އެމެރިކާ

ކޮވިޑް 19 : ބަލި ޖެހުނު މީހުންގެ އަދަދު އެއްލައްކައިން މައްޗަށް، ވެންޓިލޭޓަރު އުފައްދަން ޓްރަމްޕް އަމުރުކުރައްވައިފި

މިންހާ ފާއިޒް ރަޝާދު

އެމެރިކާގައި ކޮވިޑް19 އަށް ޕޮޒިޓިވް ވި މީހުންގެ އަދަދު 104،000 އަށް އަރައި، ރައީސް ޑޮލަންޑް ޓްރަމްޕް އެގައުމުގެ ކާރު އުފައްދާ ކުންފުނިތައް ކަމަށްވާ ޖެނެރަލް މޯޓާސް އަދި ފޯޑް އަށް ވެންޓިލޭޓަރު އުފެއްދުމަށް އަމުރު ކުރައްވައިި އެވެ.

ޓްރަމްޕް އެ އަމުރު ކުރެއްވީ އެގައުމުގެ ކޮރެއަން ވޯ އިރާ ޑިފެންސް ޕްރޮޑަކްޝަން އެކްޓްގެ ދަށުންނެވެ. އެ އެކްޓްގެ ދަށުން ރައީސަށް ގައުމުގެ ޑިފެންސުގެ ބޭނުމަށް ކުންފުނިތަކަށް އެކި ތަކެތި އުފައްދަން އަމުރު ކުރެވެއެވެ.

ރައީސް ޓްރަމްޕް ވަނީ ޖެނެރަލް މޯޓާސްއިން ވަގުތު ބޭކާރު ކުރާ ކަމަށް ވިދާޅުވެ އެމެރިކާގެ މީހުން ސަލާމަތްކުރުމަށް އަވަސް ފިޔަވަޅު އަޅަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

ޖެނެރަލް މޯޓާސްއިން 40000 ވެންޓިލޭޓަރު ފޯރުކޮށްދޭނެ ކަމަށް ބުނުމަށް ފަހު، ފަހުން އެ އަދަދު 6000 ވެންޓިލޭޓަރަށް ބަދަލުކޮށްފައިވާ ކަމަށް ޓްރަމްޕް ވިދާޅުވި ވިއެވެ. އަދި އެ ކުންފުނިން ބޭނުންވަނީ ފައިސާ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

އެހެން ކުންފުނިތަކަކުން ވެންޓިލޭޓަރުތަކެއް ގަނެފައިވާ ކަމަށާއި ފަހުން އެ ނަންތައް ހާމަކުރައްވާނެ ކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ.

އެމެރިކާގައި ބައްޔަށް ޕޮޒިޓިވްވި މީހުން އެއްލައްކައަށްވުރެ ގިނަ ވެފައިވާއިރު އެއީ ދުނިޔޭގައިވެސް މިބައްޔަށް އެންމެ ގިނައިން މީހުން ޕޮޒިޓިވްވި ގައުމެވެ. އެގައުމުގައި ބަލި ޖެހިންގެން މަރުވެފައިވަނީ 1700 މީހުންނެވެ.

ޓްރަމްޕް އިއްޔެވަނީ ދެ ޓްރިލިއަން ޑޮލަރުގެ އިމެޖެންސީ ފަންޑުގެ ބިލްގައި ސޮއިކުރައްވާފައެވެ. އޭގެ ދަށުން އެމެރިކާގެ މީހުނަށާއި، ވިޔަފާރިތަކަށް އަދި ސިއްހީދާއިރާއަށް ހަރަދު ކުރަން ވަނީ ހަމަޖައްސާފަ އެވެ.