އެމްޑީޕީ

ހޯރަ އިއްބެގެ ޖަލު ހުކުމަށް ލުޔެއް ދެއްވަން ރައީސް ނިންމެވީ އިންސާނިއްޔަތަށްޓަކައި: އެމްޑީޕީ

ޝަހީދާ އަބްދުﷲ ސައީދު

3

ކުޑަކުއްޖަކާއެކު ބަދުއަޚުލާގީ އަމަލު ހިންގުމުގެ ކުށުގައި ދިހަ އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން ދިޔަ އިބްރާހީމް ރަޝީދު (ހޯރަ އިއްބެ)އަށް ލުޔެއް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވީ އިންސާނިއްޔަތަށް ޓަކައި ކަމަށް އެމްޑީޕީން ބުނެފިއެވެ.

ހޯރަ އިއްބެ މިނިވަންކުރުމާ ގުޅިގެން ގިނަ ފަރާތްތަކުން އެކަމަށް ފާޑުކިޔަމުން ދަނިކޮށް އެމްޑީޕީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އިބްރާހީމް ރަޝީދުގެ މައްޗަށް އިއްވާފައި ވަނީ ސިޔާސީ ހުކުމެއް ކަމަށެވެ.

އެގޮތުން އެމްޑީޕީގެ ސަރުކާރު ބަދަލުވުމަށްފަހު ސަރުކާރުން އެޕާޓީގައި އިސްކޮށް ހަރަކާތްތެރިވި ފަރާތްތަކަށް އަމާޒުކޮށްގެން ސެލެކްޓިވް ގޮތެއްގައި ޖިނާއީ އަދުލުގެ ނިޒާމް ނަހަމަގޮތުގައި ބޭނުންކޮށްގެން ހިންގި ޝަރީއަތްތަކުގެ ތެރޭގައި އިބްރާހީމް ރަޝީދުގެ ޝަރީއަތް ވެސް ހިމެނޭ ކަމަށް އެ ބަޔާނުގައި ވެއެވެ.

އަދި އިއްބެ ހައްޔަރުކުރުމުގަ އާއި ޝަރީއަތުގައި ހިނގައި ދިޔަ އިޖުރާއީ ގޯސްތަކަށް ކޯޓުން ރިއާޔަތްނުކޮށް ދޫކޮށްލައިފައި ވަނީވެސް ސިޔާސީ ނުފޫޒުގެ ސަބަބުން ކަމަށާއި އެމައްސަލައާ ގުޅިގެން އޭނާގެ އާއިލާއިންވެސް އެކަން އެގޮތަށް ފާހަގަކުރާ ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.

''އިސްވެ ދެންނެވި ކަންކަމަށް ބަލާއިރު އިއްބެގެ ހާލަތަށާއި، އާއިލާ އާއި ތުއްތު ދަރިފުޅުގެ ހާލަތަށާއި އަދި މުޅި މިމައްސަލައިގައި ވަށައިގެންވާ އެންމެހައި ކަންކަމަށް ރިއާޔަތްކުރައްވައި އިބްރާހީމް ރަޝީދުގެ މައްޗަށްކޮށްފައިވާ ހުކުމްގެ އަދަބު ލުޔިކޮށްދެއްވަން ރައީސުލްޖުމްހޫރިއްޔާ އޮނަރަބަލް އިބްރާހީމް މުހައްމަދު ސޯލިހް ނިންމެވި ނިންމެވުމަކީ އިންސާނިއްޔަތައްޓަކައި ނިންމެވި ނިންމެވުމަކެވެ. އަދި މިފަދަ ހައްސާސް މައްސަލައެއްގައި މިފަދަ ދަތި އުނދަގޫ ނިންމެވުމެއް އިބްރާހީމް ރަޝީދުގެ އާއިލާގެ ހައްގުގައި ނިންމެވިކަމަށްޓަކައި މިޕާޓީގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ އޮނަރަބަލް އިބްރާހީމް ހަޙައްމަދު ސޯލިހަށް ޝުކުރުއަދާކުރަމެވެ.'' އެމްޑީޕީގެ ބަޔާނުގައި ވެއެވެ.

ބަޔާނުގައި އިތުރަށް ބުނެފައި ވަނީ އިއްބެގެ އަދަބު ލުއިކޮށްދޭން ރައީސުލްޖުމްހުރިއްޔާ ނިންމެވި ނިންމެވުމަކީ 2016 ވަނަ އަހަރު ކްލެމެންސީ ބޯޑުން އޭނާއަށް ލުޔެއް ދޭން ނިންމާފައިވާ ނިންމުން ތަންފީޒުނުކޮށް ރައީސް ޔާމީން ދިގުމުއްދަތަކަށް ހިފަހައްޓައިފައި ވަނިކޮށް އެނިންމުމަށް ރިއާޔަތްކުރައްވައި ނިންމަވާފައިވާ ނިންމެވުމެއް ކަމަށެވެ.

މީގެއިތުރުން ބަޔާނުގައި ބުނީ ކުޑަކުއްޖަކު އެއްވެސް މީހެއްގެ ޖިންސީ ޝިކާރައަކަށް ވިޔަ ނުދިނުމަށްޓަކައި ޖިނާއީ އަދުލުގެ ނިޒާމް ހަރުދަނާކޮށް ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށް، އެކުދިންނަށް ދިރުއުޅުމުގައި ރައްކާތެރި މާހައުލެއް ގާއިމުކޮށްދިނުމަށް އެމްޑީޕީން ފުރިހަމަ އެއްބާރުލުން ލިބޭނޭކަމުގެ ޔަގީންކަން އަރުވާކަމަށެވެ.

ހޯރަ އިއްބެގެ މައްޗަށް އިއްވާފައިވާ ދިހަ އަހަރުގެ ޖަލު ހުކުމުގެ ބާކީ ހަތަރު އަހަރަށް ވެފައިވަނިކޮށް ރައީސް ސޯލިހު ވަނީ އޭނާގެ ހުކުމުން ތިން ދުވަސް ފިޔަވައި އެހެން ދުވަސްތައް މައާފުކޮށްދެއްވައިފައެވެ. އެހެންކަމުން މިދިޔަ ބުރާސްފަތި ދުވަހު އިއްބެ ވަނީ މިނިވަންވެފައެވެ.

އިއްބެއަށް ރައީސް މައާފު ދެއްވި މައްސަލައިގައި ރައީސް ޔާމީން ވިދާޅުވެފައިވަނީ 2016 ވަނަ އަހަރު ކްލެމެންސީ ބޯޑުން އިއްބެއަށް ލުޔެއް ދޭން ނިންމާފައިވާ ނިންމުން ތަންފީޒުނުކުރެއްވީ މައްސަލައިގެ ބާވަތުން ރައީސުލްޖުމްހޫރިއްޔާއަށް މައާފު ދެއްވޭނެ ކަމަށް ގަބޫލުފުޅު ނުކުރައްވާތީ ކަމަށެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީކަން ކުރެއްވި ހޯރަ އިއްބެ ހައްޔަރުކޮށްފައި ވަނީ 2012 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި ގ. މާވަސް، ކިޔާ ގެއަކުން ކުށުގެ ވެށީންނެވެ. އަދި އޭނާގެ މައްޗަށް ދިހަ އަހަރުގެ ޖަލު ހުކުމެއް އިއްވީ 12 ޖެނުއަރީ 2013 ގައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟