އިންޓަނޭޝަނަލް ޔޫތު ކޮމެޓީ، (އައިވައިސީ)އިން ދޭ "އޭޝިއާ އިންސްޕިރޭޝަން އެވޯޑް" ހަތަަރު ދިވެއްސަކަށް ލިބިއްޖެ އެވެ.
މި އެވޯޑު ހަވާލުކޮށްފައި ވަނީ އައިވައިސީގެ ފަރާތުން ލަންކާގައި ރޭ ކުރިއަށް ދިޔަ "ސާކް ޔޫތު ސަމިޓު 2018" ނިންމުމުގެ ރަސްމިއްޔާތުގަ އެވެ. މި އަހަރު ސާކް ޔޫތު ސަމިޓު ކުރިޔަށް ދިޔައީ ލަންކާގެ ފަސްތަރީގެ ހޮޓާ، ގަލަދާރީގަ އެވެ.
ސާކް ގެ ގައުމުތަކުން 30 ޒުވާނުންނަށް މި އެވޯޑު މި އަހަރު ލިބުނު އިރު، ރާއްޖެެއިން މި އެވޯޑު ލިބުނު ހަތަރު ޒުވާނުންނަކީ ސަމާ އިބްރާހީމް ދީދީ، ޑރ.މިނާހް ފާއިޒް ރަޝާދު، ފާތިމަތު މަމްދޫހާ އަދި މިންހާ ފާއިޒް ރަޝާދު އެވެ.
އޭގެ ތެރެއިން ސަމާއަށް އެވޯޑު ލިބިފައި ވަނީ ތައުލީމުގެ ދާއިރާއިންނެވެ. ޑރ. މިނާހް ފާއިޒް އަށް އެވޯޑު ލިބިފައި ވަނީ އިންސާނިއްޔަތަށް ޚިދުމަތް ކުރުމުގެ ދާއިރާއިންނެވެ. މަމްދޫހާ އަށް އެވޯޑު ހިލޭސާބަހަށް މަސައްކަތް ކުރުމުގެ ރޮނގުން ލިބުނު އިރު މިންހާ އަށް އެވޯޑު ލިބިފައި ވަނީ އަންހެނުން ބާރުވެރިކުރުމުގެ ދާއިރާއިންނެވެ.
ސަމާ އަކީ ކިޔަވައިދިނުމުގެ ދާއިރާގައި 15 އަހަރު ދުވަހު ހިދުމަތްކޮށްފައިވާ ޒުވާނެކެވެ. މިވަގުތު ސަމާ މަސައްކަތް ކުރަނީ ވިލާ ކޮލެޖުގެ އިންސްޓިޓިއުޓް ފޯ އެކަޑެމިކް ޑިވެލޮޕްމަންޓްގެ މެނޭޖަރަކަށެވެ. މީގެ އިތުރުން ސަމާ އަކީ ރީޖަނަލް އެލައިންސް ފޯ ފޮސްޓަރިން ޔޫތް (ރަފީ އެންޖީއޯ) ގެ ރިސާޗް އެންޑް ޕަބްލިކޭޝަންސް ކޮމިޓީގެ ޗެއާޕާސަންއެވެ.
ރަފީ އެންޖީއޯގެ ބޯޑް ސެކަޓްރީކަން އަދާ ކުރާ މަމްދޫހާ އަކީ އެ އެންޖީއޯގެ 2017 ވަނަ އަހަރުގެ ބެސްޓް އޯލް ރައުންޑާވެސް މެއެވެ. މަޖިލީހުގެ އިދާރާގައި ވަޒީފާ އަދާކުރާ މަމްދޫހާ އަކީ ކުޑަ އިރުން ފެށިގެން ހިލޭ ސާބަހަށް މަސައްކަތް ކުރުމުގައި އަބަދުވެސް މަސައްކަތް ކުރަމުން އަންނަ ޒުވާނެކެވެ. ގާލް ގައިޑުން ލީޑާޝިޕް ދަސްކުރުމަށްފަހު މަމްދޫހާ އަބަދުވެސް މަސައްކަތް ކުރަނީ މީހުނަށް އެހީ ވުމުގަ އާއި ހިލޭ ސާބަހަށް މަސައްކަތް ކުރުމުގަ އެވެ. މަމްދޫހާ އަކީ ރަފީ އެންޖީއޯގެ އެންމެ އެކްޓިކް އެއް މެންބަރެވެ.
ޑރ. މިނާހް ފާއިޒަކީ އޭޑީކޭ ހޮސްޕިޓަލުގެ މެޑިކަލް އޮފިސަރެެކެވެ. މީގެ އިތުރުން ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސްގެ ޔޫތް މެމްބަރެވެ. މިނާހް އަކީ މޯލްޑިވްސް އެންސީޑީ އެލައިންސް އެންޑް ހެލްތް ޕްރޮމޯޝަންގެ ކޯޑިނޭޓަރެެވެ. އަދި މޯލްޑިވިއަން މެޑިކަލް އެސޯސިއޭޝަންގެ ބޯޑް މެމްބަރެއްވެސް މެއެވެ.
ވަން އޮންލައިންގެ ޗެއާޕާސަން މިންހާ ފާއިޒު އަކީ އަންހެނުން ބާރުވެރި ކުރުމަށް މަސައްކަތް ކުރާ ބައިނަލް އަގުވާމީ އޯގަނައިޒޭޝަން، ވުމެން އިން މެނޭޖްމަންޓްގެ ރާއްޖޭގެ ގޮފީގެ ރައީސާއެވެ. އަންހެނުންގެ ހައްގުތަކަށް ވަކާލާތުކޮށް ތަމްރީނުތައް ހިންގައި، ހޭލުންތެރި ކުރުވުމުގެ އާޓިކަލްސް ޝާއިއުކޮށް އަދި ޕްރޮގްރާމްތައްވެސް މިންހާ ހިންގައެވެ. ވުމެން އިން މެނޭޖްމަންޓުން ވަނީ ރާއްޖޭގައި އެންމެ ފުރަތަމަ ބޭއްވި ހަމަ އެކަނި އަންހެނުން ބައިވެރިވާ ދުވުން 5000 އަންހެނުންނަށް ވުރެ ގިނަ މީހުނާ އެކީ ބާއްވާފައެވެ. ވިމްގެ ފަރާތުން މިއަހަރު ވަނީ އެކި ދާއިރާތަކުން ފާހަގަ ކޮށްލެވޭ 25 ކަނބަލަކަށް ވިމް ޕްރޮފެޝަނަލް އެންޑް ކެރިއާ ވުމެން އެވޯޑުވެސް ދީފަ އެވެ.
އައިވައިސީގެ އިންސްޕިރޭޝަން އެވޯޑަކީ އެކަމަށް ހުޅުވައިލުމުން ކުރިމަތިލާ ފަރާތްތަކުގެ ވަނަވަރު އަދި ހުށަހަޅާފައިވާ ދާއިރާއިން ކޮށްފައިވާ މަސައްކަތް އައިވައިސީގެ އެކަމަށް އޮންނަ ޚާއްސަ ކޮމެޓީން ދިރާސާކުރުމަށް ފަހު ކޮންމެ އަހަރަކު ވެސް ދޭ އެވޯޑެކެވެ. ކޮންމެ އަހަރަކު ވެސް އެކި ގައުމުތަކުގައި ދާއިރާތަކުން ފާހަގަކޮށްލެވޭ ފަދަ ޚިދުމަތްތައް ކޮށްފައިވާ ޒުވާނުންނަށް މި އެވޯޑު ދެނީ އެ ފަރާތްތަކުގެ ޚިދުމަތް ފާހަގަކޮށް އިތުރަށް އެދާއިރާގައި ކުރިޔަށް ދިޔުމަށް ހިތްވަރުދިނުމުގެ ގޮތުންނެވެ. އެވޯޑު ހަވާލުކުރަނީ ކޮންމެ އަހަރަކު ވެސް އޮންނަ ސާކް ޔޫތު ސަމިޓުގަ އެވެ. މި ސަމިޓުގައި ސާކުގެ ހުރިހާ ގައުމަކުން ޒުވާނުންނާއި ޔޫތު މިނިސްޓަރުންނާއި ސަރުކާރު ތަކަށް ނިސްބަތްވާ ވަފުދުތަކުން ބައިވެރިވެ ޒުވާނުންނާ ގުޅުން ހުންނަ މައްސަލަތަކާ ބެހޭ ކަރުދާސްތައް ހުށަހަޅައި މަޝްވަރާ ކުރެ އެވެ. މި އަހަރުގެ ޔޫތު ސަމިޓުގައި ރާއްޖޭގެ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފުގެ އިތުރުން މެލޭޝިއާ އަދި މޮރިޝަސްގެ ޔޫތު މިނިސްޓަރުން ބައިވެރިވެވަޑަައިގެންފައިވެ އެވެ.
ސާރކް ޔޫތު ސަމިޓް (ސޭސް) އިންތިޒާމުކުރަނީ އިންޓަނޭޝަނަލް ޔޫތް ކޮމެޓީ (އައިވައިސީ)އިންނެވެ. އައިވައިސީގައި ރާއްޖެ ތަމްސީލު ކުރަނީ ރަފީ އެންޖީއޯގެ ފަރާތުންނެވެ. ސޭސްގެ ހަރަކާތްތައް މިމަހުގެ 28 އިން 30 އަށް ކުރިއަށް ދިޔައިރު، ރާއްޖޭގެ ފަރާތުން 50 ޒުވާނުން ހިމެނޭ ވަފުދެއް ސޭސް 2018 ގައި ބައިވެރިވިއެވެ. މީގެ އިތުރުން ރާއްޖޭގެ ޔޫތް ސްޕޯޓްސް އެންޑް އެމްޕަވާމަންޓް މިނިސްޓަރު އަހުމަދު މަހްލޫފު އާއި ޔޫތް މިނިސްޓްރީ ގެ އިސްވެރިންގެ އިތުރުން ސިވިލް ސާރވިސް ކޮމިޝަންގެ ރައީސް އަލީ ޝަމީމްވެސް ވަނީ މި ސަމިޓްގައި ބައިވެރިވެ ވަޑައިގެންފައެވެ.
ސޭސްގެ ރާއްޖޭގެ މީޑިއާ ޕާޓްނަރަކީ ވަން އޮންލައިން އެވެ.