މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގައި ވާދަކުރާނެ ދާއިރާތައް އިއުލާންކުރުން މާދަމާއަށް ފަސްކޮށްފި އެވެ.
އެމްޑީޕީގެ ފަރާތުން މަޖިލީހުގެ ޕްރައިމެރީއަށް ވާދަކުރާނެ ދާއިރާތައް އިއުލާންކުރުމަށް ފުރަތަމަ ހަމަޖެހިފައިވަނީ މިއަދަށެވެ.
ދާއިރާތައް އިއުލާންކުރުން މާދަމައާ ފަސްކުރިއިރު އެގޮތަށް ނިންމި ސަބަބެއް އެމްޑީޕީއިން ހާމަކޮށްފައެއް ނުވެއެވެ.
މަޖިލިސް އިންތިހާބުގައި އެމްޑީޕީން ކޯލިޝަންގެ ތެރެއިން ވާދަކުރާ އިރު، އެ ޕާޓީއަށް ވެސް ލިބިގެންދާނީ ވަކި ދާއިރާތަކެއްގައި ވާދަކުރުމުގެ ފުރުސަތެވެ. ކޯލިޝަންގައި އެމްޑީޕީގެ އިތުރުން ދެން ހިމެނެނީ ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީ އަދި ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ މައުމޫން ރިފޯމް މޫވްމަންޓް (އެމްއާރްއެމް)އެވެ.
އެމްޑީޕީގެ ޕްރައިމަރީގައި ބައިވެރިވުމާއި ވޯޓު ލެވޭނީ އަންނަ މަހުގެ ހަތްވަނަ ދުވަހާ ހަމައަށް މެމްބާޝިޕް ފޯމު ހުށަހަޅާ ފަރާތްތަކަށެވެ. ހަމަ އެ ދުވަހު ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލުމަށް ވެސް ވަނީ ނިންމައިފައެވެ.
އަންނަ މަހުގެ 13 ވަނަ ދުވަހު ޕްރައިމަރީގެ ވޯޓާސް ލިސްޓު އާންމުކުރުމާއި ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމަށް ނިންމާފައިވާ އިރު، ވޯޓާސް ލިސްޓަށް ޝަކުވާ ބަލައިގަތުމުގެ މުއްދަތު ހަމަވާނީ އަންނަ މަހުގެ 16 ވަނަ ދުވަހުއެވެ. އަދި އަންނަ މަހުގެ 18 ވަނަ ދުވަހު ޕްރައިމަރީގެ ފައިނަލް ވޯޓާސް ލިސްޓު އާންމުކުރުމަށް ނިންމާފައިވެއެވެ.