އެމްޑީޕީ

މަޖިލީހުގެ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު އެމްޑީޕީން ހުޅުވާލައިފި

ޝަހީދާ އަބްދުﷲ ސައީދު

އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކުން ޕްރައިމަރީގައި ބައިވެރިވުމަށް މިއަދު ފުރުސަތު ހުޅުވާލައިފިއެވެ.

އެމްޑީޕީން ވަނީ އެޕާޓީގެ ޕްރައިމަރީގައި ވާދަކުރަން ބޭނުންވާ ފަރާތްތަކުން ފޯމު ހުށަހަޅުމަށް ފުރުސަތު ހުޅުވާލާފައިވާއިރު މިމަހުގެ 18 ވަނަ ދުވަހު ޕްރައިމަރީ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އަދި ފޯމު ހުށަހަޅާއިރު، ތާއީދު ފޯމުގައި އެމީހަކު ވާދަކުރާ ދާއިރާއެއްގެ 18 އަހަރުން މަތީގެ 200 މީހުންގެ ސޮއި އޮންނަންވާނެ ކަމަށް ވެސް ބުނެފައިވެއެވެ. ޕްރައިމަރީގައި ވާދަކުރާ ފަރާތްތަކުން ކިޔޫގައި ޖެހިގެން ފޯމުތައް ހުށަހަޅަމުންދާއިރު، އަލަށް ސޮއިކުރި މެންބަރުންނާ އެކު ޕާޓީގެ މެންބަރުންގެ އަދަދު ތިރީސް ހާހަށް އަރާނެ ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.

އެމްޑީޕީން މިހާރު ކުރަމުންދަނީ މެންބަޝިޕް ފޯމު ވެރިފައި ކުރުމުގެ މަސައްކަތް ކަމަށާއި ޕްރައިމަރީގައި ވޯޓުލެވޭ މީހުންގެ ލިސްޓު އަންނަ މަހުގެ 13ގައި އިއުލާން ކުރާނެ ކަމަށް އެޕާޓީން ބުނެފައި ވެއެވެ. އަދި އެ ދުވަހު ވޯޓާސް ލިސްޓަށް ޝަކުވާ ހުށަޅުމުގެ ފުރުސަތު ވެސް ހުޅުވައިލާނެ ކަމަށް އެމްޑީޕީން ބުނެއެވެ.

އަންނަ އަހަރު މާޗުމަހު ބާއްވާ އިންތިޚާބުގައި އެމްޑީޕީން 87 ދާއިރާއަށް ވާދަކުރަން ވަނީ ނިންމާފައެވެ.