އެމްޑީޕީ

60 ދާއިރާއަށް ކުރިމަތިލާ ގޮތަށް އެމްޑީޕީ ސެކްރެޓޭރިއެޓުން ގައުމީ މަޖިލީހަށް ފޮނުވި ލިސްޓު އާންމުވެއްޖެ

1

ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގައި 60 ދާއިރާއަކަށް ވާދަކުރަން އެމްޑީޕީގެ ސެކްރެޓޭރިއެޓް އިން އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެންބަރުންނަށް ފޮނުވި ލިސްޓު އާންމުވެއްޖެއެވެ.

އެ ލިސްޓުގައި އެމްޑީޕީން 60 ދާއިރާއަށް ކުރިމަތިލާ އިރު، އެ ދާއިރާތަކުގެ ތެރެއިން އިއްތިހާދުގެ އެހީތެރިކަމަށް އެދެނީ 14 ދާއިރާއަށެވެ. އަދި ކޯލިޝަންގެ އެހެން ޕާޓީތަކަށް ދޫކޮށްލާ 27 ދާއިރާއަށް އެމްޑީޕީން ތާއީދުކުރާ ގޮތަށް ބަޔާންކޮށްފައިވެއެވެ.

ލިސްޓުގައި އެމްޑީޕީން ވާދަކުރާ ދާއިރާތަކުގެ ތެރޭގައި މާލޭގެ 12 ދާއިރާ ހިމެނެއެވެ. އެއީ ހުޅުމާލޭ ދާއިރާ، ހެންވޭރު މެދު ދާއިރާ، ހެންވޭރު ދެކުނު ދާއިރާ، ހެންވޭރު އުތުރު ދާއިރާ، ހެންވޭރު ހުޅަނގު ދާއިރާ، ގަލޮޅު އުތުރު ދާއިރާ، ގަލޮޅު ދެކުނު ދާއިރާ، މައްޗަންގޮޅި އުތުރު ދާއިރާ، މައްޗަންގޮޅި މެދު ދާއިރާ، މާފަންނު އުތުރު ދާއިރާ، މާފަންނު ހުޅަނގު ދާއިރާ އަދި މާފަންނު މެދު ދާއިރާއެވެ. މާލޭގެ ދާއިރާތަކުގެ ތެރެއިން މައްޗަންގޮޅި ދެކުނު ދާއިރާ އާއި މާފަންނު ދެކުނު ދާއިރާ އަދި ވިލިމާލެ ދާއިރާ ދޫކޮށްލުމަށް ހަމަޖެހިފައިވަނީ އިއްތިހާދުގެ އެހެން ޕާޓީތަކަށެވެ.

އައްޑޫގެ ހުރިހާ ދާއިރާތަކަށް އެމްޑީޕީން ވާދަކުރާ ގޮތަށް އެ ލިސްޓުގައިވެއެވެ. އެއީ ހުޅުދޫ ދާއިރާ، ފޭދޫ ދާއިރާ، މަރަދޫ ދާއިރާ، ހިތަދޫ އުތުރު ދާއިރާ، ހިތަދޫ މެދު ދާއިރާ، ހިތަދޫ ދެކުނު ދާއިރާ އަދި އައްޑޫ މީދޫ ދާއިރާއެވެ. ފުވައްމުލަކުގެ ދާއިރާތަކުގެ ތެރެއިން ފުވައްމުލަކު މެދު ދާއިރާ އާއި ފުވައްމުލަކު ދެކުނު ދާއިރާއަށް އެމްޑީޕީން ވާދަކުރާ އިރު، އެހެން ޕާޓީތަކަށް ދޫކޮށްލާފައިވަނީ ފުވައްމުލަކު އުތުރު ދާއިރާއެވެ.

"ވަން އޮންލައިން" އަށް އެނގިފައިވާ ގޮތުގައި މި ލިސްޓަށް މިރޭ އޮންނަ އެ ޕާޓީގެ ގައުމީ މަޖިލީހުގައި ވޯޓަށް އަހާނެ އެވެ. މި ލިސްޓަށް އިސްލާހު އަޔަސް މައިގަނޑު ގޮތެއްގައި ފާސްވެގެން ދާނީ މި ލިސްޓާ އެއްގޮތަށް ކަމަށް ވަން އޮންލައިން އަށް މައުލޫމާތު ދެއްވި އެމްޑީޕީ ގައުމީ މަޖިލީހުގެ މެންބަރަކު ދާދި ދެންމެ ވިދާޅުވި އެވެ.

"ބައެއް ކުދި ކުދި އިސްލާހު އަޔަސް މާބޮޑު ބަދަލެއް ނާންނާނެ." ވަން އޮޮންލައިން އަށް މައުލޫމާތު ދެއްވި އެމްޑީޕީގެ އޮފިޝަލު ވިދާޅުވި އެވެ.

އެމްޑީޕީގެ ގައުމީ މަޖިލިސް ބާއްވަން ނިންމާފައި ވަނީ މިރޭ 09:00 ގައި މާބުލް ހޮޓަލުގަ އެވެ. މިރޭގެ ގައުމީ މަޖިލީހުގެ ޖަލްސާގެ އެޖެންޑާގައި އޮތީ އެ ޕާޓީން އަންނަ މަޖިލިސް އިންތިޚާބުގައި ވާދަކުރާނެ ދާއިރާތައް ކަނޑައެޅުމެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟