އަންނަ ހޯމަ ދުވަހާއި ބުދަ ދުވަހު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަސާސީ ހިދުމަތްތައް ދިނުމަށް ހަމަޖައްސައިފިއެވެ.
ބީއެމްއެލުން މައުލޫމާތު ދިން ގޮތުގައި ހޯމަ އަދި ބުދަ ދުވަހުވެސް ބީއެމްއެލްގެ އަސާސީ ބޭންކިންގެ ހިދުމަތްތައް ދިނުމަށް ހަމަޖައްސާފައިވަނީ ހެނދުނު 9:30 އިން ފެށިގެން 12:30ގެ ނިޔަލަށެވެ.
އެގޮތުން މި ދެދުވަހު ޓީޓީގެ ހިދުމަތް، މުވައްޒަފުންގެ މުސާރަ ޖަމާކޮށްދިނުމުގެ ހިދުމަތް، ލޯކަލް ބޭންކް ޓްރާސްފާގެ ހިދުމަތް އަދި އޭޓީއެމް މެދުވެރިކޮށް ޖަމާ ކުރާ ޗެކް ޕްރޮސެސް ކުރުމުގެ މަސައްކަތް ކުރުމުގެ ހިދުމަތް ދޭނެ ކަމަށް ބީއެމްއެލުން ބުނެއެވެ.
ބީއެމްއެލުން މައުލޫމާތު ދިން ގިތުގައި އެދުވަހު 11:00ގެ ކުރިން ފޮނުވާ ޓީޓީ އަދި ލެޓާ އޮފް ކްރެޑިޓް އެދުވަހު ޕްރޮސެސް ކުރާނެއެވެ. އަދި ޓީޓީ އެޕްލިކޭޝަނާއި ބޭނުންވާ އެހެނިގެން ލިޔެކިޔުންތައް ބީއެމްއެލްގެ މެއިލް އައިޑީ، [email protected] އަށް ފޮނުވުމަށް ބީއެމްއެލުން އެދެއެވެ.
ޕޭރޯލްގެ ހިދުމަތަށް އެދި އީމެއިލް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށް ބީއެމްއެލުން ބުނެއެވެ. އަދި މި ހިދުމަތަށް އެދުމަށް ބޭނުންވާ ހުރިހާ ތަފްސީލެއް https://www.bankofmaldives.com.mv/payroll-services އިން ލިބޭނެ ކަމަށް ބީއެމްއެލުން ބުނެއެވެ. މީގެ އިތުރުން ބީއެމްއެލްގެ އެކައުންޓަކަށް ޕޭރޯލް ހަމަޖައްސާނަމަ ހެނދުނު 11:00ގެ ކުރިން ލިބޭ ހުށަހެޅުންތައް އެ ދުވަހު ޕްރޮސެސް ވާނެ ކަމަށް ބީއެމްއެލުން ބުނެއެވެ. އަދި އެހެން ބޭންކެއްގެ އެކައުންޓަކުން ޕޭރޯލް ހަމަޖައްސާނަމަ ޕްރޮސެސް ވާނީ އެދުވަހެއްގެ 10:00ގެ ކުރިން ލިބޭ ހުށަހެޅުންތައް ކަމަށް ބީއެމްއެލުން ބުނެއެވެ.
މީގެ އިތުރުން އޭޓީއެމް މެދުވެރިކޮށް ޖަމާ ކުރާ ކްލިއަރިން ޗެކުތައް ޕްރޮސެސް ކުރެވޭނީ ދެން ބޭންކު ހުޅުވޭ ދުވަހަކުން ކަމަށް ބީއެމްއެލުން ބުނެއެވެ. އަދި ހެނދުނު 11:30 ގެ ކުރިން ޖަމާ ކުރާ ބީއެމްއެލް ޗެކުތައް އެދުވަހު ޕްރޮސެސް ކުރާނެ ކަމަށް ބީއެމްއެލުން ބުނެއެވެ.
ލޯކަލް ބޭންކް ޓްރާންސްފާގެ ކަންކަން ހަމަޖައްސާފައިވާ ގޮތުގެ މައުލޫމާތުވެސް ބީއެމްއެލުން ވަނީ ދީފައެވެ. އެގޮތުން ހެނދުނު 10:00ގެ ކުރިން އިންޓަނެޓް ބޭންކިން މެދުވެރިކޮށް ލިބޭ އޭއެޗްސީ ޓްރާންސްފާ ރިކުއެސްތުތައް އެދުވަހު ޕްރޮސެސް ކުރާނެ ކަމަށް ބީއެމްއެލުން ބުނެއެވެ. އަދި ހެނދުނު 11:30 ގެ ކުރިން އިންޓަނެޓް ބޭންކިން މެދުވެރިކޮށް ލިބޭ އާރްޓީޖީއެސް ޓްރާންސްފާ (100،000 ރުފިޔާއަށް ވުރެ މަތި) ރިކުއެސްޓް އެދުވަހު ޕްރޮސެސް ވާނެ ކަމަށް ވެސް ބީއެމްއެލުން ބުނެއެވެ.
މި ހިދުމަތްތައް ދިނުމަށް މިހާރު ނިންމާފައިވާ ގަޑީގެ ފަހުން ލިބޭ ރިކުއެސްޓުތައް ޕްރޮސެސް ވާނީ ދެން ބޭންކު ހުޅުވޭ ދުވަހެއްގައި ކަމަށް ބީއެމްއެލުން ބުނެއެވެ.
ބީއެމްއެލުން ވަނީ ރާއްޖޭގައި ލޮކްޑައުންގެ ހާލަތު އިއުލާނުކޮށްފައިވުމުން މި މުއްދަތަށް ބޭންކުގެ ހުރިހާ ބްރާންޗުތަކާއި ސާވިސް ސެންޓަރުތައް ބަންދުކޮށްފައެވެ. އަދި އެ ބޭންކުގެ ހިދުމަތް އޮންލައިންކޮށް ލިބޭނެ ގޮތް ވަނީ ހަމަޖައްސައިފައެވެ.