ދިވެހި ޕްރިމިއާ ލީގު

ލީގުގެ ފުރަތަމަ މޮޅު ނިލަންދޫއިން ހޯދައިފި

އަހުމަދު ޔަޝާއު

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗު ފަސޭހަކަމާއެކު ތިމަރަފުށި ބަލިކޮށް، ލީގުގެ ފުރަތަމަ މޮޅު ނިލަންދޫއިން ހޯދައިފިއެވެ. ނިލަންދޫއިން ތިމަރަފުށީގެ މައްޗަށް ކާމިޔާބުހޯދީ 0-3 ގެ ނަތީޖާއަކުންނެވެ.

ދެމަސްދުވަހުގެ މެދުކެނޑުމަކަށްފަހު ލީގުގެ ކުޅުން މިއަދު ފެށިއިރު ގިނަ ކުލަބުތަކަށް ވަނީ މައްސަލަތަކެއް ދިމާވެފައެވެ. އެގޮތުން، ތިމަރަފުށި މިއަދުގެ މެޗާއި ހަމައަށް އައިއިރު އެއްވެސް ޕްރެކްޓިސްއެއް ބޭއްވިފައެއް ނުވެއެވެ. ނިލަންދޫއަށް މިއަދުގެ މެޗުގައި އިރުޝާދު ދިނުމަށް ބެންޗުގައި ހުރީ ވެލެންސިއާގެ އެސިސްޓެންޓު ކޯޗު އާދަމް އަބްދުލް ލަޠީފް (ލައްޗޭ) އެވެ. ގިނަ ކުލަބުތަކަށް މާލީ ދަތިތައް ކުރިމަތިވެ، ބައެއް ކުލަބުތަކުގެ ބިދޭސީ ކުޅުންތެރިންނާއި ކޯޗުންވެސް ވަނީ ފޮނުވާލާފައެވެ.

މިއަދުގެ މެޗުގައި ނިލަންދޫއަށް ލީޑު ނަގައިދިނީ މެޗުގެ ފުރަތަމަ ހާފު ނިމެން އެއް މިނެޓަށް ވެފައިވަނިކޮށް އެޓީމުގެ ބިދޭސީ ކުޅުންތެރިޔާ އަޑޯކޫ ކުވެކޫ ލޫކަސްއެވެ. ނިލަންދޫގެ ކުޅުންތެރިޔަކު ޖެހި ޝޮޓެއް ތިމަރަފުށީގެ ގޯލްކީޕަރު އަޑެތުންޖީ ލޯރެންސް އަތުގައި ޖެހިފައި ނިކުތްވަގުތު ލޫކަސްވަނީ އެއްފަހަރުން ގޯލުގެ ތެރެއަށް ފޮނުވާލާ ނިލަންދޫއަށް ލީޑު ނަގައިދީފައެވެ.

ދެވަނަހާފުގައިވެސް ގިނައިރު ބޯޅަހިފަހައްޓައިގެން ގިނަ ހަމަލާ އުފެއްދީ ނިލަންދޫއިންނެވެ. އެގޮތުން ދެވަނަ ހާފު ފެށިތާ މާގިނައިރެއްނުވެ ނިލަންދޫގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްދިން ލޫކަސް އޭރިޔާ ބޭރުން ފޮނުވާލި ބާރު ބޯޅަ އަމާޒުވީ ތިމަރަފުށީ ގޯލްކީޕަރުގެ އަތަށެވެ. އަދި މެޗުގެ 68 ވަނަ މިނެޓުގައި، ނިލަންދޫގެ އިބްރާހީމް ފުރުޤާން ތިމަރަފުށީގެ ގޯލްކީޕަރުގެ ކައިރިން ނައްޓާލުމަށްފަހު މުޅިން ހުސްކޮށްހުރި އެޓީމުގެ އެހެން ކުޅުންތެރިޔަކަށް ދިން ޕާސް އޭނާއަށް ލިބުމުގެ ކުރިން ތިމަރަފުށީގެ ޑިފެންޑަރުވަނީ ހުށިޔާރުކަމާއެކު ދިފާޢުކޮށްފައެވެ.

ނިލަންދޫއިން މެޗުގައިޖެހި ފަހު ދެގޯލު ފެނިގެންދިޔައީ މެޗުގެ އެންމެ ފަހު ދިހަ މިނެޓުގެ ތެރޭގައެވެ. އެޓީމުގެ އިބްރާހީމް ފުރުޤާން އާއި އާދިލް އަލީ ވަނީ ގާތްގާތުގައި ދެލަނޑުޖަހާ ލީގުގެ ފުރަތަމަ މޮޅު އެޓީމަށް ހޯދައިދީފައެވެ. މިއަދުގެ މެޗުން ލިބުނު 3 ޕޮއިންޓާއެކު ނިލަންދޫ ވަނީ ޖުމްލަ 4 ޕޮއިންޓާއެކު ޓޭބަލްގެ 8 ވަނައަށް ޖެހިލާފައެވެ.