ކޮވިޑް 19 އާ ގުޅިގެން މާލީ ގޮތުން ދަތިތަކާ ކުރިމަތިވެފައިވާ އާންމު ފަރުދުންނާއި ވިޔަފާރިތަކަށް އަމާޒުކޮށްގެން ސަރުކާރުން ގާއިމިކޮށްފައިވާ ރިކަވަރީ ސްކީމުގެ ދަށުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިހާތަނަށް 45 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް އެ ބޭންކުން ބުނެފިއެވެ.
ސަރުކާރުން ގާއިމުކޮށްފައިވާ ރިކަވަރީ ސްކީމުގެ ދަށުން ބީއެމްއެލުން ފައިސާ ދޫކުރުމަށް ހަމަޖެހިފައިވަނީ ރިސޯޓުތަކާއި އަހަރެއްގެ މައްޗަށް އާމްދަނީގެ ގޮތުގައި ދިިހަ މިލިއަނަށް ވުރެ މަތީ އަދަދެއް ހޯދާފައިވާ ވިޔަފާރިތަކަށެވެ. އެގޮތުން އެ ލޯނަށް ކުރިމަތިލުމުގެ ފުރުސަތު ބީއެމްއެލުން ވަނީ މިދިޔަ މަހުގެ އަށް ވަނަ ދުވަހު ހުޅުވާލައިފައެވެ.
ބީއެމްއެލުން ބުނީ، މިހާތަނަށް ބޭންކުން އިވެލުއޭޓް ކުރުމަށްފަހު ފިނޭންސް މިނިސްޓްރީން ހުއްދަ ދޫކޮށްފައިވާ ލޯނުތަކުގެ ތެރެއިން 63 ލޯނާ ގުޅޭ ލިޔުންތައް ތައްޔާރުކޮށް ކަސްޓަމަރުންނަށް ފޮނުވާފައިވާ ކަމަށެވެ.
އޭގެ ތެރެއިން ބޭންކަށް އަނބުރާ ލިޔުން ފޮނުވާފައިވާ ކަސްޓަމަރުންގެ ތެެެރެއިން 34 ކަސްޓަމަރަކަށް 45 މިލިއަން ރުފިޔާ މިހާތަނަށް ދޫކޮށްފައިވާ ކަމަށް އެ ބޭންކުން ބުނެއެވެ.
ބީއެމްއެލުން ބުނީ، ލޯނަށް ފައިސާ ދޫކުރުމުގެ މަރުހަލާ ނިމޭނީ ކަސްޓަމަރުން ބޭންކަށް އަނބުރާ ފޮނުވަންޖެހޭ ލިޔުންތައް ފޮނުވުމުންކަމަށްވުމާއެކު ކަސްޓަމަރުން ވީހާވެސް އަވަހަކަށް އެ ލިޔުންތައް ފޮނުވުމަކީ އިލްތިމާސެއް ކަމަށެވެ.
ބީއެމްއެލުން ދޫކުރާ ލޯނުތަކަކީ އެއްވެސް ރަހުނަކާ ނުލައި، އަހަރަކު ހަ ޕަސެންޓް އިންޓްރެސްޓްގައި ދޫކުރާ ފައިނޭންސިންއެކެވެ. އެ ފައިނޭންސިން އަނބުރާ ދެއްކުމަށް ހަ މަހުގެ ގްރޭސް ޕީރިއަޑެއް ހިމެނިގެން ޖުމްލަ ތިން އަހަރުގެ މުއްދަތެއް ލިބޭނެއެވެ. މި ގްރޭސް ޕީރިއަޑްގައި އިންޓްރެސްޓް އަދި ޕްރިންސިޕަލް ޕޭމަންޓް ދައްކާކަށް ނުޖެހޭނެއެވެ.
ބީއެމްއެލުން ބުނީ މި މުއްދަތުގައި ވެސް ބޭންކުން ކުރިއެކޭ އެއްގޮތަށް ލޯނާއި ފައިނޭންސިން ފެސިލިޓީތައް ދޫކުރަމުން އަންނަ ކަމަށެވެ. އަދި ކަސްޓަމަރުންނަށް ބޭންކުން ދޫކުރާ ލޯނު އަދި ފައިނޭންސިން ފެސިލިޓީތަކުގެ އިތުރުން ރިކަވަރީ ސްކީމަށް އެދި ހުށަހެޅޭނެ ކަމަށް ވެސް ބޭންކުން ބުނެއެވެ.
ކޮވިޑް 19އާ ގުޅިގެން ބީއެމްއެލުން ވަނީ އެ ބޭންކު މެދުވެރިކޮށް ނަގާފައިވާ ލޯނުތައް ހަ މަސް ދުވަހަށް ފަސްކޮށްދިނުމާއި ރާއްޖޭ އިން ބޭރުގައި ދަތިތަކާ ދިމާވެފައިވާ ދިވެހިންނަށް ފައިސާގެ މުއާމަލާތްކުރުމުގައި ލުއިތަކެއް ހޯދައި ދިނުމުގެ ގޮތުން އޭޓީއެމުން ފައިސާ ނެގޭ އަދަދު އިތުރުކޮށް، ދިވެހި ރުފިޔާ އެކައުންޓް މެދުވެރިކޮށް ފައިސާ ފޮނުވޭ ގޮތް ވެސް ހަމަޖައްސައިދީފައެވެ.
އޭގެ އިތުރުން ފަރުދުންނާއި ވިޔަފާރިތަކަށް ފައިސާ ޖަމާޖުކުރުމަށް ދިމާވާ ދަތިތައް ހައްލުކޮށްދިނުމުގެ ގޮތުން އޭޓީއެމް މެދުވެރިކޮށް ފައިސާ ޖަމާކުރެވޭ އަދަދުވެސް ބޭންކުން ވަނީ އިތުރުކޮށްދީފައެވެ.