ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕްރައިމަރީގައި ވާދަކުރައްވާ ނަމަ، އެކަން ނިމެންދެން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި ޗެއާޕާސަން ހަސަން ލަތީފް ޕާޓީ އޮފީހާ ދުރަށް ޖެހިވަޑައިގަތުމަށް އެ ޕާޓީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާއީލް (އިބްރާ) ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދާއި ހަސަން ލަތީފް، ޕާޓީ އޮފީހާ ދުރަށް ޖެހިވަޑައިގަތުމަށް ގޮވާލައްވާފައިވަނީ އިބްރާ ކުރެއްވި ޓުވީޓެއްގައެވެ.
އިބްރާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ލައްކަ ދުވަހު ޑިމޮކްރަސީއޭ ކިއިއްޖެ ކަމަށާއި މިއަދު އަމަލީ ގޮތުން ނަމޫނާ ދެއްކެވުމަށްޓަކައި ޕާޓީގެ ރައީސްއާއި ޗެއާޕާސަން ޕްރައިމަރީގައި ވާދަކުރައްވަންޏާ އެކަން ނިމެންދެން ޕާޓީ އޮފީހާ ދުރަށް ވަޑައިގަތުމަށް ގޮވާލާ ކަމަށެވެ.
މަޖިލިސް އިންތިހާބުގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރައްވަން ރައީސް ނަޝީދާއި ހަސަން ލަތީފް ވެސް ވަނީ ނިންމަވައިފައެވެ. ރައީސް ނަޝީދު މައްޗަންގޮޅި މެދު ދާއިރާއަށް ވާދަކުރެއްވުމަށް ނިންމަވާފައިވާ އިރު، ހަސަން ލަތީފް ވާދަކުރެއްވުމަށް ނިންމަވާފައިވަނީ ހެންވޭރު ހުޅަނގު ދާއިރާއަށެވެ.