ސޭސް2018

ސޭސްގެ "ބެސްޓް ކަންޓްރީ އެވޯޑް" މިއަހަރުވެސް ރާއްޖެއަށް، އަންނަ އަހަރުގެ ސަމިޓު ރާއްޖޭގައި

މިންހާ ފާއިޒް ރަޝާދު

1

ސައުތު އޭޝިއަން ޔޫތު ސަމިޓް (ސޭސް) 2018ގެ "ބެސްޓް ކަންޓްރީ އެވޯޑް" ދިވެހިރާއްޖެ އަށް ލިބިއްޖެ އެވެ.

ސޭސްގެ ބެސްޓް ކަންޓްރީ އެވޯޑު ރާއްޖެއަށް ލިބުނުކަން އިއުލާނުކޮށް އެވޯޑު ރާއްޖެއަށް ދީފައި ވަނީ ސްރީލަންކާގެ ފަސްތަރީގެ ހޮޓާ، ގަލަދާރީގައި މިހާރު ކުރިޔަށްދާ ސާކް ޔޫތު ސަމިޓު ނިންމުމުގެ ރަސްމިއްޔާތުގަ އެވެ.

ރާއްޖޭގެ ފަރާތުން އެ އެވޯޑާ ހަވާލުވެވަޑައިގެންނެވީ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް އެވެ.

ސޭސްގެ ބެސްޓް ކަންޓްރީ އެވޯޑު މިއަހަރު ރާއްޖެއަށް ލިބުނު އިރު މިދިޔަ އަހަރު ވެސް އެ އެވޯޑު ލިބިފައިވަނީ ދިވެހިރާއްޖެ އަށެވެ.

މިރޭގެ ރަސްމިއްޔާތުގައި ވަނީ އަންނަ އަހަރު ސާކް ޔޫތު ސަމިޓު ބާއްވާނީ ދިވެހިރާއްޖޭގައި ކަމަށް ވެސް އިއުލާނުކޮށްފަ އެވެ. މިކަން އިއުލާނުކުރެއްވީ ރާއްޖޭގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް އެވެ.

ސާކް ޔޫތު ސަމިޓަކީ ސާކް ގައުމު ތަކުގެ މެދުގައި ޒުވާނުންގެ މައްސަލަތަކާ މެދު މަޝްވަރާކޮށް ކަރުދާސްތައް ހުށަހަޅައި ހައްލު ހޯދުމަށް ބާއްވާ ސަރަހައްދީ އެންމެ ބޮޑު ޔޫތު ސަމިޓެވެ.

މި ސަމިޓުގައި ސާކުގެ ހުރިހާ ގައުމަކުން ޒުވާނުންނާއި ޔޫތު މިނިސްޓަރުންނާއި ސަރުކާރުތަކަށް ނިސްބަތްވާ ވަފުދުތަކުން ބައިވެރިވެ ޒުވާނުންނާ ގުޅުން ހުންނަ މައްސަލަތަކާ ބެހޭ ކަރުދާސްތައް ހުށަހަޅައި މަޝްވަރާ ކުރެއެވެ. މި އަހަރުގެ ޔޫތު ސަމިޓުގައި ރާއްޖޭގެ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފުގެ އިތުރުން މެލޭޝިއާ އަދި މޮރިޝަސްގެ ޔޫތު މިނިސްޓަރުން ބައިވެރިވެވަޑަައިގެންފައިވެ އެވެ.

ސާރކް ޔޫތު ސަމިޓް (ސޭސް) އިންތިޒާމުކުރަނީ އިންޓަނޭޝަނަލް ޔޫތް ކޮމެޓީ (އައިވައިސީ)އިންނެވެ. އައިވައިސީގައި ރާއްޖެ ތަމްސީލު ކުރަނީ ރަފީ އެންޖީއޯގެ ފަރާތުންނެވެ. މި ސަމިޓުގައި ރާއްޖޭގެ ފަރާތުން 50 ޒުވާނުން ހިމެނޭ ވަފުދެއް އަންނަނީ ބައިވެރިވަމުންނެވެ.

ސޭސްގެ ރާއްޖޭގެ މީޑިއާ ޕާޓްނަރަކީ ވަން އޮންލައިން އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟