45 މިނެޓުތެރޭގައި ކޮރޯނާވައިރަހަށް ޓެސްޓު ކުރެވޭ ކިޓެއް އުފައްދައިފިއެވެ.
ކެލިފޯނިއާގެ ކުންފުންޏެއް ކަމަށްވާ ސެފިޑް އިން އުފެއްދި އެ ޓެސްޓިން ކިޓަށް މިދިޔަ ހުކުރު ދުވަހު ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަނުން ވަނީ ހުއްދަ ދީފައެވެ.
އެހެންކަމުން މިހަފުތާ ތެރޭގައި ކިޓްތައް އެހެން ގައުމުތަކަށް ފޮނުވަން ފަށާނެ ކަމަށް އެކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.
"ހޮސްޕިޓަލުތަަކަށް ބާރު ބޮޑުވެފައިވާ މިދަނޑިވަޅުގައި، ސިއްހީ ފަރާތްތަކަށް އެންމެ ބޮޑަށް ބޭނުން ވާނީ ވީހާވެސް އަވަހަށް ބަލި މީހުން ޓެސްޓު ކުރެވޭނެ ނިޒާމެއް" ސެފެޑްގެ ޗީފް މެޑިކަލް އެންޑް ޓެކްނޮލޮޖީ އޮފިސަރު ޑރ. ޑޭވިޑް ޕާސިން ވިދާޅުވިއެވެ.
އަވަހަށް ޓެސްޓު ކުރެވޭނެ ކިޓެއް ތައާރަފުކޮށްފައި މިވަނީ ގައުމުތަކުގައި ކޮވިޑް19 ހަލުވިކަމާއެކު ފެތުރެމުންދާ ވަގުތެއްގައި އެފަދަ ކިޓެއްގެ ބޭނުންތެރިކަން މުހިންމު ދަނޑިވަޅެއްގަ އެވެ.
އެމެރިކާގެ ހޮސްޕިޓަލުތަކާއި ކްލިނިކްތަކަށް ވެސް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ޓެސްޓު ކުރުމުގެ ދަތިކަންކަން ކަމަށް އެގައުމުން ވަނީ ބުނެފަ އެެވެ.
އެމެރިކާގައި އިއްޔެއާއި ހަމަޔަށް 195000 މީހުން ޓެސްޓު ކޮށްފައިވާއިރު 22000 މީހުން ވަނީ ކޮވިޑް19 އަށް ޕޮޒިޓިވްވެފައި ކަމަށް އެގައުމުގެ ނައިބު ރައީސް މައިކް ޕެންސް، އިއްޔެ ވަނީ އިއުލާނު ކުރައްވާފައެވެ.
ނައިބު ރައީސްގެ އޮފީހުގެ މުވައްޒަފަކުވެސް ކޮވިޑް19 އަށް ޕޮޒިޓިވް ވުމާއި ގުޅިގެން ޕެންސް އަދި އަނބިކަބަލުން ވެސް ޓެސްޓުކުރައްވަން ނިންމަވާފައިވާކަން އިއްޔެ ވަނީ ހާމަކުރައްވާފައެވެ.