އެމެރިކާ

އެމެރިކާއިން ޑަބްލިއުއެޗްއޯއަށް ދެމުން އައި ފަންޑިން ބޮޑެތި ތުހުމަތުތަކާއެކު ހުއްޓާލައިފި

މިންހާ ފާއިޒް ރަޝާދު

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ)ގެ ފަންޑު ސަސްޕެންޑް ކުރައްވައިފިއެވެ.

އެކަން ޓްރަމްޕް އިއުލާނުކުރެއްވީ އިއްޔެ އެގައުމުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ޓްރަމްޕް ވިދާޅުވިގޮތުގައި އެގޮތަށް އަމަލު ކުރެއްވީ ޑަބްލިއުއެޗްއޯއިން ކޮވިޑް19ގެ މަސައްކަތް ކުރިއަށްދާ ގޮތް ރަނގަޅު ނުވުމާއި ބަލި ފެތުރޭ މިންވަރު ފޮރުވަން އެ ޖަމިއްޔާއިން މަސައްކަތް ކުރާތީކަމަށެވެ.

މުޅި ދުނިޔޭގައި ބޮޑު ވަބާއެއް ފެތުރި އެކަމުން ރައްކާތެރިވުމަށް ހުރިހާ ގައުމަކުން މަސައްކަތް ކުރަމުން އަންނަ ދަނޑިވަޅެއްގައި ޓްރަމްޕް މިގޮތަށް ކަންތައް ކުރެއްވުމުން މިކަން ވެފައި ވަނީ ބަލީން ރައްކާތެރިވުމަށް ކުރިމަތިވި އިތުރު ގޮންޖެހުމަކަށެވެ.

އެމެރިކާގައި އެކަނި ބައްޔަށް ޕޮޒިޓިވްވި މީހުން ހަލައްކައިން މައްޗަށް އަރައި، އެއީ މުޅި ދުނިޔޭގައިވެސް ބަލި އެންމެ ބޮޑު އެއްގައުމު ކަމަށް ވެފައިވާއިރު ޓްރަމްޕް ވަނީ އެކަން ދިފާއުވެސް ކުރައްވާފައެވެ. މި ބަލީގެ ނުރައްކާ ކުރިން ޓްރަމްޕް އެހާ ބޮޑުކޮށް ނުނަންގަވައި، ސިއްހީ ދާއިރާގެ ބޭފުޅުންނާއި ކަމާގުޅުން ހުރި ފަރާތްތަކުގެ އިންޒާރުތަކަށް ޓްރަމްޕް ވަނީ ބީރު ކަންފަތެއް ދެއްވާފައެވެ. އެކަންތައްތައް ދިފާއުކުރައްވައި ޓްރަމްޕް ގެ ތުހުމަތުގެ އިނގިލި ދިއްކުރައްވާފައި ވަނީ ނޫސްވެރިންނާއި ޑަބްލިއުއެޗްއޯއަށެވެ.

އެމެރިކާއިން ޑަބްލިއުއެޗްއޯއަށް އަހަރަކު 400 މިލިއަން ޑޮލަރާއި 500 މިލިއަން ޑޮލަރާ ދެމެދުގެ ފަންޑިންއެއް ދެއެވެ. ޓްރަމްޕް ވިދާޅުވި ގޮތުގައި އެ ފަންޑިން އަކީ ޗައިނާއިން ޑަބްލިއުއެޗްއޯއަށް ދޭ 40 މިލިއަން ޑޮލަރަށްވުރެ ބޮޑު އަދަދެކެވެ.

"ޑަބްލިއުއެޗްއޯ އިން ޗައިނާއަށް ސިއްހީ މާހިރުން ފޮނުވާ އެގައުމުގައި ބަލި ކޮންޓްރޯލުކޮށް، އަދި އެގައުމުން ބައްޔާ ގުޅިގެން ބުނާ އަދަދުތަކުގެ ޓްރާންސްޕޭރެންސީތައް ތަހުގީގުކޮށް ހެދި ނަމަ މިއަދު މިބަލީގައި މަރުވާ މީހުން މަދުވާނެ" ޓްރަމްޕް ވިދާޅުވިއެވެ.

ފަންޑިން ހުއްޓާލައްވާނެކަމުގެ އިންޒާރު ކުރިންވެސް ޓްރަމްޕް ދެއްވާފައިވާއިރު އޭރު ޑަބްލިއުއެޗްއޯއިން ވަނީ އެކަން އެމެރިކާއިން ކުރާނެކަމަށް ގަބޫލު ނުކުރާ ކަމަށް ބުނެފަ އެވެ.

ޑަބްލިއުއެޗްއޯގެ ފަންޑިން ޓްރަމްޕް ހުއްޓާލެއްވިއިރު މީގެ ކުރިން ވަނީ ޔުނައިޓެޑް ނޭޝަންސް (ޔޫއެން) އާއި ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަން (ޑަބްލިއުޓީއޯ) އަށް އެމެރިކާއިންދޭ ފަންޑުތަކާމެދުވެސް ސުވާލު އުފައްދައި އެޖަމިއްޔާތަކުން އެދެވޭ މަސައްކަތްތަކެއް ނުކުރާކަމުގެ އިނގިލިވެސް ދިއްކުރައްވާފައެވެ.

ދުނިޔޭގައި ކޮވިޑް ބައްޔަށް ޕޮޒިޓިވް ވި މީހުން ދެމިލައުން މައްޗަށް އަރާފައިވާއިރު މަރުވި މީހުންގެ އަދަދު ވަނީ 126،000އިން މައްޗަށް އަރާފައެވެ. 434،700 މީހުނަށް ވުރެ ގިނަ މީހުން ވަނީ ބަލިން ފަސޭހަވެފައެވެ.