މިންހާ ފާއިޒް ރަޝާދު
މެލޭރިއާ އަށް ދޭ ބޭހެއް ކަމަށްވާ ހައިޑްރޮކްސީކްލޮރޯކްއީން (އެޗްސީކިއު) ބޭސް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކޮންމެ ދުވަހު ބޭނުންކުރައްވާ ކަމަށް ވިދާޅުވެއްޖެއެވެ.
އެކަން ރައީސް ޓްރަމްޕް ހާމަކުރެއްވީ ރެސްޓޯރަންޓުތަކުގެ ވެރިފަރާތްތަކާއެކު އިއްޔެ ބޭއްވެވި ބައްދަލުވުމުގައެވެ.
ރައީސް ޓްރަމްޕް ވިދާޅުވިގޮތުގައި ބޭސް ބޭނުން ކުރަން ފެއްޓެވީ ވައިޓްހައުސްގެ ޑޮކްޓަރަށް ދެއްކުމަށްފަހުގައި ކަމަށެވެ. ނަމަވެސް ޓްރަމްޕް ފަހުން ވަނީ އެކަން ބަދަލުކުރައްވައި، ބޭސް ބޭނުން ކުރުމަށް ހުއްދަ ދެއްވީ ފިޒިޝަން ކަމަށް ވިދާޅުވެފައެވެ. ޓްރަމްޕް ވިދާޅުވި ގޮތުގައި އެބޭސް ބޭނުން ކުރާތާ މިހާރު ދޮޅުހަފުތާ ވެއްޖެއެވެ.
މިބޭހަކީ ކޮވިޑް19ގެ ފަރުވާއެއްގެ ގޮތުގައި ކާމިޔާބު ކަމާއެކު ބޭނުން ކުރެވޭނެ ބޭހެއްގެ ގޮތުގައި ރައީސް ޓްރަމްޕް ވަކާލާތު ކުރައްވާ ބޭހެކެެވެ. ނަމަވެސް ދިރާސާތަކާއި، ސިއްހީ މާހިރުންނާއި އަދި އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އިންވެސް ވަނީ އެކަން ސާބިތު ނުވާ ކަމަށް ބުނެފައެވެ. އަދި ބޭހުގެ ނުރައްކާ ބޮޑުކަމުން އިންޒާރުވެސް ވަނީ ދީފައެވެ.
ޓްރަމްޕް ވިދާޅުވާ ގޮތުގައި މެލޭރިއާ ފަދަ ބަލިތަކަށް އެބޭހުން ފަރުވާ ލިބޭ ނަމަ ކޮވިޑް19ގެ ފަރުވާއަށް ބޭނުން ކޮށްގެންވެސް ވާނެ ގެއްލުމެއް ފެނިވަޑައިނުގަންނަވާ ކަމަށެވެ.
ވެޓެރަންސް ހެލްތު އެޑްމިނިސްޓްރޭޝަން މެޑިކަލް ސެންޓަރުގެ 368 މީހަކަށް އެޗްސީކިއު ދީގެން މީގެ ކުރިން ވަނީ ދިރާސާއެއް ހަދައިފައެވެ. އެ ދިރާސާއިން ހާމަވާގޮތުގައި ކޮވިޑް19ގެ ފަރުވާއަކަށް އެބޭސް ބޭނުން ކުރެވޭނެ ކަމަކަށް ސާބިތެއް ނުވެއެވެ.
ޓްރަމްޕް ވިދާޅުވި ގޮތުގައި އެޗްސީކިއު ބޭނުން ކުރަން ފެއްޓެވީ ބައްޔަށް ހުށަހެޅިގެން ނޫން ކަމަށާއި އެއީ ފްރޮންޓްލައިނުގައި މަސައްކަތް ކުރާ ގިނަ މީހުން ބަލިން ރައްކާތެރިވުމަށް އެބޭސް ބޭނުން ކުރާކަމަށް ވިދާޅުވެފައި ވުމުން ކަމަށެވެ.
އެފްޑީއޭއިން ވަނީ އެޗްސީކިއު އަދި ކްލޮރޮކްއީން ބޭސް ކޮވިޑް19ގެ ފަރުވާއަށް ބޭނުން ނުކުރުމަށް ގޮވާލައިފައެވެ. އަދި އެބޭހަކީ ބާރުގަދަ ބޭހެއް ކަމުން ހަމައެކަނި ހޮސްޕިޓަލުތަކާއި ކްލިނިކްތަކުން ޓްރައެލްގެ ގޮތުގައި ބޭނުން ކުރުމަށް އެދިފައެވެ. އެ ބޭހުގެ ސަބަބުން މީހެއްގެ ފުރާނައަށްވެސް ނުރައްކާ ވެދާނެކަމަށް އެފްޑީއޭއިން ބުނެފައި ވެއެވެ.
އެޗްސީކިއު އެންމެ ގިނައިން އުފައްދަނީ އިންޑިއާއިންނެވެ. އެމެރިކާ އާއި އިންޑިއާ ގުޅިގެން އެ ބޭސް އުފެއްދުމުގެ މިދިޔަ މަހު ވަނީ ފަށައިފައެވެ. އަދި ބޭސް އެކްސްޕޯޓް ކުރުން މަނާކޮށްފައި ވަނިކޮށް ޓްރަމްޕުގެ އެދިވަޑައިގަތުމަކަށް އެހެން ބައެއް ގައުމުތަކަށް އިންޑިއާއިން ވަނީ ބޭސް ފޮނުވައިފައެވެ.