މިންހާ ފާއިޒް ރަޝާދު
ކޮވިޑް19 ފެތުރުން ކޮންޓްރޯލު ނުކުރެވި އެމެރިކާގައި ބަލި ޖެހުނު މީހުންގެ އަދަދު 85500 އަށް އަރައިފި ކަމަށް ޖޯން ހޮޕްކިންސް ޔުނިވާސިޓީގެ ތަފާސް ހިސާބުން ދައްކައިފިއެވެ.
މިއީ މިހާތަނަށް އެންމެ މަތީގައި އޮތް ޗައިނާ އަދި ދެވަނައަށް އެންމެ މަތީގައި އޮތް އިޓަލީއަށްވުރެ މަތީ އަދަދެކެވެ. ޗައިނާގައި ކޮވިޑް19 އަށް ޕޮޒިޓިވްވީ 81782 މީހުންނެވެ. އިޓަލީގައި މިވަގުތު ތިބީ 80589 މީހުންނެވެ.
އެމެރިކާގައި މިބަލީގައި މަރުވި މީހުންގެ އަދަދަކީ 1300 އެވެ. ޗައިނާއިން ބަލީގައި މަރުވީ 3291 މީހުންނެވެ. އަދި އިޓަލީގައި މިހާތަނަށް 8215 މީހުން ވަނީ މަރުވެފައެވެ.
މިކަމާ ގުޅިގެން އެމެރިކާގެ ރައީސް ޑޮލަން ޓްރަމްޕް އިއްޔެ ވިދާޅުވީ އެހާ ގިނަ ބަޔަކު ޕޮޒިޓިވްވި ކަން ހާމަވީ ގިނަ ބަޔަކު ޓެސްޓު ކުރެވުމުން ކަމަށެވެ.
އެމެރިކާގެ ނައިބު ރައީސް މައިކް ޕެންސް ވިދާޅުވީ އެގައުމުގެ 50 ސްޓޭޓުގައި ޓެސްޓު ކުރެވެން ހުންނާނެ ކަމަށާއި މިހާތަނަށް 552000 މީހުން ވަނީ ޓެސްޓުކޮށްފައި ކަމަށެވެ.
ދުނިޔޭގައި މިބަލި ޖެހުނު މީހުންގެ އަދަދު މިހާރު މިވަނީ 532816 މީހުންނަށް އަރައިފައެވެ. 124376 މީހުން ފަސޭހަވެފައިވާއިރު 24093 މީހުން ވަނީ މަރުވެފައެވެ.
ރައީސް ޓްރަމްޕް ވަނީ ޗައިނާއިން ބަލިޖެހުނު މީހުންގެ އަދަދު ހާމަކުރުމުގައި އޮޅުވާލާފައިވާ ކަމަށް ތުހުމަތު ކުރައްވައިފައެވެ. ނަމަވެސް މިއަދުގެ ވަގުތެއްގައި ޗައިނާގެ ރައީސް ޒީ ޖިންގް ޕިންއަށް ފޯނުން ގުޅުއްވައި ވާހަކަދައްކަވާފައިވާ ކަމަށް ވިދާޅުވެ ރައީސް ޓްރަމްޕް ވަނީ ޓުވީޓު ކުރައްވައިފައެވެ.
"ޗައިނާ ވަނީ މިކަމުގައި ވަރަށް ގިނަ ކަންތައްތައް ތަހައްމަލުކޮށް މިވައިރަސް ވަރަށް ބޮޑަށް ދެނެގަނެފައި. މިމަސައްކަތް ކުރަނީ ޗައިނާއާ ވަރަށް ގާތުން." ޓްރަމްޕްގެ ޓުވީޓުގައި ވެއެވެ.