މިންހާ ފާއިޒް ރަޝާދު
އެމެރިކާގައި ކޮވިޑް19 އަށް ޕޮޒިޓިވް ވި މީހުންގެ އަދަދު ތިން ލައްކައަށް އަރައިފިއެވެ. އެއާއެކު އެގައުމުގެ ރައީސް ޑޮލަންޑް ޓްރަމްޕް ވަނީ ގިނަ ބަޔަކު މަރުވާނެ ކަމަށް ލަފާކުރައްވައި ކުރިއަށް އޮތް ހަފުތާއަކީ ވަރަށް އުނދަގޫފުޅު ހަފުތާއެއް ކަމަށް ވިދާޅުވެފައެވެ.
ރައީސް ޓްރަމްޕް އެހެން ވިދާޅުވީ ކޮންމެ ދުވަހަކު ބާއްވަވާ ނޫސްވެރިންގެ ބައްދަލުވުމުގައި ރޭ ވަހަކަފުޅުދައްކަވަމުންނެވެ.
ޓްރަމްޕްގެ ވާހަކަފުޅުގައި އެމެރިކާއަށް ކުރިއަށް އޮތް ހަފުތާއަކީ ބިރުވެރި ހަފުތާއެއް ކަމަށް ވިދާޅުވެ އެކަމަށް ތައްޔާރުވެ ތިބުމަށް ރައްޔިތުން ކިބައިން އެދިވަޑައިގެންނެވި އެވެ. އަދި ސިއްހީ ފަރާތްތަކާއި މިލިޓަރީ ފަރާތްތަކަށް ރައްކާތެރިވުމުގެ ގޮތުން ބޭނުންވާ މެޑިކަލް ހުރިހާ ތަކެއްޗެއް ފޮރުކޮށްދެއްވާނެ ކަމުގެ ޔަގީންކަންވެސް ދެއްވިއެވެ.
ނަމަވެސް ރައީސް ޓްރަމްޕް ވަނީ މިހާރު އެގައުމުގައިވެސް އިއުލާނުކޮށްފައިވާ އިޖުތިމާއީ ގައިދުރުކަން މިމަސްތެރޭ ކުޑަކުރަން ވިސްނަވަމުން ގެންދަވާ ކަމަށް ވިދާޅުވެފައެވެ.
"ގައުމު ހުޅުވަން ޖެހޭ. މިގޮތަށް މަސްތަކެއް ވަންދެން ބަންދުކޮށްފައެއް ނުބޭއްވޭނެ" ރައީސް ޓްރަމްޕް ވިދާޅުވިއެވެ.
މިހާތަނަށް ކޮވިޑް19 އަށް އެންމެ ގިނަ ބަޔަކު ޕޮޒިޓިވް ވި ގައުމަށް އެމެރިކާ ވެފައިވާއިރު އެގައުމުން 8500 މީހުން ވަނީ މަރުވެފައެވެ.
މީގެ ކުރިން ބައްޔަށް އެންމެ ގިނަ ބަޔަކު ޕޮޒިޓިވް ވި، ގައުމު ކަމަށްވާ އިޓަލީގައި ބަލި ކޮންޓްރޯލު ވަމުން އަންނަ ކަމަށް އެގައުމުން މައުލޫމާތު ދެއެވެ. އެގޮތުން އިއްޔެ އައިސޫޔޫގައި ފަރުވާދެމުން އަންނަ ބަލި މީހުންގެ އަދަދު ފުރަތަމަ ފަހަރަށް މަދުވެފައިވާ ކަމަށް އެގައުމުން ބުނެއެވެ.
ކުރިން ދެވަނައަށް އެންމެ ބޮޑަށް ބަލި ފެތުރުނު ގައުމު ސްޕެއިންގައިވެސް ބަލި ޖެހިގެން މަރުވާ މީހުން ފާއިތުވި ދެދުވަހު މަދުވެފައިވާ ކަމަށް އެގައުމުގެ ބޮޑު ވަޒީރު ވަނީ ވިދާޅުވެފައެވެ. އެހެންކަމުން ވައިރަސް އެންމެ ގަދަޔަށް ފެތުރޭ ވަގުތު ގޮސްފި ކަމަށް ލަފާ ކުރެވޭ ކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ.
ދުނިޔޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 1.2 މިލިއަނަށް އަރާފައިވާއިރު 60000 މީހުން ވަނީ މަރުވެފައެވެ.