މިންހާ ފާއިޒް ރަޝާދު
ޕްރިންސް ހެރީ އަދި އަނބިކަބަލުން މޭގަން މާކަލްގެ ސެކިއުރިޓީއަށް ހަރަދު ކުރައްވަން ޖެހިވަޑައިގަންނަވާނީ އެބޭފުޅުން އަމިއްލަފުޅަށް ކަމަށް އެމެރިކާގެ ރައީސް ޑޮލަންޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
ޓްރަމްޕް ރޭ އެގޮތަށް ވިދާޅުވެ ޓުވީޓު ކުރެއްވީ ޕްރިންސް ހެރީގެ ދެކަނބަލުން ކެނެޑާއިން އެމެރިކާއަށް ބަދަލުވެވަޑައިގެންނެވި ކަން އިވިވަޑައިގަތުމާއެކުއެވެ.
"އަހަންނަކީ ރާނީ ގެ ރައްޓެއްސެއް އަދި އެކަމަނާއާއި އިނގިރޭސިވިލާތުގެ އެޑްމަޔަރާއެއް. ރިޕޯޓް ލިބިފައިވަނީ ހެރީ އަދި މޭގަން އިނގިރޭސިވިލާތް ދޫކުރައްވައި ކެނެޑާއަށް ބަދަލުވެވަޑައިގަތުމަށްފަހު މިހާރު އެމެރިކާއަށް ދިރިއުޅުއްވުން ބަދަލުކުރައްވައިފިކަން. ނަމަވެސް މިގައުމުން އެބޭފުޅުންގެ ސެކިއުރިޓި ޕްރޮޓެކްޝަނަށް ހަރަދެއް ނުކުރާނެ. އެބޭފުޅުން ޖެހިވަޑައިގަންނަވާނީ އަމިއްލަފުޅަށް ހަރަދު ކުރައްވަން" ޓްރަމްޕް ގެ ޓުވީޓުގައި ވިއެވެ.
ޕްރިންސް ހެރީގެ ދެކަނބަލުން ބަދަލުވެވަޑައިގެންނެވީ މޭގަންގެ އުފަން ސްޓޭޓް ކަމަށްވާ ކެލިފޯނިއާއަށެވެ. އެދެކަނބަލުންގެ ތަރުޖަމާނު ވިދާޅުވީ އެމެރިކާ ރައްޔިތުންގެ ފައިސާއިން ސެކިއުރިޓީއަށް ހަރަދު ކުރެއްވުމުގެ ވިސްނުންފުޅެއް ހެރީގެ ދެކަނބަލުންގެ ނެތް ކަމަށެވެ.
ތަރުޖަމާނު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އެމެރިކާގެ ސަރުކާރުން ސެކިއުރިޓީ ހޯއްދެވުމުގެ ވިސްނުންފުޅެއް ޑޫކް އެންޑް ޑަޗާސް ނުގެންގުޅުއްވާ ކަމަށެވެ. ޕްރައިވެޓްކޮށް ސެކިއުރިޓީ ހަމަޖައްސަވާފައިވާ ކަމަށްވެސް ވެސް އެ ބަޔާނުގައި ވިދާޅުވެފއި ވެއެވެ.
ޕްރިންސް ހެރީ އަދި މޭގަން ޝާހީ ގަނޑުވަރުގެ ސީނިއާ ރޯޔަލްސް ލަގަބުން މާދަމާއިން ފެށިގެން ރަސްމީކޮށް ވަކިވާނެއެވެ.
ޕްރިންސް ހެރީގެ ދެކަނަބަލުން ފާއިތުވި ހަ ހަފުތާ ހޭދަކުރެއްވީ ކެނެޑާގައެވެ. ކެނެެޑާގެ ސަރުކާރުންވެސް ވަނީ އެބޭފުޅުންގެ ސެކިއުރިޓީ ސަރުކާރުން ހަމަޖައްސައިނުދެވޭނެ ކަމަށް އަންގާފައެވެ.
އެމެރިކާގެ ލޮސްއެންޖެލްސްއަށް، މޭގަންގެ މަންމާފުޅު އަރިހަށް އެ ދެކަނބަލުން ބަދަލުވެވަޑައިގެންނެވީ މޭގަން އެނބުރި ހޮލީވުޑަށް ވަޑައިގަތުމަށް ކަމަށް އަޑުތައް ވަނީ ފެތުރިފައެވެ.
ރައީސް ޓްރަމްޕް މި ގޮތަށް ވިދާޅުވެ، ޓުވީޓު ކުރެއްވިއިރު އެގައުމުގައި ވަނީ އެހެން އެއްވެސް ގައުމެއްގައި ނުފެތުރޭ ވަރަށް ކޮވިޑް19 ފެތުރިފައެވެ. މިހާރުވެސް އެގައުމުގެ 135000އަށް ވުރެ ގިނަ ރައްޔިތުން މި ބައްޔަށް ޕޮޒިޓިވް ވެފައިވާއިރު 2300އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.
ޕްރިންސް ހެރީގެ ބައްޕާފުޅު ޕްރިންސް ޗާލްސްވެސް ވަނީ މިދިޔަ ހަފުތާގައި ކޮވިޑް19 އަށް ޕޮޒިޓިވްވެފައެވެ. ޗާލްސްގެ ހާލުކޮޅު ރަނގަޅުވަމުން އަންނަ ކަމަށް ޝާހީ ގަނޑުވަރުން ވަނީ ބުނެފަ އެވެ.