އެމްޑީޕީ

މި ދަތި ދަނޑިވަޅުގައި ވެސް ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭތީ އެމްޑީޕީން އިންޑިއާއަށް ޝުކުރު އަދާކޮށްފި

އައިދާ އަބްދުލް ހަކީމް

ކޮވިޑް 19 އާ ގުޅިގެން ދިމާވެފައިވާ ދަތި، މިދަނޑިވަޅުގައި ވެސް އިންޑިއާ ސަރުކާރުން ރާއްޖެއަށް ކާޑުގެ ބާވަތްތައް ފޯރުކޮށްދިނުމުގައި ދެމިތިބި ކަމަށްޓަކައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން އިންޑިއާ ސަރުކާރަށް ޝުކުރު އަދާކޮށްފިއެވެ.

އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރާއްޖެއަކީ ކާޑާއި، އެހެނިހެންވެސް ކާބޯތަކެއްޗާއި، މުދާ އިންޕޯޓުކުރާ ގައުމަކަށް ވީއިރު، ކޮވިޑް 19ގެ ސަބަބުން ދުނިޔޭގެ އިގްތިސޯދީ ހަރަކާތްތެރިކަން ހުއްޓި، މަޑުޖެހިފައިވާ މިދަނޑިވަޅުގައި ގަވާއިދުން ކާބޯތަކެއްޗާއި މުދާ އެތެރެ ނުކުރެވިދާނެކަމުގެ ކަންބޮޑުން ބޮޑުވެފައިވަނިކޮށް، ރާއްޖެއަށް ބޭނުންވާ އަސާސީ ބާވަތްތައް މެދުކެނޑުމެއްނެތި ލިބޭނެ ކަމުގެ ޔަގީންކަން އިންޑިއާ ސަރުކާރުން ދީފައިވާ ކަމަށެވެ.

އެގޮތުން ވޭތުވެދިޔަ ހަފުތާގައި 500 މެޓްރިކް ޓަނުގެ ހަކުރާއި، 993 މެޓްރިކް ޓަނުގެ ހަނޑޫ އިންޑިއާއިން ރާއްޖެއަށް ފޮނުވައިދީފައިވާ ކަމަށާއި މީގެ އިތުރުން 1500 މެޓްރިކް ޓަނުގެ ހަނޑުލާއި، 500 މެޓްރިކް ޓަނުގެ ހަކުރުގެ ޝިޕްމަންޓެއް މިހާރު އިންޑިއާއިން ރާއްޖެ އައުމުގެ މަގުމަތީގައިވާ ކަމަށް ވެސް އެމްޑީޕީން ވަނީ ބުނެފައެވެ.

އެމްޑީޕީން ބުނީ މިއީ އިންޑިޔާއިން އަމަލުކުރަމުން އަންނަ ނެއިބަހުޑް ފަސްޓް ހާރިޖީ ސިޔާސަތުގެ ދަށުން އާންމުކޮށް އަވަށްޓެރި ގައުމުތަކަށް އަދި ހާއްސަކޮށް ރާއްޖެއާ މެދު ބަހައްޓާ ގާތްކަމާއި، އިނާޔަތްތެރިކަމުގެ ރަމްޒެއްކަން ފާހަގަކޮށް، ތަދުކަމާއި، ދަތީގެ ހިލަމެއް ދިވެހިރާއްޖޭގެ ރައްޔިތުންނަށް ވިޔަ ނުދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ކުރަމުން އަންނަ މަސައްކަތަށް އިންޑިއާއިން ދޭ އެއްބާރުލުން ކަމަށެވެ.

އެމްޑީޕީން ބުނީ މި އިނާޔަތަކާއި، ލުއިފަސޭހަ އިންޑިއާއިން ދިވެހިރާއްޖެއަށް ފޯރުކޮށްދީފައި މިވަނީ އެގައުމުގައި 21 ދުވަހުގެ ކާފިއު އިއުލާންކޮށް، ވިޔަފާރިތަކާއި މުދާ ބަރުކުރުމާއި ކޮމާޝަލް ޕޯޓުތައްވެސް ހިމެނޭ ގޮތުން ބޮޑުތަޅު އަޅުވާފައިވާ ދަނޑިވަޅެއްގައި ކަމަށެވެ. އަދި މިދަނޑިވަޅަކީ ބޭހާއި ކާޑުގެ ބާވަތްތައް ހިމެނޭ ގޮތުން ބައެއް ބާވަތުގެ މުދާ އެގައުމުން އެކްސްޕޯޓްކުރުން މަނާވެސް ކޮށްފައިވާ ދަނޑިވަޅެއް ކަމަށެވެ.

މިފަދަ ދަތިކަމާއި، ނުރައްކަލުން ފުރިފައިވާ ދަނޑިވަޅެއްގައިވެސް ރާއްޖެއަށް އެހީތެރިކަމާއި، އިނާޔަތްތެރިކަމުގެ ލޮލަކުން މެނުވީ ބެލުމެއް ނެތި، ބޭނުންވާ ހުރިހާ މަދަދެއް ރާއްޖެއަށް ފޯރުކޮށްދިނުމުގައި އިންޑިއާ ސަރުކާރުގެ ފަސްޖެހުމެއް ނެތް ކަމީ ދެގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުމާއި އެކުވެރިކަން ކުރިޔަށްވުރެން ވަރުގަދަ ވެފައިވާ ކަމުގެ ހެއްކެއް ކަމުގައިވެސް އެޕާޓީން ވަނީ ބުނެފައެވެ. އަދި އެކަމަށްޓަކައި އެމްޑީޕީން ވަނީ އިންޑިއާ ސަރުކާރަށް ޝުކުރު އަދާކޮށްފައެވެ.