މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޒުވާނުންގެ ހިތްވަރު އިންތިހާބާއި އަންހެނުން ރޫހުގެ ބައި އިލެކްޝަންގެ ވަގުތީ ނަތީޖާ އިއުލާންކޮށްފިއެވެ.
އެމްޑީޕީގެ ޒުވާނުންގެ ހިތްވަރު އިންތިހާބާއި އަންހެނުން ރޫހުގެ ބައި އިލެކްޝަން ކުރިއަށް ގޮސްފައިވަނީ އިއްޔެއެވެ.
ޒުވާނުންގެ ހިތްވަރު އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން، 1440 ވޯޓާއެކު ނައިބު ރައީސްގެ މަގާމަށް އިންތިހާބުވެފައިވަނީ މުހައްމަދު އަންސާރެވެ. އެ މަގާމަށް ވާދަކުރި އިގުބާލު އަހްމަދަށް 558 ވޯޓު ލިބުނު އިރު، ހަސަން ޝަރީފަށް ލިބިފައިވަނީ 160 ވޯޓެވެ.
މާލޭ ސިޓީ ހިންގާ ކޮމިޓީ މެމްބަރުކަމަށް އިންތިހާބުވެފައިވަނީ ރިފްގާ ޝިހާމެވެ. ރިފްގާއަށް 88 ވޯޓު ލިބުނު އިރު، އޭނާއާ ވާދަކުރި ލަބީގު މުހައްމަދު މާހިދަށް ލިބިފައިވަނީ ހަ ވޯޓެވެ.
މަތި ދެކުނު ޕްރޮވިންސް ހިންގާ ކޮމިޓީ މެމްބަރުކަމަށް 213 ވޯޓާއެކު އިންތިހާބުވެފައިވަނީ ރައްޔާން ޖަމާލެވެ. އޭނާއެއެކު ދެން ވާދަކުރި އަޝްޖައު މަހައްމަދު ޝަހީދަށް 114 ވޯޓު ލިބުނު އިރު، އަހްމަދު މައުމޫން މުހައްމަދަށް ލިބުނީ 110 ވޯޓެވެ.
މަތި އުތުރު ޕްރޮވިންސް ހިންގާ ކޮމިޓިގެ މެމްބަރުކަމަށް 414 ވޯޓާއެކު އިންތިހާބުވެފައިވަނީ ނާޝިޔާ މުހައްމަދު ސަލީމެވެ. އޭނާއާއެކު ދެން ވާދަކުރި އަލީ ނިޝާމަށް 46 ވޯޓު ލިބުނު އިރު، ހުސައިން ވިޝާލަށް ލިބުނީ ނުވަ ވޯޓެވެ.
އުތުރު ޕްރޮވިންސް ހިންގާ ކޮމިޓީގެ މެމްބަރު ކަމަށް އިންތިހާބުވީ އަހްމަދު ރަމީޒެވެ. ރަމީޒަށް 222 ވޯޓު ލިބުނު އިރު، އޭނާއާ ވާދަކުރި އަބްދުﷲ އިބްރާހީމަށް ލިބުނީ 78 ވޯޓެވެ.
މަޑަވެލި ދާއިރާ، ގއ. ހޯނޑެއްދޫ ފޯކަލް ޕޮއިންޓަށް އިންތިހާބުވީ ހުސައިން ފަޔާޒެވެ. ފަޔާޒަށް 11 ވޯޓު ލިބުނު އިރު، ޔާމީނަށް މުހައްމަދަށް ވޯޓެއް ލިބިފައެއް ނުވެއެވެ. އެ ވޯޓުގައި ބައިވެރިވީ ވެސް 11 މީހުންނެވެ.
ތުޅާދޫ ދާއިރާ، ބ. ތުޅާދޫ ފޯކަލް ޕޮއިންޓަށް އިންތިހާބުވީ އިބްރާހިމް ނާޝިދެވެ. ނާޝިދަށް 19 ވޯޓު ލިބުނު އިރު، އޭނާއާ ވާދަކުރި އަބްދުﷲ ފައިސަލަށް ލިބިފައިވަނީ 15 ވޯޓެވެ.
އަންހެނުން ރޫހުގެ ބައި އިލެކްޝަންގައި ނައިބު ރައީސްގެ މަގާމަށް ވާދަކުރީ ހައްލަތު މާހިރާ ކަމަށް ވުމާއެކު ފެންނަ ނުފެންނަ ވޯޓެއް ވަނީ ނަގައިފައެވެ. ވޯޓުގައި ބައިވެރިވި 2060 މީހުންގެ ތެރެއިން އެމަގާމަށް ހައްލަތު ގެންނަން ފެންނަ ކަމަށް 1982 މީހުން ވޯޓު ދީފައިވާ އިރު، ނުފެންނަ ކަމަށް ވޯޓު ދީފައިވަނީ 54 މީހުންނެވެ. ބާތިލްވެފައިވަނީ 24 ވޯޓެވެ.