މިންހާ ފާއިޒް ރަޝާދު
ގޭގައި ކުޅުގެ ސާމްޕަލް ނަގައިގެން ހެދޭ ކޮވިޑް 19 ޓެސްޓަކަށް އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެފްޑީއޭ) އިން ހުއްދަ ދީފިއެވެ.
އެކަން ހާމަ ކުރީ އެޖެންސީން އިއްޔެ ނެރުނު ބަޔާނެއްގައެވެ. މީގެ ކުރިން ކޮވިޑް19 ގެ ޓެސްޓު ހެދުމަށް އާންމުކޮށް ބޭނުން ކުރަނީ ނޭފަތާއި ކަރުން ނަގާ ސާމްޕަލެވެ.
އެމެރިކާގެ ރަޓްގާސް ޔުނިވާސިޓީގެ އިންފިނީޓް ބައޯލޮޖިކް ލެބުން އުފެއްދި މި ޓެސްޓު ކުއްލި ހާލަތްތަކުގައި ބޭނުން ކުރުމަށް ހުއްދަދިންކަން އެ ލެބުން ވަނީ އޭޕްރިލް މަހުވެސް ބުނެފައެވެ.
އެ ލެބްގެ ޗީފް އޮޕަރޭޓިން އޮފިސަރު އެންޑްރޭ ބްރޫކްސް ބުނީ މި ޓެސްޓަކީ ގޭގައި ކަރަންޓީނުގައި ތިބޭ މީހުން ނުވަތަ ގެއިން ބޭރަށް ނުކުންނަން ބިރުން ތިބޭ މީހުންގެ ޓެސްޓު ކުރުމަށް ހުޅުވުނު ދޮރެއް ކަމަށެވެ. ކުޅުގެ ސާމްޕަލް ނަގާނެ ގޮތް ޓެސްޓު ކިޓާއެކު ލިބޭނެ ކަމަށާއި އެއާ އެއްގޮތަށް ސާމްޕަލް ނެގުމަށްފަހު އެންގުމުން ބަލައިދާނެ ކަމަށެވެ. އަދި ނަތީޖާ ފޮނުވައިދޭނެ ކަމަށް އެންޑްރޫ ބުނިއެވެ.
"މިގޮތަށް ގޭގައި ޓެސްޓު ކުރެވޭ އިންތިޒާމުތަކަށް ހުއްދަ ދިނުމުން ގިނަ ބަޔަކު ޓެސްޓު ކުރުމުގެ ފުރުސަތު ހުޅުވިގެންދޭ. މިއީ ޑޮކްޓަރެއް ނުވަތަ ހޮސްޕިޓަލަކަށް ނުގޮސް އަމިއްލަޔަށް ގޭގައި ކޮށްލެވޭނެ ކަމެއް." އެފްޑީއޭގެ ކޮމިޝަނަރު ޑރ. ސްޓެފަން ހާން ހުކުރު ދުވަހު ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.
ކޮވިޑުގެ ބޭނުމަށް އުފައްދާ ޓެސްޓުތައް ރަނގަޅަށް ބެލުމަށްފަހު އޭގެ ނަތީޖާ އެންމެ ފުރިހަމަ ވާނެތޯ އާއި އެކިއުރަސީ އަދި ރިލައިބިޓީއަށް އަބަދުވެސް ބަލާނެ ކަމަށާއި އެއަށްފަހު ހުއްދަދޭން ނިންމާފައިވާ ކަމަށް އެފްޑީއޭގެ ބަޔާނުގައި ވެއެވެ.
"މިހާރުވެސް ކޮވިޑް19 ގެ 80 ވައްތަރެއްގެ ޓެސްޓަކަށް ހުއްދަ ދީފައިވާނެ. ގޭގައި ޓެސްޓު ކުރެވޭ އިންތިޒާމު މި ޓެސްޓުން ލިބިގެންދާނެ. މިއީ އިތުރު ކުރިއެރުމެއް" ސްޓެފަންގެ ބަޔާނުގައި ވެއެވެ.
އެފްޑީއޭގެ ބަޔާނުގައި ވާ ގޮތުން ރަޓްގާސް ޔުނިވާސިޓީގެ ޓެސްޓަކީ މިވަގުތު ކުޅުން ކޮވިޑް19 އަށް ޓެސްޓުކުރެވޭ ގޮތަށް ހުއްދަ ދީފައިވާ ހަމައެކަނި ޓެސްޓެއެވެ. އަދި މިގޮތަށް ޓެސްޓު ކުރެވޭނީވެސް ޑޮކްޓަރެއްގެ ބޭސް ސިޓީއާ އެކުކަމަށް އޭގައި ބުނެފައި ވެއެވެ.