އިންޓާނޭޝިނަލް ޔޫތް ކޮމެޓީ (އައިވައިސީ) އިން އިންތިޒާމް ކޮށްގެން ބާއްވާ ސާރކް ޔޫތު ސަމިޓް (ސޭސް) 2018 ކުލަގަދަ ރަސްމިއްޔާތަކާ އެކު މިރޭ ފަށައިފިއެވެ.
ސްރީލަންކާގެ ކޮލޮމްބޯގެ، ގަލަދާރީ ހޮޓެލްގައި ބޭއްވުނު މި ރަސްމިއްޔާތު ފައްޓަވައި ދެއްވީ އައިވައިސީގެ ޗެއާމަން ޑރ ކޭކޭ ސިންގް އެވެ.
މިރޭ ފެށުނު ސޭސް 2018 ހުޅުވުމުގެ ރަސްމިއްޔާތަށް ރާއްޖޭގެ 50 ޒުވާނުންގެ ވަފުދެއް ލަންކާއަށް ގޮސްފައިވާ އިރު، ރާއްޖެ ތަމްސީލު ކުރުމަށް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓް މިނިސްޓަރ އަހުމަދު މަހްލޫފުވެސް ވަނީ ސޭސް 2018 ގައި ބައިވެރިވެޑައިގެންފައެވެ.
ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މަހްލޫފު ވިދާޅުވީ ރާއްޖެ އަކީ ކިތަންގެ ކުޑަ ގައުމެއް ކަމުގައި ވިއަސް ޒުވާނުންނަށް ބޭނުންވާ ފުރުސަތުތައް ހޯދައި ދިނުމުގެ ކޮމިޓްމަންޓާއި ޑިޓާމިނޭޝަން ސަރުކާރުގައި އެބަ ހުރި ކަމަށެވެ. އަދި މިވަގުތު ޒުވާނުން ބާރުވެރިކޮށް އެމީހުނަކީ އަދަބުވެރި ލީޑަރުންނަށް ހަދައި ދިނުމުގެ ޒިންމާ އޮތީ މިނިސްޓަރު މަހްލޫފުގެ އަތްމަތީގައި ކަމަށް ވެސް ވިދާޅުވިއެވެ.
އާ ސަރުކާރުގައި ޒުވާނުންނަށް ބޭނުންވާ ފުރުސަތުތައް ހޯދައިދިނުމަށް އޮތީ ވަރަށް ފުޅާ މެންޑޭޓެއް ކަމަށް ފާހަގަ ކުރައްވަމުން މިނިސްޓަރު މަހްލޫފު ވިދާޅުވީ ޒުވާނުންގެ ބަސް އިއްވަން ޕްލެޓްފޯމެއް ހެދުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ. އަދި ހުރިހާ ސްޓޭކް ހޯލްޑަރުންނާ ގުޅިގެން ކޮމިއުނިޓީ އެމްޕަވާ ކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ،
ރަސްމިއްޔާތުގައި ވާހަކަ ދެއްކަވަމުން އައިވައިސީގެ ޗެއާމަން ޑރ،. ކޭކޭ ސިންގް ވިދާޅުވީ ވަރަށް ބައިވަރު ގައުމުތަކަށް ޒިޔާރަތް ކުރެވިއްޖެ ކަމަށާއި ނަމަވެސް ހިތް އޮންނަނީ އަބަދުވެސް ރާއްޖޭގައި ކަމަށެވެ. ޑރ. ކޭކޭ އިތުރަށް ވިދާޅުވީ ލަންކާގެ ސިޔާސީ މަޝްރަހު ހުރި ގޮތުން ސޭސް 2018 ނުބޭއްވިދާނެ ކަމުގެ ބިރު އޮތް ނަމަވެސް އެކަން ކުރެވިގެން ދިޔައީ ހުރިހާ ޕާޓްނަރުންނާއި އައިވައިސީ ޓީމް އަދި ލަންކާގެ ސްޓޭޓް ސެކެޓްރީ ދެއްވި އެހީގެ ސަބަބުން ކަމަށެވެ.
ރަފީ އެންޖީއޯގެ ފައުންޑިން ޕްރެޒިޑެންޓް އަދި އައިވައިސީގެ ނައިބު ރައީސާ އައިޝަތު ރަފިއްޔާ ރަސްމިއްޔާތުގެ އޯޕަނިން ރިމާކްސް ދެއްވި އިރު ވިދާޅުވީ ޔޫތު ޕޮލިސީތައް ހުއްޓަސް ގިނަ ފަހަރު އޭގެ ބޭނުން އެންމެ އެދެވޭ ގޮތަކަށް ނުހިފޭ ކަމަށެވެ. އަދި ގައުމެއް ބިނާ ކުރުމުގައި ޒުވާނުން ވެސް މުހިއްމު ދައުރެއް އަދާ ކުރާ ކަމަށާއި، އެމީހުންގެ ބަސް އިއްވޭނެ އިންތިޒާމެއް އޮތުން މުހިއްމު ކަމަށެވެ.
ނޮވެމްބަރު 28 އިން 30 އަށް ސޭސް 2018 ކުރިއަށް ދާއިރު ސާކްގެ ހުރިހާ ގައުމަކުން ޒުވާނުން ވަނީ މި ސަމިޓްގައި ބައިވެރިވެފައެވެ،
ރަސްމިއްޔާތުގައި މޮރިޝަސް އަދި މެލޭޝިއާގެ ޔޫތު މިނިސްޓަރު ވެސް ބައިވެރިވެވަޑައިގަތެވެ. މީގެ އިތުރުން އެކި ގައުމުތަކުގެ އިސްވެރިން ނުވަތަ ޔޫތު ކައުންސިލްތަކުގެ އިސްވެރިން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. އޭގެ ތެރޭގައި އިންޑިއާ، ސްރީލަންކާ، ސިންގަޕޫރު ގެ އިތުރުން ނޭޕާލް އާއި މަލާވީ ހިމެނެއެވެ.
ލަންކާ އަދި ރާއްޖޭގެ ޒުވާނުންގެ ފަރި ހަރަކާތްތަކަކާއެކު ސޭސް 2018 ގެ ހުޅުވުމުގެ ރަސްމިއްޔާތު މިރޭ ނިންމާލި އިރު، މާދަމާއިން ފެށިގެން ކުރިއަށް އޮތް ދެ ދުވަހު އޮންނާނީ އެކި ޕެނަލް ޑިސްކަޝަންތަކާއި ފޯރަމްތަކެވެ. މީގެ އިތުރުން ރާއްޖޭގެ ފަރާތުން ދެ ސްޕީކަރުން ވާހަކަދެއްކުމަށް ހަމަޖެހިފައިވާ އިރު ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ޑރ. ޝަމީމް ވެސް ޕެނަލްގައި ބައިވެރިވެވަޑައިގަންނަވައެވެ.
ރާއްޖެއިން ހުށަހަޅައިދިން ހުށަހެޅުމަށް ވަނީ ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައެވެ.
ވަން އޮންލައިނަކީ ސޭސް 2018 ގެ މީޑިއާ ޕާޓްނަރެވެ.