ދިވެހި ޕްރިމިއާ ލީގު

ފަސޭހަކަމާއެކު ވިކްޓަރީ ބަލިކޮށް މާޒިޔާ ހަތަރުވަނައަށް

އަހުމަދު ޔަޝާއު

ވިކްޓަރީ ސްޕޯރޓްސް ކްލަބްގެ މައްޗަށް ފަސޭހަކަމާއެކު ކާމިޔާބުހޯދާ، ދިރާގު ދިވެހި ޕްރިމިއާ ލީގު ޓޭބަލްގެ ހަތަރު ވަނައަށް މާޒިޔާ ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ޖެހިލައިފިއެވެ. ރޭގެ މެޗު މާޒިޔާއިން ކާމިޔާބުކުރީ 0-5 ގެ ބޮޑު ނަތީޖާއަކުންނެވެ.

ގިނަ ދުވަސްތަކެއްގެ މެދު ކެނޑުމަކަށްފަހު ލީގުގެ ކުޅުން އަލުން ފެށިއިރު، ވިކްޓަރީއަށް ވަނީ ގިނަ މައްސަލަތަކެއް ކުރިމަތިވެފައެވެ. ކުޅުންތެރިންގެ މުސާރައިގެ މައްސަލަތަކެއް ދިމާވެ، ޓީމުގައި ހިމެނޭ ބައެއް ބިދޭސީ ކުޅުންތެރިން އަނބުރާ ރަށަށް ގޮސްފައިވާއިރު، ޓީމުގެ ކޯޗަކަށްހުރި ހަންގޭރީގެ ލާސްލޯ ކިސްވެސް ވަނީ ޓީމު ދޫކޮށްފުރާފައެވެ.

ވިކްޓަރީގެ ފަރާތުން އެންމެ އެދެވޭ ކުޅުމެއް ފެނިގެން ގޮސްފައިނުވި މިމެޗުގައި މާޒިޔާއިން ކާމިޔާބުކުރި ފަސް ލަނޑުވެސް ފެނިގެންދިޔައީ މެޗުގެ ފުރަތަމަ ހާފުގައެވެ. އެގޮތުން މެޗުގެ ކުރީކޮޅު އިސްމާއީލް އީސާ (މެސީ) މާޒިޔާއަށް ލީޑު ނަގައިދިންއިރު، މެޗުގެ 26 ވަނަ މިނެޓުގައި އެޓީމުގެ ބިދޭސީ ފޯވާޑް ކޯނެލިއެސް ސްޓެވާޓް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ލީޑު ފުޅާކޮށްފައެވެ. ސްޓެވާޓް މި ލަނޑުޖެހިތާ މާގިނައިރެއްނުވެ ހަސަން ނާއިޒް (ދާދު) ވަނީ މެޗުގެ ނަތީޖާ 0-3 އަށް ބަދަލުކޮށްލާފައެވެ.

މާޒިޔާއިން މިމެޗުގައި ޖެހި ހަތަރުވަނަ ލަނޑު މެޗުގެ 42 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑުވެސް ކާމިޔާބުކުރި އިސްމާއީލް އީސާ (މެސީ) އެވެ. އަދި އޭގެ ދެމިނެޓުފަހުން އޭނާ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ހެޓްރިކް ހަދާ މެޗުގެ ނަތީޖާ 0-5 އަށް ބަދަލުކޮށްލާފައެވެ.

ރޭގެ މޮޅާއެކު ލިބުނު 7 ޕޮއިންޓާއެކު މާޒިޔާއިން ޓޭބަލްގެ 4 ވަނަ އަށް ޖެހިލިއިރު، ވިކްޓަރީ އޮތީ 5 ޕޮއިންޓާއެކު ޓޭބަލްގެ 6 ވަނައިގައެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދުވެސް ދެމެޗު ކުޅޭނެއެވެ. މިއަދު ހަވީރު 16:00 ގައި ނިއުރޭޑިއަންޓާއި ޓީސީ ސްޕޯރޓްސް ބައްދަލުކުރާއިރު، މިރޭ 21:00 ގައި ފޯކައިދޫ ނިކުންނާނީ ފެހެންދޫއާ ދެކޮޅަށެވެ.