މިންހާ ފާއިޒް ރަޝާދު
ރާއްޖޭގެ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަޚުލޫފު މެލޭޝިއާ އަދި މޮރިޝަސްގެ ޔޫތް އެންޑް ސްޕޯޓްސް މިނިސްޓަރުންނާ ބައްދަލުކުރައްވައިފި އެވެ.
މިނިސްޓަރު މަޚުލޫފު އެބޭފުޅުންނާ ބައްދަލުކުރެއްވީ ސްރީލަންކާގެ ކޮލަމްބޯގައި މިހާރު ކުރިޔަށްދާ ސާކް ޔޫތު ސަމިޓު (ސޭސް) 2018ގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ހަވާސާގަ އެވެ. އެ ދެބައްދަލުވުން ވެސް ބާއްވާފައި ވަނީ ސޭސްގެ ރަސްމީ ހަރަކާތްތައް ކުރިޔަށް ގެންދާ ގަލަދާރި ހޮޓަލުގަ އެވެ.
އެ ގޮތުން މިނިސްޓަރު މަޚުލޫފު މެލޭޝިއާގެ މިިސްޓަރ އޮފް ޔޫތް އެންޑް ސްޕޯޓްސް، ސަޔޭދް ސައްދީގް ސަޔޭދް އަބްދުލް ރަހުމާނާ ބައްދަލުކުރެއްވީ މިއަދު ހެނދުނު އެވެ.
މެލޭޝިއާގެ މިނިސްޓަރާ އެކު ބޭއްވެވި ބައްދަލުވުމުގައި މިނިސްޓަރު މަޚުލޫފު ވަނީ ރާއްޖޭގެ ޔޫތު އަދި ކުޅިވަރުގެ ދާއިރާއިން އެކި ކަހަލަ ތަމްރީނު ތަކުގެ ފުރުސަތުތައް ފަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވައިފަ އެވެ. ދެ ގައުމު ގުޅިގެން އެކްސްޗޭންގް ޕްރޮގްރާމްތައް ކުރިޔަށް ގެންދަން މަޝްވަރާކުރެއްވި އެވެ.
މިނިސްޓަރު މަޚުލޫފު މޮރިޝަސްގެ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު ޖޭސީ ސްޓެފަން ޓޯސައިންޓް އާ ބައްދަލުކުރެއްވީ މިއަދު މެންދުރުފަހު އެވެ. އެ ބައްދަލުކުރެއްވުމުގައި ބޮޑަށް މަޝްވަރާކުރެއްވީ އަންނަ އަހަރު މޮރިޝަސްގައި ބާއްވަން ހަމަޖައްސާފައިވާ އިންޑިއަން އޯޝަން ގޭމްސް ކުޅިވަރު މުބާރާތާ ގުޅޭ ގޮތުންނާއި ދެގައުމު ގުޅިގެން ތައުލީމާއި ތަމްރީނުގެ ދާއިރާއަށް ފޯކަސްކޮށްގެން އެކްސްޗޭންޖް ޕްރޮގްރާމްތައް ކުރިޔަށްދިއުމާ ގުޅޭ ގޮތުންނެވެ. މީގެ އިތުރުން އެކުވެރިކަމުގެ ފުޓުބޯޅަ މެޗެއް ރާއްޖެއާ އެކު ކުޅުމަށް މިނިސްޓަރު މަޚުލޫފު ވަނީ އެގައުމަށް ދައުވަތު ދެއްވައިފަ އެވެ.
އިންޑިއަން އޯޝަން ގޭމްސް ހުޅުވުމުގެ ރަސްމިޔާތުގައި ދިވެހިރާއްޖޭގެ ފަރާތުން ސަގާފީ އައިޓަމެއް ހުށަހަޅައިދިނުމަށް މޮރިޝަސްގެ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އެ ބައްދަލުވުމުގައި އެދިވަޑައިގެންނެވި އެވެ. އިންޑިއަން އޯޝަން ގޭމްސް އަށް ރާއްޖޭގެ ޓީމުތައް ތައްޔާރުކުރުމަށް ސަޕޯޓު ދެއްވާނެ ކަމަށް މޮރިޝަސްގެ މިނިސްޓަރު ވިދާޅުވި އެވެ.
ސާރކް ޔޫތު ސަމިޓް (ސޭސް) އިންތިޒާމުކުރަނީ އިންޓަނޭޝަނަލް ޔޫތް ކޮމެޓީ (އައިވައިސީ)އިންނެވެ. އައިވައިސީގައި ރާއްޖެ ތަމްސީލު ކުރަނީ ރަފީ އެންޖީއޯގެ ފަރާތުންނެވެ. ސޭސްގެ ހަރަކާތްތައް ރެއިން ފެށިގެން މާދަމާގެ ނިޔަލަށް ކުރިޔަށްދާ އިރު، ރާއްޖޭގެ ފަރާތުން 50 ޒުވާނުން ހިމެނޭ ވަފުދެއް އަންނަނީ ސޭސްގައި ބައިވެރިވަމުންނެވެ.
ސޭސްގެ ރާއްޖޭގެ މީޑިއާ ޕާޓްނަރަކީ ވަން އޮންލައިން އެވެ.