ސްރީލަންކާ

ކޮވިޑް 19 : ލަންކާގައި ކާފިއު އަންގާރަ ދުވަހުގެ ހެނދުނު 06:00 އަށް އިތުރުކޮށްފި

މިންހާ ފާއިޒް ރަޝާދު

ކޮވިޑް19 ފެތުރުމާއެކު ކޮންޓްރޯލު ކުރުމަށް އަވަށްޓެރި ސްރީލަންކާގެ ހުރިހާ ސަރަހައްދަކަށް މިމަހު 20ގައި އިއުލާނުކުރި ކާފިއުގެ މުއްދަތު އިތުރުކޮށްފި އެވެ.

ލަންކާގައި ކާފިއުގެ މުއްދަތު މި އިތުރު ކުރީ އިއްޔެ ނިޔަލަށް، ކޮވިޑަށް ޕޮޒިޓިވް 77 މީހަކު ފެނިފައި ވުމުގެ ސަބަބުންނެވެ.

އެގޮތުން ކޮލޮމްބޯ، ގަމަޕަހާ އަދި ޕަތުލާމްގެ ކާފިއު އަންގާރަ ދުވަހުގެ ހެނދުނު 06:00 އާއި ހަމަޔަށް ވަނީ އިތުރު ކޮށްފައެވެ. އެހެން ހިސާބުތަކަށް ހޯމަ ދުވަހުގެ ހެދުނު ހަޔަކުން މެންދުރު ދެޔަކަށް ހުޅުވާލުމަށް ހަމަޖައްސާފައިވާ ކަމަށް ވެއެވެ. އަދި އަނެއްކާވެސް އެދުވަހު ދެޔަކުން އަންގާރަ ދުވަހު ހަޔަކަށް އެހިސާބުތައްވެސް އޮންނާނީ ކާފިއުގައި ކަމަށް ލަންކާގެ ރައީސްގެ އޮފީހުން ބަޔާނެއްގައި ބުނެފައި ވެއެވެ.

ލަންކާގައި ކާފިއު އިއުލާނު ކޮށްފައިވާ މުއްދަތުގައި އެގައުމުގައި ދިރިއުޅޭ ދިވެހިން ސަރުކާރުގެ އިރުޝާދުތަކަށް ސަމާލުވުމަށް އެގައުމުގައި ހުންނަ ދިވެހި ހައިކޮމިޝަނުން އަދި ރާއްޖޭގެ ފޮރިން މިނިސްޓްރީން ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.