ސޭސް2018

ފަސް ވަނަ ގްލޯބަލް ޔޫތް އެވޯޑު ރިފާއުއަށް، ވޯލްޑް ޔޫތް ޕްރައިޒް އެވޯޑު ޑރ. ވަސީއަށް

މިންހާ ފާއިޒް ރަޝާދު

އިންޓަނޭޝަނަލް ޔޫތް ކޮމިޓީ (އައިވަސީ)އިން ދޭ ވޯލްޑް ޔޫތް ޕްރައިޒް ރާއްޖެއިން ޑރ މަރިޔަމް ވަސީމާއަށް އަދި ފަސް ވަނަ ގްލޯބަލް ޔޫތް އެވޯޑު އިސްމާއީލް ރިފާއުއަށް ލިބިއްޖެއެވެ.

ރޭ ކޮލޮމްބޯގެ، ހޮޓެލް ގަލަދާރީގައި ބޭއްވި ސާކް ޔޫތް ސަމިޓް (ސޭސް) 2018 ނިންމުމުގެ ރަސްމިއްޔާތުގައި ޑރ ވަސީ އަށް އެވޯޑު ހަވާލުކޮށްދިނީ އައިވައިސީގެ ރައީސް ޖަޔަންތާ ޕަޓްރާ އެވެ.

މެލޭޝިއާގެ ސިޓީ ޔުނިވާސިޓީ ކޮލެޖު އޮފް ސައިންސް އެންޑް ޓެކްނޮލޮޖީގެ ދާއިރާއިން ޕީއެޗްޑީ ހާސިލު ކުރައްވާފައިވާ ޑރ ވަސީ މިހާރު މަސައްކަތް ކުރައްވަނީ ލައިފް ސަޕޯޓް ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށެވެ. މީގެ ކުރިން ޑރ ވަސީ ވަނީ އެޑިއުކޭޝަން މިނިސްޓްރީ އާއި އެސްޓީއޯގައި އިސް މަގާމުތަކެއް ފުރުއްވާފައެވެ. މީގެ އިތުރުން ސްޕޯޓްސް ކޯޕަރޭޝަންގެ ބޯޑުގައިވެސް މަސައްކަތް ކުރެއްވިއެވެ. އަދި ފިނޭންސް މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވް މަގާމާއި އެންވަޔަރަންމެންޓް މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވްގެ މަގާމުވެސް ޑރ ވަސީ އަދާކުރެއްވި އެވެ.

ޑރ ވަސީ އަކީ ރީޖަނަލް އެލައިންސް ފޯ ފޮސްޓަރިން ޔޫތް (ރަފީ އެންޖީއޯ) ގެ ދަށުން ހިންގާ މޯލްޑިވްސް ޑިވެލޮޕްމަންޓް އެންޑް ރިސާޗް އިންސްޓިޓިއުޓް (އެމްޑީއާރްއައި) ގެ ޗެއާޕާސަންވެސް މެއެވެ.

ވޯލްޑް ޔޫތް ޕްރައިޒް މިއަހަރު ހަ ފަރާތަކަށް ވަނީ ލިބިފަ އެވެ. މި އެވޯޑު ލިބުނު ފަރާތްތަކުގެ ތެރޭގައި ދުނިޔޭގެ އެންމެ ޒުވާން މިނިސްޓަރު އަދި މެލޭޝިއާގެ ޔޫތް މިނިސްޓަރ ސަޔޭދް ސައްދީގް ހިމެނެއެވެ. 

ފަސްވަނަ ގްލޯބަލް ޔޫތް އެވޯޑު ލިބިނު ރިފާއު އަކީ އައިވައިސީއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ޑެޕިއުޓީ އެމްބެސަޑަރު އެވެ. ރިފާއު އަކި ރަފީ އެންޖީއޯގެ އެކްޒެކެޓިވް ބޯޑް މެންބަރު އަދި އެމްޑީއޭގެ ޔޫތު ކައުންސިލް މެމްބަރުގެ އިތުރުން ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ނައިބް ރައީސް ވެސް މެއެވެ. އޭނާ އަކީ ބްލެކް ފައުންޑޭޝަންގެ ފައުންޑަރ އަދި ރައީސް އެވެ.

ސާރކް ޔޫތު ސަމިޓް (ސޭސް) އިންތިޒާމުކުރަނީ އިންޓަނޭޝަނަލް ޔޫތް ކޮމެޓީ (އައިވައިސީ)އިންނެވެ. އައިވައިސީގައި ރާއްޖެ ތަމްސީލު ކުރަނީ ރަފީ އެންޖީއޯގެ ފަރާތުންނެވެ. ސޭސްގެ ހަރަކާތްތައް މިމަހުގެ 28 އިން 30 އަށް ކުރިއަށް ދިޔައިރު، ރާއްޖޭގެ ފަރާތުން 50 ޒުވާނުން ހިމެނޭ ވަފުދެއް ސޭސް 2018 ގައި ބައިވެރިވިއެވެ. މީގެ އިތުރުން ރާއްޖޭގެ ޔޫތް ސްޕޯޓްސް އެންޑް އެމްޕަވާމަންޓް މިނިސްޓަރު އަހުމަދު މަހްލޫފު އާއި ޔޫތް މިނިސްޓްރީ ގެ އިސްވެރިންގެ އިތުރުން ސިވިލް ސާރވިސް ކޮމިޝަންގެ ރައީސް އަލީ ޝަމީމްވެސް ވަނީ މި ސަމިޓްގައި ބައިވެރިވެ ވަޑައިގެންފައެވެ.

ސޭސްގެ ރާއްޖޭގެ މީޑިއާ ޕާޓްނަރަކީ ވަން އޮންލައިން އެވެ.