ބްރެޒިލްގެ ރައީސް ޖަޔާރު ބޮލްސޮނާރޯ އާއެކު ކުރިއަށް ދިޔަ ވީޑިއޯ ބައްދަލުވުމެއްގައި އޭގައި ބައިވެރިވި ވިޔަފާރިވެރިޔަކު ފެންވަރާ މަންޒަރު އާންމުވެއްޖެއެވެ.
ޒޫމް މެދުވެރިކޮށް ކުރިޔަށް ދިޔަ އެބައްދަލުވުމަކީ އެގައުމުގެ ފެޑެރޭޝަން އޮފް އިންޑަސްޓްރީޒް އޮފް ދަ ސްޓޭޓް އޮފް ސައު ޕައުލާ އިން އިންތިޒާމުކޮށްގެން ކުރިއަށް ދިޔަ ބައްދަލުވުމެކެވެ.
ޓުވިޓާގައި އާންމުވެފައިވާ ބައްދަލުވުމުގެ ފޮޓޯގައި ފެނިގެންދަނީ ބައިވެރިވި 24 މީހުންގެ ތެރެއިން އެކަކު ހެދުންނުލައި ފެންވަރާ މަންޒަރެވެ.
ބްރެޒިލްގެ ނޫސްތަކާ ހަވާލާދީ އިންޑިއާ ޓުޑޭގައި ވާގޮތުން އެމީހާ ފެންވަރަން ހުރިކަން ރައީސަށް ފެނިވަޑައިގެން އެކަން ސަމާލުކަމަށް ގެންނެވިއެވެ. އަދި އޭނާ ފެންވަރަމުން ކޮންފެރެންސްގައި ބައިވެރިވި އިރު ކެމެރާ ނިއްވާލަން ހަނދާން ނެތުނީކަން ބައިވެރިންނަށް އެނގުނެވެ.
"ވަރަށް ދެރަ އެކަހަލަ ކަމެއް ފެނުމުން. ވީޑިއޯ އެހާ ސާފު ނޫނަސް ފެނުނު" ރައީސް ޖަޔާރު ބޮލްސޮނާރޯ ވިދާޅުވިކަމަށް ވެއެވެ.
މިކަމާ ގުޅިގެން ބްރެޒިލުން ރަސްމީކޮށް ވަކި އެއްޗެއް ބުނެފައި ނުވާއިރު އެމީހާއަކީ ކާކުކަންވެސް ހާމައެއް ނުކުރެއެވެ.