އެމެރިކާ

އެމެރިކާގައި ކޮވިޑް 19އަށް ޕޮޒިޓިވް ވި މީހުންގެ އަދަދު ބައި މިލިއަނުން މައްޗަށް އަރައިފި

މިންހާ ފާއިޒް ރަޝާދު

އެމެރިކާގައި ކޮވިޑް19 އަށް ޕޮޒިޓިވް ވި މީހުންގެ އަދަދު ބައި މިލިއަނަށްވުރެ މައްޗަށް އަރައިފިއެވެ. ހަަމަ އެއާއެކު އެއްދުވަހެއްގައި އެންމެ ގިނަ މީހުން މަރުވީވެސް އިއްޔެ އެމެރިކާގައެވެ.

އެމެރިކާގައި މި ބަލިން މިހާތަނަށް މަރުވި މީހުން 18700 އިން މައްޗަށް އަރާފައިވާއިރު، ފާއިތުވި 24ގަޑިއިރު ތެރޭގައި މަރުވިމީހުންގެ އަދަދު ވަނީ ދެހާހަށްވުރެ މައްޗަށް އަރާފައެވެ. އެއީ މުޅި ދުނިޔޭގައިވެސް އެންމެ ގިނައިން އެއްދުވަހެއްގައި މީހުން މަރުވި އަދަދެވެ.

މިގޮތަށް އެމެރިކާގައި މި ބަލި ކޮންޓްރޯލު ނުވެ މައްޗަށް އަރަމުންދާއިރު ރައީސް ޑޮނަލްޑް ޓްރަމްޕް އަދިވެސް ބޭނުންފުޅުވެވަޑައިގަންނަވަނީ ވީހާވެސް އަވަހަކަށް ގައުމު ހުޅުވާލުމަށެވެ. ނަަމަވެސް ސިއްހީ ފަރާތްތަކުން އަންނަނީ އެކަމާ ނުރުހުންފާޅު ކުރަމުންނެވެ. ހާއްސަކޮށް އިޖުތިމާއީ ގައިދުރުކަމުގެ ފިޔަވަޅަށް އިސްކަން ނުދީފިނަމަ ދެންވާނެ ގެއްލުން އަންދާޒާކުރަންވެސް ނޭނގޭނެ ކަމަށް އެމީހުން އަންނަނީ ބުނަމުންނެވެ.

ޔުނިވާސިޓީ އޮފް ވޮޝިންޓަންގެ އިންސްޓިޓިއުޓް ފޯ ހެލްތު މެޓްރިކްސް އެންޑް އިވެލުއޭޝަން އިން މިދިޔަ ހަފުތާތެރޭގައި ނެރެފައިވާ ދިރާސާ މޮޑެލަކުން ދައްކަނީ، އެމެރިކާގެ ސްޓޭޓުތައް، ނިއު ޔޯކާއި ނިއު ޖާޒީ އިން ޕީކް ދުވަސްތައް މިހާރު ގޮސްފައިވާކަމަށާއި ނަމަވެސް މިމަހު ފަހުކޮޅު ފްލޮރިޑާ އާއި ޓެކްސަސް އަށް ބިރުވެރި ދުވަސްތަކެއް ކުރިމަތިވެދާނެ ކަމަށެވެ.

ކުރިން ސިއްހީ މާހިރުން އެގައުމުގައި ކޮވިޑް19ގެ ސަބަބުން 100،000 އާއި 200،000 އާ ދެމެދުގެ މީހުން މަރުވެދާނެ ކަމަށް ލަފާކުރި ނަމަވެސް އިންސްޓިޓިއުޓް ފޯ ހެލްތު މެޓްރިކްސް އެންޑް އިވަލުއޭޝަންގެ މެޓްރިކްސްއިން ދައްކާ ގޮތުގައި ބަލިން މަރުވާ މީހުން އެއަށްވުރެ މައްޗަށް އަރާފާނެ ކަމަށް ލަފާކުރެވެއެވެ. ނަމަވެސް ރައީސް ޓްރަމްޕް ވަނީ އެގައުމުގައި މަރުވާ މީހުން އެއްލައްކައިން މައްޗަށް އަރާނެ ކަމަށް ގަބޫލުފުޅު ނުކުރައްވާކަމަށް ވިދާޅުވެފައެވެ.

ދުނިޔޭގައި ކޮވިޑް19 އަށް ޕޮޒިޓިވް 1.7 މިލިއަން މީހުން މިހާރު ތިބިއިރު އެއްލައްކަ ދެހާހަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. 370000އަށް ވުރެ ގިނަ މީހުން ބަލިން ވަނީ ފަސޭހަވެފައެވެ.