ކޮލަމް

ވޯޓުގެ ޝަރްޢީ ޙައިޘިއްޔަތު

އަބްދުﷲ ފާރޫގް ހަސަން

2

ތަރުޖަމާ : އަބްދުﷲ ފާރޫގު ޙަސަން

ނޯޓު: މިއީ ޕާކިސްތާނުގެ މަޝްހޫރު ދީނީ ޢިލްމުވެރިޔެއްކަމުގައްޔާއި ސިޔާސީ ޝަޚްޞިއްޔަތެއްކަމުގައި ހިމެނިވަޑައިގަންނަވާ މައުލާނާ ކައުޘަރު ނިޔާޒީ ވިދާޅުވެފައިވާ ހުކުރު ޚުޠުބާއެއްގެ ތަރުޖަމާއެކެވެ. އަޅުގަނޑު މިޚުޠުބާ ތަރުޖަމާކުރުމުގައި އަސްލަކަށް ބެލީ މައުލާނާގެ ތަގްރީރުތަކުގެ މަޖްމޫއާ އަންދާޒެބަޔާނެވެ.

މައުލާނާ ކައުޘަރު ނިޔާޒީ ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވީ 21 އެޕްރީލް 1934 ގައެވެ. މައުލާނާގެ ޒުވާން އުމުރުފުޅުގައި ކިޔަވައިވިދާޅުވާން އުޅުއްވަމުންވަނީ އަމަލީ ސިޔާސަތުގައި ބައިވެރިވެވަޑައިގަންނަވާން ފައްޓަވައިފައެވެ. އޭނާއަކީ ޕަންޖާބު ޔުނިވަރސިޓީގެ މުސްލިމު ސްޓޫޑެންޓްސް އެސޯސީއޭޝަންގެ ޖެނަރަލް ސެކްރެޓަރީކަން އެތައް ދުވަހެއްވަންދެން ކުރައްވައިފައިވާ ބޭފުޅެކެވެ.

މައުލާނާ ކައުޘަރު ނިޔާޒީ ވަނީ ޕަންޖާބު ޔުނިވަރސިޓީން އޮނަރޒް ހާސިލުކުރައްވައިފައެވެ. އުރުދޫ ބަހާއި، އަރަބިބަހާއި، ފާރިސީބަހުންނެވެ. ކިޔަވައިވިދާޅުވެ ނިންމެވުމާއެކު ނޫސްވެރިކަމާގުޅިވަޑައިގެންނެވިއެވެ. ލާހޫރުގައި ޝާއިޢުކުރެވުނު ދުވަހުނޫހުގެ ދެނޫސްކަމުގައިވާ "ތަސްނީމު" އާއި "ކައުޘަރު" ގެ އެޑިޓަރކަން ކުރެއްވިއެވެ. 1960 ގައި ޝިހާބުގެ ނަމުގައި ހަފުތާމަޖައްލާއެއް ނެރުއްވިއެވެ. ނަވާރަސަތޭކަ ހައްޓީގެ އަހަރުތަކުގައި އަސްކަރީ ޑިކްޓޭޓަރ ޝިޕާ ދެކޮޅަށް ޕާކިސްތާނުގެ އާއްމުން ތެދުވެ ހަރަކާތްތެރިވަމުން ދިޔަދުވަސްވަރު ޕާކިސްތާނުގައި އެންމެ ހިނގި ހަފުތާ މަޖައްލާއަކީ ޝިހާބެވެ.

މައުލާނާ ކައުޘަރު ނިޔާޒީ ޕާކިސްތާނު ޕީޕަލްސްޕާޓީއާ ގުޅިވަޑައިގެންނެވީ 1970 ގައެވެ. އޭނާ ޕީޕަލްސްޕާޓީގެ އިންފޮރމޭޝަން ސެކްރެޓަރީކަން ކުރެއްވިއެވެ. ޖަނަރަލް ޔަހްޔާޚާނުގެ ސަރުކާރުގައި މާޝަލްލޯ ކޯޓަކުން މައުލާނާ ކައުޘަރު ނިޔާޒީގެ މައްޗަށް ވަނީ ފަސްއަހަރު ދުވަހަށް ޖަލަށް ލުމުގެ ހުކުމެއް ކަނޑައަޅައިފައެވެ. އޭނާގެ ލިޔުއްވުންތަކާއި ތަޤްރީރުތަކުގެ ސަބަބުންނެވެ. ނަމަވެސް ހަމަ އެއަހަރުގެ ޑިސެންބަރ މަހު ބޭއްވި ރައްޔިތުންގެ މަޖްލިސްގެ އިންތިޚާބަށް އޭނާ ކުރިމަތިލެއްވިއެވެ. ޖަލުގައި ހުންނަވައިގެންނެވެ. އިންތިހާބުގައި އެއްލައްކައަށްވުރެގިނަ ވޯޓު ހޯއްދަވައިގެން އޭނާ މެންބަރުކަމަށް އިންތިޚާބުވެވަޑައިގެންނެވިއެވެ. މައުލާނާއާ ވާދަކުރެއްވި ހަތްކެޑިޑޭޓުންގެ ޑިޕޮޒިޓް ވަނީ ސަރުކާރަށް ހިފެވިފައެވެ. ކަނޑައެޅިފައިވާ އަދަދަށް ވޯޓު ލިބިވަޑައިނުގެންނެވުމުގެ ސަބަބުންނެވެ.

ޒުލްފިޤާރު އަލީ ބުއްޓޫއަށް ޕާކިސްތާނުގެ ވެރިކަން ލިބިވަޑައިގަތުމާއެކު ކައުޘަރު ނިޔާޒީ އަށް އިންފޮމޭޝަނާއި ޙައްޖާއި އައުޤާފާބެހޭ ގޮތުން ލަފާދެއްވާ ޚާއްޞަ މުޝީރުކަން ދެއްވިއެވެ. 28 ޑިސެމްބަރު 1971 ގައެވެ. ކައުޘަރު ނިޔާޒީ އަށް އިންފޮރމޭޝަން މިނިސްޓަރ ކަން ލިބިވަޑައިގެންނެވީ 6 މާޗް 1972 ގައެވެ. ޕާކިސްތާނުގައި އެންމެ ފުރަތަމަ އުފެދުނު ދީނީކަންކަމާބެހޭ ވުޒާރާގެ ވަޒީރުކަން ލިބިވަޑައިގެންނެވީވެސް އޭނާއަށެވެ. 22 އޮކްޓޫބަރު 1974 ގައެވެ.

މައުލާނާ ކައުޘަރު ނިޔާޒީ އަކީ ޢިލްމީ ވަރަށް ގިނަ ފޮތްތަކެއްގެ މޫޞަންނިފެކެވެ. އޭގެތެރެއިން ބައެއް ފޮތްވަނީ އަރަބި ބަހަށާއި، ފާރިސީބަހަށާއި، އިނގިރޭސީބަހަށް ތަރުޖަމާ ކުރެވިފައެވެ. އޭނާގެ ގަލަންކޮޅާއި ދޫފުޅުން ބޭރުކުރައްވާ ކޮންމެ ލަފުޒަކީ ޕާކިސްތާނުގެ އާއްމުންނަށް އަލިކަމާއި އުއްމީދުގެ މެސެޖެކެވެ. ނަމަވެސް އާއްމުން ހަފުސްކުރަމުންގެންދިޔަ ގަދަބަދަވި ކަމުގެ ނިޒާމަށްޓަކައި އެއީ އަނގުރު އަލިފާނެވެ.

އެޚުތުބާއެއްގެ ތަރުޖަމާ ވިދާޅުވަމުން ތިޔަގެންދަވާ ޚުތުބާއާ ބެހޭގޮތުން މައުލާނާ އަމިއްލަފުޅަށް ލިޔުއްވައިފައިވެއެވެ. "1962 ގައި ޕާކިސްތާނު އޮތީ މާޝަލްލޯގެ ދަށުގައެވެ. ސިޔާސީ ޖަމާއަތްތައް އޮތީ މަނާކޮށްފައެވެ. ދުލާއި ގަލަންވަނީ ފާރަވެރީންގެ ބެލެހެއްޓުމުގެ ދަށުގައެވެ. މިދެންނެވި ފަސްމަންޒަރުގައި އަސާސީ ޖުމްހޫރިއްޔަތެއް އުފައްދާވާހަކައާއި، އިންތިހާބުގެ ވާހަކަ ދެކެވޭންފަށައިފިއެވެ. ޕާކިސްތާނު ދެކެ ލޯބިވާ ފަރާތްތަކަށް އިންތިޚާބުގައި ކާމިޔާބު ލިބޭނެކަމުގެ އެއްވެސް އުންމީދެއް ނެތެވެ. އެއްވެސް ރޭވުންތެރިކަމަކަށްވެސް އިންތިޒާމަކަށްވެސް ފުރުސަތުލިބިފައިނުވާތީއެވެ. މިދެންނެވި ފަސްމަންޒުގައި ވޯޓުގެ ޝަރްޢީ ހައިޘިއްޔަތާ މެދު އަޅުގަނޑު ހުކުރު ޚުތުބާއެއްގައި ވާހަކަ ދެއްކީމެވެ. ވޯޓަރުންގެ ފިކުރީ ތަރުބިއްޔަތަށްޓަކައެވެ. އަޅުގަނޑު ނެރޭ ހަފުތާ މަޖައްލާ ޝިހާބުގައިވެސް އެޚުޠުބާ ޝާއިޢުކުރީމެވެ. އޭގެފަހުން ކިޔުންތެރީން މާބޮޑަށް އެދެމުންދާތީ ލުއިފޮތެއްގެ ސިފައިގައިވެސް އެޚުޠުބާ ނެރުނީމެވެ. މިއީ، މި މައިގަނޑު ނަމުގައި ދީނީ ހައިޘިއްޔަތަކުން ފާޅުކުރެވުން އެންމެ ފުރަތަމަ ޚިޔާލުކަމުގައި ވެދާނެއެވެ. އެހެންކަމުން އެލުއިފޮތް އާއްމުންގެ މެދުގައި ވަރަށް ބޮޑަށް މަޤްބޫލުވިއެވެ. އިންތިޚާބުގެ ކުރީން އެފޮތުގެ އެއްލައްކަ ކޮޕީ ވަނީ އަތުފަތުނުޖެހި ވިކި ހުސްވެފައެވެ. ޕުޝްތޫބަހަށާއި، ސިންދީބަހަށް ވެސް އެ ފޮތްވަނީ ތަރުޖަމާކުރެވިފައެވެ.

އަޅުގަނޑު މިއަގުހުރި ޚުތުބާ ތާނަ މިކުރަނީ ވަކި ކުލައަކަށް ތާއީދުކޮށް އެކުލައަކުން ދިވެހި ޖައްވުގައި ކުލަޖެއްސުމުގެ ގޮތަކުންނޫނެވެ. ވަކިބަޔަކަށް އިންތިޚާބީ މަންފާ ހޯދައިދިނުމުގެ ގޮތަކުންވެސް ނޫނެވެ. އަދި ކީއްތޯއެވެ. އަޅުގަނޑުގެ އޮތީ އެންމެ މަޤްޞަދެކެވެ. އެއީ ޚާއްޞަކޮށް ދީނީ އަދި ޤައުމީ ފިކުރަށް ފެންދީ ތާޒާކުރުވުމެވެ.

ޖުމްހޫރީ ޤައުމުތަކުގައި ގަވާއިދުން އިންތިޚާބުތައް ބާއްވަމުންގެންދެއެވެ. އަދިކީއްތޯއެވެ؟ ދޭތެރެ ދޭތެރެއިން "ފަޅި އިންތިޚާބުތައް" ވެސް ބާއްވައެވެ.އިންތިޚާބުގެ މޫސުން ފެށޭންކައިރިވުމުން ކެނޑިޑޭޓުން ވަރަށް ދުރާލާ ހަރަކާތްތެރިވާން ފަށައެވެ. އިންތިޚާބު ކައިރިވަމުން އައިއައިހެން އެފަރާތްތަކުގެ ފޯރިގަދަވެއެވެ. ޖޯޝު އިތުރުވެއެވެ. ބައެއްމީހުން ދިރިއުޅުމަށްޓަކައި ކުރާ މަސައްކަތަކީ އިންތިޚާބެވެ. އެމީހުން އިއްޒަތާއި ޝަރަފުކަމުގައި ބަލަނީ އިންތިޚާބެވެ. އެފަދަމީހުންގެ ބޮޑުސާހިބު ވަންތަކަން ދެމިއޮންނަނީ އިންތިޚާބުގެ ޒަރީޢާއިންނެވެ.

އެހެންކަމުން އެމީހުން އިންތިޚާބީ ހަނގުރާމައިގެ ފަންނަށް ވަރަށް އަހްލުވެރިއެވެ. ހަދާންޖެހޭ އުކުޅުތަކާއި، މަސައްކަތް ފަށާންވީ ކިހައިހިސާބަކުންކަން ވަރަށް ރަނގަޅަށް ދަނެއެވެ. އަޅައިނުލައިތިބެ މާބޮޑަށް ލަސްވެއްޖެނަމަ މަޤްޞަދު ހާސިލުކުރުން ލައްކަ ތުރާވާނެކަންވިސްނައެވެ. އަނެއްކޮޅުން ދީންވެރިކަމުގެ މައިދާނުގައި ދިރިއުޅޭ މާތްﷲ އާއި އެކަލާނގެ ރަސޫލާދެކެ ލޯބިވާ މީހުން ބޭނުންވަނީ ހަމައެކަނި އެދާއިރާއަށް ތިމައުރެން ޚާއްސަވުމަށެވެ. ހަމައެކަނި އެކަމަށް ހުސްވެގެންތިބުމަށެވެ. އިންތިޚާބާ މެދު އެމީހުން ދެކެނީ ދުނިޔަވީ ކޯޅުންގަނޑެއްކަމުގައެވެ. އެބައި މީހުންގެ ޚިޔާލުގައި ދީނާއި އިންތިޚާބާ އެއްވެސް ގުޅުމެއްނެތެވެ. އިންތިޚާބުގައި ބައިވެރިވުމާއި އެކަމުގައި ކޮޅުކޮޅުމައްޗަށް ދުވެހެދުމަކީ އެފަދަ މީހުންގެ ނަޒަރުގައި ބޭކާރުކަމެކެވެ. ވަގުތު ނަގައިލުމެކެވެ. އެހެންކަމުން އިންތިޚާބު އައިސް ބޯމަތިވާއިރުވެސް އެމީހުންތިބެނީ ގޭގައި ބަންދުވެގެންނެވެ. އެގޮތުން ތިމާމެންގެ ވާޖިބު އަދާކުރުމުގެ މަސައްކަތުން އެމީހުންނަށް ރެކިގަނެވެއެވެ. އަޅުގަނޑުގެ އެދުމަކީ އަޅުގަނޑުގެ ދީންވެރި އަޚުންގެ މިކުށްހީ ދުރުކޮށްދިނުމެވެ.

އިސްލާމްދީނަކީ ހަޔާތުގެ ފުރިހަމަ ނިޒާމެކެވެ.

އަޅުގަނޑަށް ހީވާގޮތުގައި މިދެންނެވިކުށްހީ އުފެދޭން ޖެހުނީ އަޅުގަނޑުގެ އިސްވެދެންނެވި ރަހްމަތްތެރިންނަށް އިސްލާމްދީނަކީ ހަމައެކަނި ބައެއް ބާވަތުގެ އަޅުކަމުގެ މަޖްމޫއާއެއްކަމުގައި ވިސްނިވަޑައިގެންފައި އޮތުމުގެ ސަބަބުންނެވެ. ނަމަވެސް ޙަޤީޤަތުގައި އިސްލާމްދީނަކީ ޙަޔާތުގެ ފުރިހަމަ ނޮޒާމެކެވެ. އެދީނަކީ އަޅުގަނޑުމެންނަށް މިދުނިޔޭގައި ދިރިއުޅޭނެގޮތުގެ ފުރިހަމަ އަދަބުތަކާއި ގޮތްބާވަތްތައް ދަސްކޮށްދޭ ދީނެކެވެ. އެދީން ޤިޔާމާއި، ޤުޢޫދާއި: ރުކޫޢާއި ސުޖޫދު ކުރާނެގޮތުގެ ބާވަތް ދަސްކޮށްދޭއިރު ފަނޑިޔާރަކަށް ނުވަތަ ޤާޟީއަކަށް ވެވި ނިޔާކަނޑައަޅާ ގޮނޑީގައި އިށީދެވިއްޖެނަމަ ހުކުމްކުރާނެގޮތްވެސް ދަސްކޮށްދެއެވެ. އިސްލާމްދީން ރޯދައިގެ އަދަބުތަކާއި ހައްޖުވާނެ މަގުތައް ދަސްކޮށްދޭ ފަދައިން ވިޔަފާރިވެރިޔަކަށް ވެގެން ވިޔަފާރީގެ ހަރަކާތް ހިންގާއިރު ހުންނާންޖެހޭ އިންތަކާއި ބޭރަށް ނުކުމުގެން ނުވާނެ ދާއިރާތައްވެސް ބަޔާންކޮށްދެއެވެ. އިސްލާމްދީން މިންބަރާއި، މިޙުރާބުގޭގެ ކަންކަން އުނގަންނައިދޭއިރު ތަޚުތުތަކާއި ދަރުބާރުތަކުގައި ކަންކުރާންޖެހޭގޮތްތަކާއި ހަމަތަކާއި އުސޫލުތައްވެސް ބުނެދެއެވެ. ޝައްކެއްނެތެވެ. އިސްލާމްދީނަކީ ހަޔާތުގެ ފުރިހަމަ ނިޒާމެކެވެ. އެދީން ދަސްކޮށްދޭ އިންތަކާއި މިންތަކާ އުސޫލްތަކާއެއްގޮތަށް ދުނިޔަވީ ކަމެއްކުރިޔަސް އެކަމެއްވާނީ ދުނިޔަވީ ކަމެއްކަމަށެއް ނޫނެވެ. އަދިކީއްތޯއެވެ. އެކަމެއްވާނީ އަޅުކަމަކަށެވެ. ދީނުގެ ކަމަކަށެވެ. އިންތިޚާބުގެ ކަންކަމާމެދުވެސް އަޅުގަނޑުމެން ވިސްނާންޖެހެނީ މި ގިއުގަނޑުގެ ތެރޭގައެވެ. އަޅުގަނޑު ޔަޤީންކޮށް އަރުވަމެވެ. ތިޔަބޭފުޅުން ޖަޒުބާތިއްޔަތުން އެއްކިބާވެ ވަޑައިގެން ފިނިސިކުނޑިފުޅަކުން ވިސްނައިވަޑައިގެންފިނަމަ ހޯއްދެވޭނެ ނަތީޖާއަކީ މިހާރަކަށް އައިސް އެކިއެކި ހީލަތްތަކާއި މަކަރުވެރި އުކުޅުތަކުން ޝާއިޠާނީ ޢަމަލެއްކަމުގައި ހަދައިފައިވާ އިންތިޚާބުވެސް އޭގެ އަނެއްކޮޅަށް ބަދަލުކޮށްލެއްވިދާނެކަމެވެ. ޝަރީއަތާ އެއްގޮތަށް އިންތިޚާބީ ހަރަކާތްތައް ކުރިޔަށް ގެންދަވައިފިނަމަ ޝައިޠާނީކަމެއް ރައްބާނީ ނުވަތަ ރަހްމާނީ ކަމަކަށް ހައްދަވައިލެއްވިދާނެކަމެވެ.

ވޯޓަކީ ކޮން އެއްޗެއްތޯއެވެ. ވޯޓުގެ ބޭނުންކުރާންވާނީ ކޮންކަހަލަ ބަޔަކަށް ލާބައާއި މަންފާކުރާ ގޮތަކަށްތޯއެވެ. މިކަމާބެހޭގޮތުންވެސް އަޅުގަނޑުމެންގެ ދީނުގައިވަނީ ވަރަށް ސަރީޙުކޮށް އިރުޝާދުދީފައެވެ. އެކަމުގައި އެދީނުގެ އިންތަކާއި އިރުޝާދުތައްހާމަކޮށްދީ އޮޅުންފިލުވައިދީފައެވެ. ހިތާމަޔަކީ އަޅުގަނޑުމެންނަށް ދެލޯމަރައިލައިގެންތިބެ ހުޅަނގުގެ ހޭޑިފޭޑީގެ ސިޔާސަތަށް ތަބާވާން އާދަވެފައިވާކަމެވެ. މިމޭރުމުން އިސްލާމީ ސިޔާސަތުގެ އުސޫލުތަކާމެދު ވިސްނައިލުމުގެ ބޭނުންތެރިކަން އަޅުގަނޑުމެން އިހްސާސް ނުކުރާކަމެވެ.
ނުނިމޭ

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟