ކޮވިޑް 19އާއި ގުޅިގެން ލޯނުތަކަށް އިތުރުކޮށްދޭ ހަމަހުގައި އެލޯނު ތަކަށް އިންޓްރެސްޓެއް ނުހިނގާނެ ކަމަށާއި އިތުރު ފައިސާއެއް ވެސް ދައްކަން ނުޖެހޭ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފި އެވެ.
ކޮވިޑް 19 އާ ގުޅިގެން ސަރުކާރުގެ ސްޓިމިޔުލަސް ޕެކޭޖުގެ ތެރެއިން ޕާސަނަލް، ހައުސިން އަދި ވިޔަފާރި ލޯނުތައް ދެއްކުން ހަ މަސް ދުވަހަށް ބޭންކް އޮފް މޯލްޑިވްސްއިން ވަނީ ފަސްކޮށްދީފަ އެވެ.
އެ ބޭންކުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ހަ މަސް ދުވަހު ލޯނުގެ އިންޓަރެސްޓަށްވާ ފައިސާ ލޯނުގެ އަދަދަށް އިތުރުކުރެވި ލޯނުގެ ބާކީ މުއްދަތުގެ ތެރޭގައި މަހުންމަހަށް ބަހާލައިގެން ދައްކަން ޖެހޭނެ ކަަމަށެވެ. ނަމަވެސް ލޯނު އަނބުރާ ދެއްކުން ފަސްކޮށްދޭ މުއްދަތުގައި ކޮމްޕައުންޑްކޮށް އިންޓަރެސްޓް ނުނެގުމަށް ހަމަޖައްސާފައިވާ ކަަމަށެވެ. މާނައަކީ އިންޓަރެސްޓް މައްޗަށް ބޭންކުން އިތުރު އިންޓަރެސްޓެއް ނުނަގާނެ ކަމަށެވެ.
މީގެ އިތުރުން އެބޭންކުން ވަނީ ލޯނު އަނބުރާ ދެއްކުން ފަސްކޮށްދިނުމަށް ކަނޑައަޅާފައިވާ ޝަރުތުތަކަށް ވެސް އިތުރު ލުއިކަމެއް ގެނެސްފައެވެ. އެގޮތުން މިހާރު ލޯނަށް ގަވައިދުން ދައްކަން ޖެހި، ނުދައްކާ އެއްމަސް ދުވަހުގެ އިންސްޓޯލްމަންޓް އޮންނަ ކަސްޓަމަރުންނަށްވެސް ޝަރުތު ހަމަވާ ގޮތަށް ވަނީ ކަނޑައަޅައިފައެވެ.
ނަމަވެސް އެއްމަހަށް ވުރެ ގިނަ ދުވަހު ފައިސާ ދައްކާފައި ނުވާ ކަސްޓަމަރުން ދައްކަން ޖެހޭ ފައިސާ ދެއްކުމަށްފަހު ލޯނު އަނބުރާ ދެއްކުން ފަސްކުރުމުގެ ފުރުސަތަށް އެދި ހުށަހެޅިދާނެ ކަމަށް ބޭންކުން ބުނެއެވެ. މި ގޮތުން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ކޮންމެ ވަގުތެއްގައިވެސް ލޯނުގެ ފައިސާ ފަހުން ދެއްކޭނެ ގޮތް ހަމަޖައްސައިދިނުމަށް ކަސްޓަމަރަށް އެދެވޭނެ ކަމަށް ވެސް ބީއެމްއެލުން ބުނެއެވެ.
ކުރިން ކަނޑައަޅާފައިވާ ގޮތުން ނަމަ މިގޮތަށް ފަސް ކުރާ މުއްދަތުގައި ނަގާ އިންޓްރެސްޓް އެއް މަހުން އަނެއް މަހަށް ދާނީ އިތުރުވަމުންނެވެ.
ބީއެމްއެލުން ބުނީ ލޯނު ފަސްކުރަން ކޮންމެ ކަސްޓަމަރަކަށް ވެސް ވަކިވަކިން ލޯނާ ގުޅޭ މައުލޫމާތު ފޯރުކޮށްދީ، އެކަމަށް ފަސޭހައިން އެދެވޭނެ އިންތިޒާމް އެބޭންކުން ހަމަޖައްސައިދޭނެ ކަމަށެވެ. އެގޮތުން އޮންލައިންކޮށް ފޯމު ހުށަހެޅޭނެ ގޮތް އަންނަ ހަފުތާގައި ހަމަޖައްސާނެ ކަމަށް ވެސް އެބޭންކުން ބުންޏެވެ.