މިންހާ ފާއިޒް ރަޝާދު
އެމެރިކާގައި ކޮވިޑް19 އަށް 759،000 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވް ވެ 40،600 އަށް ވުރެ ގިނަ މީހުން މަރުވެއްޖެއެވެ.
އިއްޔެ އެކަނިވެސް އެގައުމުގައި 24498 މީހުން ޕޮޒިވްވެފައި ވާއިރު 1774 މީހުން މަރުވިއެވެ.
ގިނަ ބަޔަކު ބައްޔަށް ޕޮޒިޓިވް ވެ މަރުވަމުންދާއިރު ރައީސް ޑޮނަލްޑް ޓްރަމްޕް އަދިވެސް ހުންނެވީ ގައުމު އަވަހަށް ހުޅުވާލުމަށް ނިންމަވައިގެންނެވެ.
އިއްޔެ ރައީސް ޓްރަމްޕް ވަނީ އެމެރިކާގެ ސެންޓާ ފޯ ޑިޒީޒް ކޮންޓްރޯލު އެންޑް ޕްރިވެންޝަން (ސީޑީސީ)ގެ މަސައްކަތްތަކާމެދު ހިތްޕުޅުހަމަޖެހިވަޑައިނުގެން ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން ސީޑީސީގައި ހުރީ ހަލާކުވެފައިހުރި ޓެސްޓުކިޓްތަކެއް ކަމަށާއި ބާ ޓެސްޓުކިޓު ތަކެއް ކަމަށް ވަނީ ވިދާޅުވެފައެވެ.
ޓްރަމްޕް ވަނީ ޑިފެންސް ޕްރޮޑަކްޝަން އެކްޓް އަލުން ބޭނުންކޮށް ޓެސްޓު ކުރުމަށް ބޭނުންކުރާ ސްވޮބްސް އުފައްދަން އިއުލާނުކުރަން ނިންމަވާފައިވާ ކަމަށްވެސް ވިދާޅުވެފައެވެ. އަދި ކުންފުންޏަކާ ވާހަކަދައްކައި މަހެއްތެރޭ 10 މިލިއަން ސްވޮބްސް އުފައްދުމުގެ މަޝްވަރާތައް ކުރަމުން އަންނަ ކަމަށާއި ގާނޫނީ ބާރުގެ ބޭނުންކުރައްވައި އިތުރު ކުންފުންޏަކުން އެގޮތަށް އަމަލު ކުރަން އަންގާނެ ކަމަށް ވެސް ވިދާޅުވިއެވެ.
ކޮވިޑް19 ފެތުރެން ފެށިގޮތް ހޯދަން އެމެރިކާއިން ފަށާފައިވާ ތަހުގީގަށް ޗައިނާއަށް މީހުން ފޮނުވަން ބޭނުންވާ ކަމަށްވެސް ރައީސް ޓްރަމްޕް އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވިއެވެ.
"ޗައިނާއާ ވާހަކަ ދައްކަމުން މިދަނީ. މިހާރު ވަރަށް ދުވަސްވެއްޖެ ވާހަކަ ދެކެވޭތާވެސް. ބޭނުން އެގައުމަށް ދާން" ޓްރަމްޕް ވިދާޅުވިއެވެ.
ބައްޔަށް ގިނަ ބަޔަކު ޕޮޒިޓިވް ވެފައިވާއިރު އެމެރިކާގެ 22 މިލިއަން މީހުންގެ ވަޒީފާވެސް ވަނީ ކޮވިޑުގެ ސަބަބުން ގެއްލިފައެވެ.