އެމްޑީޕީ

ގައުމީ މަޖިލީހުން އިތުރު ގޮތެއް ނުނިންމާ ނަމަ ކުރީގެ ނިންމުން ދެމި އޮންނާނެ: ހަސަން ލަތީފު

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީން ވާދަކުރާނެ ދާއިރާ ކަނޑައެޅުމުގައި އެޕާޓީގެ ގައުމީ މަޖިލީހުން ނިންމާފައިވާ ނިންމުން އެ މަޖިލީހުން އެހެން ގޮތަކަށް ބަދަލު ކުރުމަށް ނުނިންމާ ނަމަ، ކުރީގެ ނިންމުން ދެމި އޮންނާނެ ކަމަށް އެޕާޓީގެ ޗެއާޕާސަން ހަސަން ލަތީފު މިއަދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ ދާއިރާތައް ކަނޑައެޅުމުގައި ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތަކާ މަޝްވަރާ ކުރުމުގެ މަސައްކަތް ބައެއް ޕާޓީތަކުން ފަށާފައިވާތީ، އެކަމާ ގުޅިގެން ''ވަންއޮންލައިން'' އިން ދެންނެވި ސުވާލަކަަށް ޖަވާބުދެއްވަމުން ހަސަން ލަތީފު ވިދާޅުވީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއަށް ހާޒިރުވި 80 މެންބަރުންގެ ތެރެއިން 79 މެންބަރުންގެ ވޯޓުން 87 ދާއިރާއަށް ވާދަކުރަން ނިންމާފައިވާކަމަށެވެ.

އެމްޑީޕީން މަޖިލީހުގެ 87 ދާއިރާއަށް ވާދަކުރަން އެޕާޓީގެ ގައުމީ މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.

87 ދާއިރާއަށް ވާދަކުރަން އެމްޑީޕީން ނިންމުމާއި ގުޅިގެން އެހެން ޕާޓީތަކުގެ މެދުގައި ވަނީ ނުތަނަވަސްކަން އުފެދިފައެވެ. ބައެއް ޕާޓީތަކުން ބުނާ ގޮތުގައި އެއީ ކޯލިޝަންގެ ހަތަރު ލީޑަރުން ވެފައިވާ އެއްބަސްވުމާ ޚިލާފު ކަމެކެވެ. ނަމަވެސް އެމްޑީޕީން ތަކުރާރުކޮށް ބުނެފައިވަނީ މަޖިލީހުގެ އިންތިޚާބާއި ގުޅިގެން ހަތަރު ލީޑަރުންގެ މެދުގައި ވެފައިވާ އެއްބަސްވުމެއް ނޯންނާނެ ކަމަށެވެ.

މަޖިލީހުގެ އިންތިޚާބުގައި ވާދަކުރުމާ ގުޅޭ ގޮތުން ރައީސް މައުމޫންގެ އެމްއާރުއެމުން ''ވަންއޮންލައިން'' އަށް މައުލޫމާތު ދެއްވަމުން ސެކްރެޓަރީ ޖެނެރަލް އަބްދުލްއަލީމް މިއަދު ވިދާޅުވީ މަޖިލީހުގެ އިންތިޚާބުގައި އެމްއާރުއެމުން އަމަލުކުރާނެ ގޮތެއް ނިންމާނީ ކޯލިޝަންގައި ހިމެނޭ ޕާޓީތަކާ މަޝްވަރާކުރުމަށްފަހު ކަމަށެވެ.

މަޖިލިސް އިންތިޚާބުގައި އެމްޑީޕީން ވަނީ 87 ދާއިރާއަށް ވާދަކުރަން ނިންމާފައެވެ. އަދި އަދާލަތު ޕާޓީން ވަނީ ކޯލިޝަންގެ އެއްބަސްވުމާ އެއްގޮތަށް ނުކުންނަން 13 ދާއިރާ އިއުލާންކޮށްފައެވެ. އަދި ކޯލިޝަނުން ލިބިފައިވާ ހިއްސާގެ ނިސްބަތުން ބަލާ ނަމަ ރައީސް މައުމޫނުގެ އެމްއާރްއެމްއަށް މަޖިލީހުގެ 17 ދާއިރާ ލިބިވަޑައިގަންނަވާނެ އެވެ.