަމިނުންވެސް އެކަމުގެ އާޖުފާޖުހުރި ގޮތްބާވަތް ދަންނަމީހެކެވެ. ޤާނޫނީ ދާއިރާގެ މީހަކަށް ދީނީ ޢިލްމުވެސް ލިބިފައިހުރެއްޖެނަމަ އެއީ އިތުރަށް ފުރިހަމަވާ ފުރިހަމަވުމެކެވެ.
ޤާނޫނީ ދާއިރާއިން ގަވައިދުން ކިޔަވައިހުރި މީހަކު ކަމުގައިނުވިޔަސް އިންސާނީ ހަޔާތުގެ އިސްލާމީ ޤާނޫނުތަކުގެ ތަރަހަތައް އެނގޭ އެދާއިރާގެ މައުލޫމާތު ހުރިމީހަކުވެސް އަދި އިންސާނީ ހަޔާތުގެ އެހެނިހެން ޤާނޫނުތަކުގެ ދާއިރާތަކުން ރޯފިލައިފައިހުރި މީހަކުވެސް ރަނގަޅެވެ. ހަމައެފަދައިން ދީނީ ޢިލްމުވެރިޔަކަށް ނުވިކަމުގައިވިޔަސް އިސްލާމީ ޝަރީޢަތުގެ ރޫޙަކީ ކޮބައިކަމާއި، ތައުހީދުގެ ދީނުގެ މަޤްޞަދަކީ ކޮބައިކަން ރަނގަޅަށް އެނގޭ މީހުންވެސް ޤާނޫނު ހަދާ މަޖްލިސްތަކަށް ކުފޫހަމަވާ ކަމުގައި ބެލެވޭނެއެވެ. މިދެންނެވި ފެންވަރަށް ރޯފިލައިފައިވާ ތަންދޮރުދަންނަ މީހުންނަކީ އަޅުގަނޑުމެންގެ ތެރޭގައި މަދުބައެއްނޫނެވެ. ގާއިދެ އައުޡަމް މުޙައްމަދު އަލީ ޖިނާހަކީ މިފަދަ ވަރަށް ފުރިހަމަ މިސާލެކެވެ. (އެމަނިކުފާނަކީ ޤާނޫނީމާހިރަކުކަމުގައިވިޔަސް ދީނީ ތައުލީމުގެ ރޮނގުން ޚާއްޞަވެވަޑައިގެންހުންނެވި ބޭފުޅެއްނޫނެވެ.) އެމަނިކުފާނު ވަނީ 1910ގައި އިންޑިޔާގެ އިމްޕީރިޔަލް ލެޖިސްލޭޓިވް ކައުންސިލުގެ މެންބަރަކަށް އިންތިޚާބުވެވަޑައިގެންފައެވެ. މުސްލިމުންގެ ވަގުފުތަކާބެހޭ ގޮތުން އަމިއްލަ މެމްބަރެއްގެ ހައިޘިއްޔަތުން ލެޖިސްލޭޓިވް ކައުންސިލަށް ބިލެއް ހުށަހަޅުއްވައި އެބިލް ފާސްކުރެއްވިއެވެ. މިއީ މިމޭރުމުން އަމިއްލަ މެމްބަރަކު އެންމެފުރަތަމަ ހުށައެޅުއްވި ބިލެވެ.

(މުސްލިމުންގެ ވަލިއްޔުލް އަމްރުންނާއި، މުސްލިމުން ތަމްސީލުކުރާ މަދޫބުމްގެ ކިބައިގައި އެކަށީގެންވާ ޢިލްމީ ފެންވަރެއް ހުރުމަކީ ވަރަށްވެސް މުހިންމު ކަމެކެވެ.)

ކީރިތި ޤުރްއާނުގައި ބަޔާންކޮށްދެއްވައިފައިވެއެވެ. މޫސާއަލައިހިއްސަލާމަށްފަހު ބަނީއިސްރާއީލުން އެބައިމީހުންގެ މައްޗަށް ރަސްކަލަކު އިސްކޮށްދެއްވުން އެދި ﷲ ގެ ޙަޟުރަތުގައި ދެންނެވިއެވެ. އަރަހުށި މާތްﷲ އެބައިމީހުންގެ މައްޗަށް ރަސްކަލަކު ކަމުގައި ޠާލޫތު ހަމަޖެއްސެވިއެވެ. އިސްރާއީލީންގެ އާދައިގެ މަތީން އެމީހުން މާތްﷲ ގެ އެންގެވުމަށް އިންކާރުކޮށް އިއުތިރާޟުކުރިއެވެ. ބަނީ އިސްރާއީލުގެ ބާރަޤަބީލާގެ ތެރެއިން ރަސްކަމުގެ ޙައްޤުދާރުން ކަމުގައި އެމީހުން ޤަބޫލުކުރަނީ ޔަހޫޒާގެ ދަރިކޮޅެވެ. ނުބުއްވަތަށް ޚާއްސަކަމުގައި ދެކެނީ ލާވީދަރިކޮޅެވެ. ޠާލޫތަކީ ބަނޫއިސްރާއީލުގެ އެންމެ ކުޑަދަރިކޮޅު ކަމުގައިވާ ބުންޔާމީން ދަރިކޮޅުގެ ބޭކަލެކެވެ. އެހެންކަމުން އިސްރާއީލު މީހުން ޠާލޫތުގެ ރަސްކަމާ އިއުތިރާޟުކޮށް ޠާލޫތަށް ރަސްކަން ދެއްވީ ކީއްވެތޯ ސުވާލުދެންނެވިއެވެ. އަރަހުށިމާތް ﷲ އެމީހުންގެ ސުވާލަށް ޖަވާބުދެއްވަމުން ވަޙިކުރެއްވިއެވެ.

"ހަމަކަށަވަރުން ތިޔަބައިމީހުންގެ މައްޗަށް ﷲ، އޭނާ ޚިޔާރުކުރެއްވިއެވެ. އަދި އޭނާއަށް ޢިލްމާއި ހަށިގަނޑުގެ ގޮތުން ތަނަވަސްކަން އިތުރުކުރެއްވިއެވެ." (އަލްބަޤަރާ: 247)

މިމާތް އާޔަތުން ލިބޭ އިރުޝާދަކީ ވެރިކަމުގެ ނުވަތަ މަންދޫބުކަމުގެ ޝަރުޠުގެ ތެރޭގައި އެމީހަކީ ޢިލްމީގޮތުންވެސް ފާހަގަކޮށްލެވޭ އަދި ޖިސްމާނީ ގޮތުން ވެސް ކީރިތި ސާޚްޟިއްޔަތެއް ލިބިފައިވާ އަދި މީހުންގެ ހިތްތައް ދަމައިގަންނަފަދަ މީހަކަށްވުމާއި، އަނެކުންނަށް އަސަރުފޯރުވޭ ފަދަ މީހަކަށް ވުމަކީ ލާޒިމު ކަމެއްކަމެވެ.

(ނުނިމޭ)