ސާފް ސުޒުކީ ކަޕަށް ދިވެހި ޤައުމީ ޓީމު ތައްޔާރުވުމަށާއި، މުބާރާތުގައި ވާދަކުރުމުގެ ގޮތުން ދިރާގު ދިވެހި ޕްރިމިއާ ލީގު މެދުކަނޑާލުމަށްފަހު މިއަދު އަލުން ފަށަން ތައްޔާރުވެއްޖެއެވެ.
ދެމަސްދުވަހުގެ މެދުކެނޑުމަކަށްފަހު އަލުން ލީގު ފަށާ މެޗުގައި މިއަދު ހަވީރު 16:00 ގައި ވާދަކުރާނީ ތ.ތިމަރަފުށްޓާއި ފ.ނިލަންދޫއެވެ. އަދި މިރޭ 21:00 ގައި މާޒިޔާ ސްޕޯރޓްސް އާއި ވިކްޓަރީ ސްޕޯރޓްސް ކްލަބް ވާދަކުރާނެއެވެ. މާދަމާ ހަވީރު ނިއުރޭޑިއަންޓާއި ޓީސީ ސްޕޯރޓްސް ވާދަކުރާއިރު، އެރޭ ވާދަކުރާނީ ށ.ފޯކައިދޫ އާއި ބ.ފެހެންދޫއެވެ. އަންނަ ހުކުރު ދުވަހުގެރޭ ކްލަބް ގްރީން ސްޓްރީޓްސް ނިކުންނާނީ ކްލަބް އީގަލްސް އާއި ދެކޮޅަށެވެ.
ލީގު މެދުކަނޑާލުމުގެ ކުރިން ކޮންމެ ޓީމެއްވެސް ވަނީ 4 މެޗު ކުޅެފައެވެ. އެގޮތުން ކުޅުނު 4 މެޗުންވެސް މޮޅުވެ، ޓޭބަލްގެ އެއްވަނައިގައި 12 ޕޮއިންޓާއެކު ކްލަބް ޓީސީ އޮތްއިރު، ނިއުރޭޑިއަންޓާއި ކްލަބް ގްރީން ސްޓްރީޓްސް އަށް 10 ޕޮއިންޓު ލިބިފައިވާއިރު، ގޯލުގެ ތަފާތުން ދެވަނައިގައި އޮތީ ނިއުރޭޑިއަންޓެވެ.
ލީގުގެ 4 މެޗު ކުޅެނިމުނުއިރު 5 ގޯލް ކާމިޔާބުކޮށް ޓޮޕް ސްކޯރާރގެ މަޤާމުގައި އޮތީ ޓީސީގެ ފޯވާޑް އަލީ އަޝްފާޤް (ދަގަނޑޭ)އެވެ. 4 ގޯލް ކާމިޔާބުކޮށް ދެވަނައިގައި ފަސް ކުޅުންތެރިޔަކު އެބަތިއްބެވެ. އެއީ، މާޒިޔާގެ އަސަދުﷲ އަބްދުﷲ (އަސައްކޮ)، ޓީސީގެ އިބްރާހީމް މަހުދީ (ހަބޭސް އިއްބެ)، ނިއުރޭޑިއަންޓުގެ އަލީ ފާސިރު (ސެންޓޭ) އަދި ކްލަބް ގްރީން ސްޓްރީޓްސްގެ ދެކުޅުންތެރިން ކަމަށްވާ ރޮލާންޑް ރަސަލް އާއި، އަބްދުﷲ މިސްބާހެވެ.
ލީގު މެދުކަނޑާލުމަށްފަހު މިއަދު އަލުން ފަށާއިރު ގިނަ ކްލަބްތަކަށް ވަނީ ތަފާތު މައްސަލަތަކާ ކުރިމަތިލާންޖެހިފައެވެ. އެގޮތުން ވިކްޓަރީ ސްޕޯރޓްސް ކްލަބްގެ ގިނަ ކުޅުންތެރިންގެ މުސާރައިގެ މައްސަލަ ދިމާވެ، އެއްވެސް ޕްރެކްޓިސްއެއް ބޭއްވިފަ ނެތްއިރު، އެޓީމުގެ ކޯޗު ލާސްލޯ ކިސްވަނީ އެނބުރި ރަށަށް ގޮސްފައެވެ. ކްލަބް ނިއުރޭޑިއަންޓުގެ ކޯޗުކަމަށް ކްލަބް ގްރީން ސްޓްރީޓްސްގެ ކުރީގެ ކޯޗު ޞަބާޙް މުޙައްމަދު އައްޔަން ކުރި އިރު، ދާދިފަހުން އެޓީމު ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސް ޓީމާއެކު ބަންގްލަދޭޝްގައި ކުޅުނު މެޗުންވަނީ 1-4 ގެ ނަތީޖާއަކުން ބަލިވެފައެވެ. އަދި އެޓީމުގެ ޑިފެންޑަރު ގޮޓޯ ދޫކޮށްލާފަވެއެވެ. ފެހެންދޫއަށް އިރުޝާދު ދެމުން އައި އިސްމާއީލް އަނިލްވަނީ 18 އަހަރުން ދަށުގެ އަންހެންޓީމާ ހަވާލުވެފައެވެ.