މިންހާ ފާއިޒް ރަޝާދު
ގައުމުން ބޭރުގައި އުޅޭ ލަންކާ ރައްޔިތުން އެނބުރި ގައުމަށް އަންނައިރު ފަސްތަރީގެ ހޮޓަލުގައި ކަރަންޓީނު ވާން ބޭނުން ނަމަ ދުވާލަކަށް 7500 ރުޕީސް ދައްކަން ޖެހޭގޮތަށް ހަަމަޖައްސައިފިއެވެ.
ލަންކާގެ ސަރުކާރުން ނިންމި މި ނިންމުމުގައި ވާ ގޮތުން، ފަސްތަރީގެ ހޮޓަލުގެ ސާވިސް ބޭނުންވާ ނަމަ ފީ ދެއްކުމުން ސަރުކާރުން ކަނޑައަޅާފައިވާ ހޮޓަލެއްގައި ފުލްބޯޑުކޮށް ހުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މި ހޮޓާތައް މޮނިޓާކޮށް ބަލަހައްޓަމުންދާނީ ލަންކާގެ އާމީންނެވެ.
ލަންކާގެ އާމީ ކޮމާންޑަރު ލެފެޓިނެންޓް ޖެނެރަލް ޝަވެންދްރާ ސިލްވާ ވިދާޅުވި ގޮތުގައި ފަސްތަރީގެ ހޮޓާތައް ހަމަޖެއްސީ ގައުމުން ބޭރުގައި ދިރިއުޅޭ ފުދުންތެރި މީހުން އެނބުރި އަންނައިރު، އެގޮތަށް އެދެމުންދާތީ ކަމަށެވެ. "ވަން" އަށް އެނގިފައިވާ ގޮތުގައި ލަންކާ ރައްޔިތުން ފިޔަވައި މި ހޮޓާތަކުގައި އިންޑިއާ އަދި ސައުތު އޭޝިއާގެ އެހެން ގައުމުތަކުންވެސް އެފައިސާ ދެއްކޭވަރުގެ ބަޔަކު ކަމުގައި ވާނަމަ ހުރުމުގެ ފުރުސަތު ދޭގޮތަށް ވަނީ ނިންމައިފައެެވެ.
އިއްޔެ އެގައުމުން ވަނީ ގިނަ ފްލައިޓުތަކެއް ބާއްވައި އިނގިރޭސިވިލާތާއި، އޮސްޓްރޭލިޔާގައި ތިބި ގިނަ ރައްޔިތުން ގައުމަށް ގެންގޮސްފައެވެ. ފުރަތަމަ ފްލައިޓުގައި 260 މީހުން ގެންދިޔަކަމަށް ވެއެވެ. މިހުރިހާ މީހުންވެސް 14 ދުވަހުގެ ކަރަންޓީނު ފުރިހަމަ ކުރަން ޖެހެއެވެ.