މިންހާ ފާއިޒް ރަޝާދު
އެމެރިކާގެ ފަސްޓް ލޭޑީ މެލޭނިޔާ ޓްރަމްޕް ކޮވިޑް19 އަށް ނެގަޓިވް ކަމުގައި ވައިޓް ހައުސްގެ ތަރުޖަމާނު ސްޓެފަނީ ގްރިޝަމް ވިދާޅުވެއްޖެއެވެ.
"ފަސްޓް ލޭޑީ ޓެސްޓު ހެއްދެވީ ރައީސް ޑޮނަލްޑް ޓްރަމްޕާއެކު އެއް ރެއެއްގައި. ނަތީޖާ އަދި މި ލިބުނީ." ސްޓެފަނީ ސީއެންއެންއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވިއެވެ.
އިއްޔެ ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޓްރަމްޕްވެސް ވަނީ އަނބިކަނބަލުން ކޮވިޑް19 އަށް ޓެސްޓު ކުރެއްވި ވާހަކަ ވިދާޅުވެފައެވެ. އަދި އެކަމަނާ ރަނގަޅުކަމަށް ވެސް ވިދާޅުވިއެވެ.
ރައީސް ޓްރަމްޕް އަދި އަނބިކަބަލުން ޓެސްޓު ކުރެއްވީ މިމަހު 13ގައެވެ. ޓްރަމްޕް ވެސް ވަކީ ކޮވިޑް19 އަށް ނެގެޓިވް ވެވަޑައިގެންފަ އެވެ.
އެމެރިކާގެ ނައިބު ރައީސް މައިކް ޕެންސް އަދި އަނބިކަނބަލުންވެސް ވަނީ މިދިޔަ ހޮނިހިރު ދުވަހު ޓެސްޓު ކުރައްވާފައެވެ. މައިކްގެ އޮފީހުގެ މުވައްޒަފަކު ޕޮޒިޓިވް ވުމާއެކު އަމިއްލައަށް ގޭ ބަންދުވުމަށްފަހު ހެއްދެވި އެ ޓެސްޓުގެ ނަތީޖާވެސް ނެގެޓިވް އެވެ.
އެމެރިކާގައި މިހާތަން 43600 މީހުން ކޮވިޑް19 އަށް ޕޮޒިޓިވްވެފައި ވާއިރު އިއްޔެއާއި ހަމަޔަށް 550 މީހުން ވަނީ މަރުވެފަ އެވެ.
ރައީސް ޓްރަމްޕް އެމެރިކާ ލޮކްޑައުން ކުރައްވަން ބޭނުންފުޅު ނުވާއިރު މިހާރު ބޭނުންފުޅު ވަނީ ވަޒީފާއަށް ވެސް މީހުން ނުކުތުމަށެވެ. އެގައުމުގައި ބައްޔާމެދު ފުރަތަމަވެސް މާބޮޑު ފިޔަވަޅުތަކެއް ނޭޅުމުގެ ސަބަބުން އޮތީ ނޭދެވޭ ފައްތަރެއްގައެވެ.
މި ކަމާއި ގުޅިގެން ރައީސް ޓްރަމްޕަށް ވަނީ ސިއްހީ ދާއިރާގެ ބައެއް ބޭފުޅުންގެ ފާޑުކިޔުން ވެސް އަމާޒުވެފަ އެވެ. އެ ގޮތުން މި ހާލަތުގައި ގައުމު ހިންގަވަން ޓްރަމްޕަށް އެނގިވަޑައިނުގަންނަވާ ކަމަށް ބުނެ ޓްރަމްޕް މަގާމުން އިސްތިއުފާދެއްވުމަށް ވެސް ބައެއް ފަރާތްތަކުން ވަނީ ގޮވާލާފަ އެވެ.