މިންހާ ފާއިޒް ރަޝާދު
ކޮވިޑް19 ގައި ހާލުބޮޑުވާ މީހުންނަށް ފަރުވާ ދިނުމަށް އެންޓި-ވައިރަލް ބޭސް، ރެމްޑެސިވިއާ ބޭނުން ކުރުމުގެ ހުއްދަ ޖަޕާނުގައި ދީފިއެވެ.
އެމެރިކާގެ ގިލިއަޑް ފާމަސޫޓިކަލް އިން އުފައްދާފައިވާ މި ބޭހަކީ އެބޯލާއަށް ފަރުވާ ކުރުމަށް އުފެއްދި ބޭހެކެވެ. ނަމަވެސް އެ އެގައުމުގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެފްޑީއޭ)އިން ވަނީ ކޮވިޑް19 ޖެހި ހާލު ސީރިއަސްވާ މީހުންނަށް މިބޭސް ދިނުމުގެ ހުއްދަ ދީފައެވެ. ރެމްޑެސިވިއާ ބޭނުން ކުރުމުން ބަލި މީހާގެ ހަށިގަނޑުގައި ހުންނަ އިންފެކްޝަންތައް އިތުރުވުން ހުއްޓުވާ ކަމަށް ވެއެވެ.
ބަލި މީހުންނަށް އެހީވުމަށް މީގެ 1.5 މިލިއަން ފުޅީގެ ބޭސް ހަދިޔާ ކުރާނެ ކަމަށް ގިލިއަޑް ކުންފުނީން ވަނީ ބުނެފައެވެ. އަދި މިދިޔަ ހަފުތާ ތެރޭގައި ހޮސްޕިޓަލުތަކަށް ބޭސް ފޮނުވުމުގެ މަސައްކަތް ފަށާނެ ކަމަށްވެސް އެކުންފުނިން މީގެ ކުރިން ވަނީ ބުނެފައެވެ. ބޭސް ވިއްކާ އަގު އެކުންފުނިން އަދި ހާމަކޮށްފައި ނުވާއިރު އެމެރިކާ ނޫން އެހެން ގައުމުތަކަށް ފޮނުވާނެ މިންވަރަކާއި އެއަށް ނަގާނެ އަގެއް އަދި ނޭނގޭ ކަމަށް ކުންފުންޏާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނެއެވެ.
ކޮވިޑް19 ޖެހި ހާލުބޮޑުވާ މީހުނަށް ފަރުވާކުރުމަށް ރެމްޑެސިވިއާ ބޭނުން ކުރުމުގެ ހުއްދަ ޖަޕާނުގެ މިނިސްޓްރީ އޮފް ހެލްތު އެންޑް ވެލްފެއާއިން ދިނީ އިއްޔެއެވެ. އެހުއްދައަށް އެގައުމުން އެދުނީ މީގެ ތިން ދުވަސް ކުރިންކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.
ޖަޕާނުގައި ކޮވިޑް19އަށް ޕޮޒިޓިވް 15000 އަށްވުރެ ގިނަ މީހުން ފެނިފައިވާއިރު މަރުވެފައިވަނީ 577 މީހުނެވެ. 4918 މީހުން ވަނީ ބަލިން ފަސޭހަވެފައެވެ.